ފުލުހުންނަށް ބިރުދެއްކި ކަމަށް ބުނާ ތިން މީހުންގެ ބަންދަށް އިތުރު 22 ދުވަސް

މާޗް 5، 2021: ފުލުހުންތަކެއް: ފުލުހުންނަށް ބިރުދެއްކި ކަމަށް ބުނާ މީހުންގެ ބަންދަށް ވަނީ އިތުރު 22 ދުވަސް ޖަހާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި މަހު 18 ވަނަ ދުވަހު ފުލުހުންތަކަކަށް އިންޒާރުދީ، ބިރުދެއްކި ކަމުގެ ތުހުމަތުވާ ތިން މީހުންގެ ބަންދަށް ވެސް އިތުރު 22 ދުވަސް ޖަހަން އިއްޔެ ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ކުލަ ހެދުމުގައި ތިބި ފުލުހުންތަކަކަށް މަގުމަތިން އިންޒާރުދީ، ބިރުދައްކައި، މާރާމާރީ ހިންގަން މަސައްކަތްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވީ މި މަހުގެ 18ވީ ހޮނިހިރު ދުވަހުގެ ރޭ 10:00 އެހާކަންހާއިރެވެ.

އެ މައްސަލައިގައި ފުލުހުން ތިން މީހަކު ހައްޔަރުކުރިއެވެ. އެއީ:

  • އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއް
  • އުމުރުން 39 އަހަރުގެ ދެ ދިވެހި ފިރިހެނުން

ފާހަގަކޮށްލެވޭ ގޮތުގައި މި ތިން މީހުންނަކީ ކުށުގެ ރިކޯޑު އޮތް ތިން މީހުންނެވެ.

ޖެހިގެން އައި 19 ވަނަ ދުވަހު އެ މީހުން ފުރަތަމަ ހައްޔަރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ ތިން މީހުންގެ ބަންދަށް ވެސް ހަތް ދުވަސް ޖަހައިފައެވެ. އެ މުއްދަތު ވަނީ އިއްޔެގެ ނިޔަލަށް ހަމަވެފައެވެ.

https://sun.mv/192152

އެހެންވެ، އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހުންގެ ބަންދަށް ވެސް ވަނީ 22 ދުވަސް ޖަހައިފައެވެ. ފުލުހުން ވަނީ ހާދިސާ ހިނގި ތަނުގެ ސީސީޓީވީ ފުޓޭޖު ވެސް ކޯޓަށް ހުށަހަޅައިފައެވެ. އެހެންވެ، ކުށްކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ މިންވަރަށް ހެކި ހުރި ކަމަށް ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ވެއެވެ.

ތިން މީހުންނަށް ޖެހި 22 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހުން ބަންދުން ދޫކޮށްލައިފި ނަމަ، އެ މީހުން ހެކި ފޮރުވަން ނުވަތަ ހެކިންނަށް ނުފޫޒު ފޯރުވައި، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކުރުވައިފާނެ ކަމަށް ބެލެވުމުގެ ފުރުސަތު އޮތް ކަމަށް ވެސް އަމުރުގައި ވަނީ ބުނެފައެވެ.

މި މައްސަލައިގައި ހިމެނޭ ހާދިސާ ހިނގިއިރު، ފުލުހުން އަމަލުކުރި ގޮތާ ގުޅިގެން ވެސް ޝަކުވާތަކެއް ފެންމަތިވިއެވެ. އެހެންވެ، އެ މައްސަލަ ބަލާނެ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް