ފްރާންސުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަވަހާރަވެއްޖެ

ފްރާންސުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ---- ފޮޓޯ/ ނިއުސް ވަޔާ

ފްރާންސުން ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޯން-ފްރަންސުއާ ޕަކްތެތު މިއަދު އަވަހާރަވެއްޖެއެވެ.

ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ފްރާންސް އެމްބަސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސަފީރު އަވާހަރާވުމާ ގުޅިގެން ހިތާމަ ކުރާ ކަމަށާއި ސަފީރުގެ ޖަނާޒާގެ ތަފުސީލް ވީހާވެސް އަވަހަކަށް އަންގާނެ ކަމަށެވެ.

އުމުރުން 54 އަހަރުގެ ޕަކްތެތު އަވަހާރަވުމާ ގުޅޭ އިތުރު ތަފުސީލެއް އެމްބަސީން ހާމަކޮށްފައިނުވެއެވެ.

ސަފީރު އަވަހާރަވުމާ ގުޅިގެން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ އެކަމާ ހިތާމަފާޅުކުރައްވައި އެކްސްގައި ޕޯސްޓެއް ކުރައްވައިފައެވެ.

އެ ޕޯސްޓުގައި މިނިސްޓަރު ވިދާޅުވީ ސަފީރަކީ ރާއްޖެއާ ގާތް ބޭފުޅެއް ކަމަށެވެ. ސަފީރުގެ އާއިލާއަށާއި ލަންކާގައި ހުންނަ ފްރާންސުގެ އެމްބަސީގެ މުވައްޒަފުންނަށް ޒަމީރު ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.

ރާއްޖެއާއި ލަންކާގެ ސަފީރު ކަމަށް ޕަކްތެތު އައްޔަންކޮށްފައި ވަނީ އޮކްޓޫބަރު 2022ގައެވެ.

މީގެ ކުރިން އޭނާ ވަނީ ފްރާންސުގެ ފޮރިން އެފެއާސް މިނިސްޓްރީގައި ކަލްޗާ އެންޑް އެޑިއުކޭޝަން ޑެޕިއުޓީ ޑިރެކްޓަރުކަމާއި ތަރުޖަމާނުގެ ނައިބުކަން ކުރައްވައިފައެވެ. އަދި 2012އިން 2016އަށް އޭނާ އެމެރިކާގައި ހުންނަ ފްރާންސްގެ އެމްބަސީގައި މަސައްކަތް ކުރައްވައި، ނެޓޯގައި ވެސް ފްރާންސް ތަމްސީލުކުރެއްވިއެވެ.

comment ކޮމެންޓް