ކަރަންޓުގައި ޖެހިގެން އުނގޫފާރުގައި ކުޑަ ދެ ކުދިންނަށް ފަރުވާދެނީ

ރ. އުނގޫފާރު: އެ ރަށުގައި ދެ ކުއްޖަކު ކަރަންޓުގައި ޖެހި މިހާރު އަވަސް ފަރުވާ ދެނީ -- ފޮޓޯ/ އުނގޫފާރު.ކޮމް

ކުޅެން އުޅުނު ދެ ކުޑަކުއްޖަކު ކަރަންޓުގައި ޖެހިގެން މިއަދު ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އަވަސް ފަރުވާދޭން ފަށައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު 13:40 އެހާކަންހާއިރެވެ.

އެ ހޮސްޕިޓަލުގެ އޮފިޝަލަކު 'ސަން'އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ހާދިސާއާ ގުޅިގެން ތިން ކުއްޖަކަށް އެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އެކަމަކު، ކަރަންޓުގައި ޖެހިގެން ފަރުވާދެމުން އަންނަނީ ދެ ކުދިންނަށެވެ. ތިންވަނަ ކުއްޖާއަށް ފަރުވާދެމުން އަންނަނީ އެ ހާދިސާ ފެނި، ބިރުން ގޮތްވެގެންނެވެ.

މި ހާދިސާގައި ފަރުވާދެމުން އަންނަނީ 12 އަހަރުގެ އަންހެން ކުއްޖަކާއި އުމުރުން 14 އަހަރާއި 18 އަހަރުގެ ދެ ފިރިހެން ކުދިންނަށެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، އުނގޫފާރު ކުޑަކުދިންގެ ޕާކު ކުރިމަތީގައި ހުރި މަގުބައްތިއެއް ކައިރީގައި އޮތް ފެންކޯރެއްގައި ކުޅެން ތިބި ކުދިންތަކެއް ކަރަންޓުގައި ޖެހިގެން މެންދުރު 13:30 އެހާކަންހާއިރު ރިޕޯޓުކޮށްފައިވެއެވެ.

ފުލުހުން ބުނީ، ކަރަންޓުގައި ޖެހިގެން އަނިޔާވީ 12 އަހަރުގެ އަންހެން ކުއްޖާއާއި 18 އަހަރުގެ ފިރިހެން ކުއްޖާއަށް ކަމަށެވެ. އަދި، 14 އަހަރުގެ ފިރިހެން ކުއްޖާއަށް ފަރުވާދެމުން އަންނަނީ އެ މަންޒަރު ފެނި ގޮތްވެގެންނެވެ.

އެ ކުދިންނަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، އެ ކުދިންގެ ހާލާ ގުޅޭ ގޮތުން އެ ހޮސްޕިޓަލުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.

comment ކޮމެންޓް