ކުދިންތަކެއް ކަރަންޓުގައި ޖެހުނީ އީއެލްސީބީ ހަރުނުކުރާތީ، ހުރިހާ ރަށެއްގައި އިންސްޕެކްޝަން ހަދަނީ

އުނގޫފާރުގައި ކުޑަކުދިންތަކެއް ކަރަންޓުގައި ޖެހުނު ސަރަހައްދު: އެ ހާދިސާ ހިނގީ އީއެލްސީބީ ހަރުނުކުރާތީ ކަމަށް ފެނަކައިން ވަނީ ބުނެފައި -- ފޮޓޯ/ އުނގޫފާރު.ކޮމް

ރ. އުނގޫފާރުގައި ކުޑަކުދިންތަކެއް ކަރަންޓުގައި ޖެހުނު ހާދިސާއަށް ފަހު، ފެނަކައިން ޚިދުމަތްދޭ ހުރިހާ ރަށެއްގައި އިންސްޕެކްޝަނެއް ހަދަން ފަށާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު، އުނގޫފާރު ކުޑަކުދިންގެ ޕާކު ކުރިމަތީގައި ހުރި މަގުބައްތިއެއް ކައިރީގައި އޮތް ފެންކޯރެއްގައި ކުޅެން ތިބި ކުދިންތަކެއް ކަރަންޓުގައި ޖެހި، އަނިޔާވިއެވެ. އެ ހާދިސާގައި އަނިޔާވި އެކަކުގެ ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގައި ފަރުވާދިނުމަށް ފަހު އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފައެވެ.

ގިނަ ރަށްރަށުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު މިއަދު 'ސަން'އަށް ވިދާޅުވީ، އުނގޫފާރުގައި ހިނގި ހާދިސާގައި ކަންތައް ހިނގާދިޔަ ގޮތުން ރަށްރަށުގައި ކަރަންޓުގެ ކަންކަން ހުރީ ގަވާއިދާ އެއްގޮތަށްތޯ ބަލަން އިންސްޕެކްޝަން ހަދަން ނިންމައި، އެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

https://sun.mv/192349

އުނގޫފާރުގައި ހިނގި ހާދިސާ ހިނގަން މެދުވެރިވީ ހޮޅި ދަނޑީގައި ހަރުކުރަން ޖެހޭ އީއެލްސީބީ (އާތު ލީކޭޖް ސާކިޓް ބްރޭކާ)އެއް ހަރުނުކުރެވި ހުރުމުގެ ސަބަބުން ކަމަށް މުއާޒް ވިދާޅުވިއެވެ. އަދި، އޭރު ކަރަންޓު ހޮޅި ދަނޑިއަށް ކަރަންޓު އަންނަ ގޮތަށް ހޮޅި ދަނޑީގައި ޖެހިފައި ކޭބަލެއް އޮތްކަން ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

އޭނާ ވިދާޅުވީ، ހޮޅި ދަނޑިތަށް ދިއްލުމާއި ބަނދަރުތައް ދިއްލުމުގެ ޚިދުމަތަކީ ކައުންސިލުތަކުން ދޭ ޚިދުމަތެއް ކަމަށެވެ. ނަމަވެސް، އޭގެ ކަރަންޓުގެ ކަންކަން ގަވާއިދާ އެއްގޮތަށް ހުރިތޯ ޔަގީންކޮށް ގަވާއިދަށް އެ ތަންތަން ފެއްތުމަކީ ފެނަކައިގެ ޒިންމާއެއް ކަމަށް މުއާޒް ވިދާޅިވިއެވެ.

ފެނަކައިގެ އެމްޑީ މުއާޒް: އޭނާ ވިދާޅުވީ ހުރިހާ ރަށެއްގައި އިންސްޕެކްޝަން ހަދާ ކަމަށް -- ފޮޓޯ/ ފެނަކަ

"މި ކަން ފާހަގަކުރެވުމާއެކީ މިހާރު އަޅުގަނޑުމެން ނިންމާފައި އޮންނާނީ އެގޮތަށް [އިންސްޕެކްޝަން] ކުރިއަށް ގެންދަން،" މުއާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އިންސްޕެކްޝަނުގެ މަސައްކަތް ފަށައިގެން މިހާރު ކުރިއަށްދާ ކަމަށެވެ. އަދި، މި މަސައްކަތް ހަފުތާއެއްގެ ތެރޭގައި އެއްކޮށް ނިންމޭނެ ކަމަށް އުންމީދުކުރައްވައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކަރަންޓުގައި ޖެހިގެން އުނގޫފާރުގައި ކުޑަ ދެ ކުއްޖަކަށް އަނިޔާވިއެވެ. އެކަމަކު، އެންމެ ބޮޑަށް ހާލު ދެރަވީ އެ ކުދިން ސަލާމަތްކުރަން ދިޔަ 18 އަހަރުގެ ޒުވާނެއްގެއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ވެންޓިލޭޓަރުގައި އޭނާއަށް ފަރުވާދިނުމަށް ފަހު މިހާރު ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައެވެ.

comment ކޮމެންޓް