ލަންކާ ގާނޫނު ހަދާ މަޖިލިސް އުވާލައިފި؛ އާންމު އިންތިޚާބު ނޮވެމްބަރު 14ގައި

ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަ: ރައީސް ވަނީ މަޖިލިސް އުވާލައްވައި، އާ މެންބަރުން ހޮވާ އިންތިޚާބު ނޮވެމްބަރު 14ގައި ބާއްވަން އިއުލާން ކުރައްވައިފައި -- ފޮޓޯ/ އެކްސް

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލިސް މިއަދު އުވާލައި، އާ މެންބަރުން ހޮވަން އަންނަ ނޮވެމްބަރު މަހުގެ 14ގައި އާންމު އިންތިޚާބު ބާއްވަން ނިންމައިފިއެވެ.

ލަންކާގެ ގެޒެޓުގައިވާ ގޮތުން ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކައަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން މިއަދު ވަނީ ގާނޫނު ހަދާ މަޖިލިސް އުވާލައްވައިފައެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު، ގާނޫނު ހަދާ މަޖިލިސް އުވާލުމަކީ ރައީސް ޑިސަނަޔަކަގެ ރިޔާސީ ވައުދުފުޅެކެވެ.

ޑިސަނަޔަކަގެ ކެމްޕެއިންގެ ތެރޭގައި ތަކުރާރުކޮށް ވަނީ ލަންކާގެ ސިޔާސީ މަޝްރަހަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެ ބަދަލުތައް ގެނައުމަށް ޓަކައި މިހާރު އޮތް ގާނޫނު ހަދާ މަޖިލީހަށް ވެސް އާ މެންބަރުން ބޭނުންވާ ކަމަށް އެ މަނިކުފާނު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

"އަޅުގަނޑުމެންގެ ސިޔާސީ މަޝްރަހު މިހާރަށް ވުރެ ސާފުވާން ޖެހޭ، އަދި ރައްޔިތުން ވެސް ވަނީ ތަފާތު ސިޔާސީ ސަގާފަތެއް ގެނައުމަށް ގޮވައިލައިފައި. އެ ބަދަލު ގެންނަން އަޅުގަނޑު މިހިރީ ތައްޔާރަށް،" ރައީސްކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ދެއްވި ފުރަތަމަ ތަގުރީރުގައި ޑިސަނަޔަކަ ވިދާޅުވިއެވެ.

ޑިސަނަޔަކަ ނިސްބަތްވެވަޑައިގަންނަވާ ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ) އެލަޔަންސްއިން މަޖިލީހުގައި މިހާރު ތަމްސީލުކުރަނީ ތިން ގޮނޑިއެވެ. އެ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. ހަރިނީ އަމަރަސުރިޔާ މިއަދު ވަނީ، ބޮޑުވަޒީރު ކަމަށް އައްޔަން ކުރައްވައިފައެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި މިހާރު އަޣުލަބިއްޔަތު އޮތީ އެގައުމުގައި ކުރިން ވެރިކަން ކުރި ރާޖަޕަކްސަ އާއިލާ އިސްކޮށް އޮންނަ ޕީޕަލްސް ފްރޮންޓް (އެސްއެލްޕީޕީ)އަށެވެ.

އެގައުމުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނާމަލް ރާޖަޕަކްސަ ވާދަކުރެއްވި ނަމަވެސް އޭނާއަށް ލިބިވަޑައިގަތީ 2.57 ޕަސެންޓް ވޯޓެވެ.

comment ކޮމެންޓް