ދަނޑުވެރިންނަށް 13 މިލިއަން ރުފިޔާގެ ލޯން ދޫކޮށްފި

ދަނޑުވެރިއެއް: ދަނޑުވެރިންނަށް 13 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައި -- ފޮޓޯ/ އިސްމާއިލް ޝަފީއު

ލޯނުގެ ގޮތުގައި މި ސަރުކާރުން ދަނޑުވެރިން 13 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާ ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ.

ހަ މަސް ދުވަހުގެ މަސައްކަތް ހިއްސާކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މަރިޔަމް ވިޝާމާ ވިދާޅުވީ، ނިމުނު އޭޕްރީލް މަހާ ހަމައަށް ލޯނުގެ ގޮތުގައި ދަނޑުވެރިންނަށް ޖުމުލަ 13 މިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، މިދިޔަ މަހުގެ 30 އާ ހަމައަށް އަމިއްލަ ފަރުދުންނަށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އަދި، ކުންފުނިތަކަށް އަށް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

"އޭޕްރީލް މަހުގެ 30 އާ ހަމައަށް އަމިއްލަ ފަރުދުންނަށް ހަތަރު މިލިއަން ނުވަ ލައްކަ ރުފިޔާގެ ލޯން ވަނީ ދޫކުރެވިފައި. އަދި، ކުންފުނިތަކަށް އަށް މިލިއަން ދެ ލައްކަ ރުފިޔާ، ޖުމްލަ ގޮތެއްގައި 13 މިލިއަން ދެ ލައްކަ ރުފިޔާގެ ލޯން ވަނީ މިހާތަނަށް ދޫކުރެވިފައި،" ވިޝާމާ ވިދާޅުވިއެވެ.

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގެ ތެރެއިން ---

އެސްއެމްއީ ޑިވޮލޮޕްމަންޓު ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާއާ ގުޅިގެން 'ދަނޑުވެރި ނަފާ'ގެ ނަމުގައި ކުރިއަށްގެންދާ މި ލޯނު ސްކީމަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިކަން ކުރަން މާލީ އެހީތެރިކަން ފޯރުކޮށްދީ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ދޫކުރާ ލޯނެކެވެ.

މި ލޯން ޕްރޮގްރާމްގެ ތެރެެއިން ރަހުނަކާނުލައި އެއް ލައްކަ ރުފިޔާއާއި ދެ މިލިއަން ރުފިޔާއާ ދެމެދުގެ ލޯނުތައް ދޫކުރެވޭނެ ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދަނޑުވެރިންގެ ދަފުތަރުގައި މި ވަގުތު 7600 ދަނޑުވެރިން ތިބިއިރު އޭގެ ތެރެއިން 53 އިންސައްތައަކީ އަންހެން ދަނޑުވެރިން ކަމަށާއި އަދި 47 އިންސައްތައަކީ ފިރިހެން ދަނޑުވެރިން ކަމުގައެވެ.

comment ކޮމެންޓް