ކޮޅިގަނޑެއްގައި ޖެހި، އިއްޔެ ސިންގަޕޯ އެއާލައިންސްގެ ބޯޓެއްގެ ތެރޭގައި ގިނަ ބަޔަކު ޒަޚަމްވާ މަންޒަރުތައް ފެންނަ ވީޑިއޯތައް އާންމުވެފައިވާއިރު، އެ ވީޑިއޯތަކުން ބިރުވެރިކަން އިހުސާސުވުމުގެ އިތުރަށް، ބޯޓު ތެރޭގައި ސީޓްބެލްޓް އަޅައިގެން އިނުމުގެ މުހިންމުކަން ދައްކުވައިދެއެވެ.
އެ ހާދިސާ ހިނގިއިރު، ސިންގަޕޫރު އެއާލައިންސްގެ ފްލައިޓް އެސްކިއު-321 ފްލައިޓް ދަތުރުކުރަމުން އައީ ލަންޑަން ހީތުރޯ އެއާޕޯޓުން ސިންގަޕޫރަށެވެ. ނަމަވެސް، މަންޒިލަށް ނުދެވެނީސް ކޮޅިގަނޑެއްގައި ޖެހި، ވައިގެ ތެރޭގައި ވަރަށް ބޮޑަށް ލޮޅުން އަރަން ފެށުމުން އެ ބޯޓު އެމާޖެންސީގައި ތައިލެންޑުގެ ބެންކޮކް އެއާޕޯޓުގައި ޖެއްސިއެވެ.
ތައިލެންޑުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި އެ ބޯޓުގައި 211 ފަސިންޖަރުންނާއި 18 ކުރޫ މެންބަރުން ތިބިއިރު އޭގެ ތެރެއިން 71 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަދި، ހަ މީހަކަށް ސީރިއަސް އަނިޔާތައް ލިބިފައިވާއިރު، ގިނަ މީހުންނަށް އަނިޔާވީ ބޯޓަށް ލޮޅުން އެރި ގަޑީގައި ވިއްސައިގެން ގޮސް ބޯޖެހުމުން ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.
އެ ހާދިސާގައި އިނގިރޭސިިވިލާތުގެ 73 އަހަރުގެ ރައްޔިތެއް ކަމަށްވާ ޖޮފްރީ ކިޗެން ވަނީ މަރުވެފައެވެ.
އިނގިރޭސި މީޑިއާތަކުގައި ތައިލެންޑުގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވަނީ އޭނާ މަރުވީ ހިތް ހުއްޓިގެން ކަމަށް ބެލެވޭ ކަމަށެވެ.
އެ ބޯޓުގެ ފަސިންޖަރުން ބުނެފައިވާ ގޮތުގައި، ބޯޓަށް އެންމެ ބޮޑަށް ލޮޅުން އެރީ ކުރޫއިން ނާސްތާ ބަހަމުން ދިޔަ ގަޑީގައެވެ. އެ ވަގުތު ސީޓްބެލްޓު އަޅާނެ ފުރުސަތެއް ވެސް ނުލިބޭ ކަމަށް ގިނަ މީހުން ބުންޏެވެ.
ރޮއިޓާސްއާ ވާހަކަދެއްވި 28 އަހަރުގެ ފަސިންޖަރަކު ކިޔައިދިން ގޮތުގައި ބޯޓު އެންމެ ފުރަތަމަ މައްޗަށް އެރުމަށް ފަހު، ކުއްލިއަކަށް ވަރަށް ބޮޑަށް ތިރިއަށް ވެއްޓުނު އިހުސާސުވިއެވެ. އެ ވަގުތު ސީޓުބެލްޓް ނާޅައި ތިބި އެންމެން ވިއްސައިގެން ގޮސް ބޯޓުގެ ސީލިންގައި ޖެހުނު ކަމަށް އޭނާ ބުންޏެވެ.
"ބެގެޖް ކެބިންގައި ބައެއް މީހުންގެ ބޯ ޖެހި، ކެބިން ބަނޑިވެފައި ހުރި. [ބޯޓުގައި] ލައިޓާއި މާސްކް ހަރުކޮށްފައި ހުންނަތާ އެ މީހުން ޖެހި، އެ ތަންތަން ފަޅައިގެން ދިޔަ،" އޭނާ ކިޔައިދިނެވެ.
އެ ފަސިންޖަރު ކިޔައިދިން ގޮތަށް، ފްލައިޓު ތެރޭގައި ނަގާފައިވާ ވީޑިއޯތަކުން އެ މަންޒަރު ފެނެއެވެ. ބޯޓުގެ ގޮނޑިތަކުގެ މީހުން ވެއްޓި، އޯވަހެޑް ކެބިންތަކުންނާއި މީހުން ގެންގުޅުނު ކާބޯތަކެތި އެކި ތަންތަނަށް ބުރައިގެންދާ މަންޒަރު ފެނެއެވެ.
ބައެއް މީހުން ރޮއެ، ދުއާ ކުރާ މަންޒަރާއި އަނިޔާ ލިބިފައިވާ މީހުން ލޭ މަނާވޭތޯ މަސައްކަތް ކުރާ މަންޒަރު ވެސް ފޮޓޯތަކުން ފެނެއެވެ.
އިނގިރޭސިވިލާތުގެ އޭވިއޭޝަން ދާއިރާގެ މާހިރެއް ކަމަށް ޑޭވިޑް ލިއާމައުންޓް އެ ގައުމުގެ ނޫސްތަކާ ވާހަކަދައްކަވަމުން ވިދާޅުވީ، އެ ހާދިސާ ހިނގި ވަގުތު ބޯޓުގެ ކުރޫ ހިމެނޭ ގޮތަށް ގިނަ ބަޔަކު ސީޓްބެލްޓް ނާޅައި ތިބިކަން ފާހަގަވާ ކަމަށެވެ. އެފަދަ ހާލަތެއް ދިމާވީ ކީއްވެގެންކަން ލަފާކުރައްވަމުން އޭނާ ވިދާޅުވީ އޭގައި ދެ ގޮތެއް މެދުވެރިވުން އެކަށީގެންވާ ކަމަށެވެ.
އެއީ، ޓާބިއުލެންސް އަންނަކަން ކުރޫއަށް އެނގިފައި ނެތުން ނުވަތަ އެ ހާލަތަށް ބޯޓަށް ލޮޅުން އަރާނެ ކަމަށް ލަފާކުރެވިފައި ނުވުމުން ތައްޔާރީ ފިޔަވަޅުތައް ނޭޅުން ކަމަށް އޭނާ ވިދާޅުވިއެވެ.
"ދަތުރުމަތީގައި އަބަދު ވެސް ސީޓްބެލްޓް ދޫކޮށް ވިޔަސް އަޅައިގެން ހުންނަ ނަމަ މިކަހަލަ ކަންތައްތައް ނުވާނެ. [ސީޓްބެލްޓް އަބަދު އަޅައިގެން ހުރުން] އެއީ ވަރަށް އުނދަގޫ ކަމަކަށް ވެދާނެ އެކަމަކު އޭރަށް ވިއްސައިގެން ގޮސް ސީލިންގައި ނުޖެހޭނެ،" ލިއާމައުންޓް ވިދާޅުވިއެވެ.
ނަމަވެސް، ޓާބިއުލެންސްގެ ސަބަބުން މިފަދަ ސީރިއަސް ހާދިސާތައް ހިނގަނީ މަދުން ކަމަށާއި އެފަދަ ހާދިސާތަކުގައި މީހަކަށް ސީރިއަސް އަނިޔާ ލިބެނީ ވެސް ފަސް އަހަރުން އެއް އަހަރު ނުވަތަ އެއަށް ވުރެ މަދުންކަން އޭނާ ފާހަގަކުރެއްވިއެވެ.
ސިންގަޕޫރުން ވަނީ އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށް ބުނެފައެވެ.