ގަތަރު އެއާވޭސްއިން އަލުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ގަތަރު އެއާވޭސްގެ ފްލައިޓެއް: ހަނގުރާމައާ ގުޅިގެން މެދުކަނޑާލި ދަތުރުތައް، ގަތަރު އެއާވޭސް އަލުން ރާއްޖެއަށް ފަށަން ވަނީ ނިންމައިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ މަހުގެ 28 ވަނަ ދުވަހު މެދުއިރުމަތީގައި ފެށުނު ހަނގުރާމައިގެ ހާލަތާ ގުޅިގެން، ވައިގެ ސަރަހައްދުތަކަށް އައި ބަދަލުތަކާއެކު ގަތަރު އެއާވޭސްއިން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލަން ޖެހުނެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް މިހާރު މި ހާލަތު ރަނގަޅުވަމުން އަންނާތީ، ގަތަރު އެއާވޭސްއިން ވަނީ އެ އެއާލައިނުގެ ޚިދުމަތްތައް ރާއްޖެއަށް އަލުން ފެށުމަށް ނިންމާފައެވެ. ގަތަރު އެއާވޭސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓު (ޖީއެސްއޭ) ކަމަށްވާ އޭސް ޓްރެވަލްސްގެ ސީއީއޯ މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި، އަންނަ ހަފުތާގެ ބުދަ ދުވަހު ދަތުރުތައް އަލުން ފެށޭނެއެވެ. ފުރަތަމަ މަރުހަލާގައި ހަފުތާއަކު 5 ދަތުރު ކުރަން ހަމަޖެހިފައިވާއިރު، މި ދަތުރުތަކަށް ބޭނުންކުރާނީ އެއާބަސް އޭ350 މަރުކާގެ މަތިންދާބޯޓުތަކެވެ. މި ބަދަލާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ފަތުރުވެރިކަމުގެ ދާއިރާ އަލުން ކުރިއަރާނެ ކަމަށް ބެލެވެއެވެ. ޓޫރިޒަމް މިނިސްޓަރު ތާރިގު އިބްރާހިމް ހާމަކުރެއްވި ގޮތުގައި، މިދިޔަ މަހުގެ 28 އިން ފެށިގެން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް 496 ފްލައިޓު ވަނީ ކެންސަލްކޮށްފައެވެ. މިއީ ފަތުރުވެރިކަމަށް ކުރިމަތިވި ވަރަށް ބޮޑު ހީނަރުކަމެކެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މާރިޗު މަހު ރާއްޖެއަށް ޒިޔާރަތްކުރީ 152,510 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 18.7 ޕަސެންޓްގެ ދަށްވުމެކެވެ.

  • ގަތަރު އެއާވޭސްގެ ދަތުރުތައް އަންނަ ހަފުތާގެ ބުދަ ދުވަހުން ފެށިގެން އަލުން ފަށާނެއެވެ.
  • ފުރަތަމަ މަރުހަލާގައި ހަފުތާއަކު 5 ދަތުރު، އެއާބަސް އޭ350 މަތިންދާބޯޓު ބޭނުންކޮށްގެން ކުރިއަށް ގެންދާނެއެވެ.
  • މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން މިދިޔަ މަހުގެ 28 އިން ފެށިގެން 496 ފްލައިޓެއް ވަނީ ކެންސަލްވެފައެވެ.
  • މި ހިނގާ މާރިޗު މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅައިބަލާއިރު 18.7 ޕަސެންޓް ދަށްވެފައިވެއެވެ.

މިދިޔަ މަހުގެ 28ގައި މެދުއިރުމަތީގައި ފެށި ހަނގުރާމައާ ގުޅިގެން، ގަތަރު އެއާވޭސްއިން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލުމަށް ފަހު، އަލުން ދަތުރުތައް ފަށަން ނިންމައިފިއެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން، އީރާނުން ދޭން ފެށި ހަމަލާތަކާއެކު މެދުއިރުމަތީގެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރަން ޖެހުނެވެ. ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަނީ އެ ސަރަހައްދުގައި މަޑުކުރުމަށް ފަހު ކަމަށްވުމުން، ހަނގުރާމަ ފެށުނު ފަހުން، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވެފައިވެއެވެ.

އޭގެ ފަހުން މަހެއް ވެފައިވާއިރު، މެދުއިރުމަތީގެ ބައެއް އެއާލައިންތަކުން ވަނީ ދަތުރުތައް ފަށައިފައެވެ.

ގަތަރު އެއާވޭސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓު (ޖީއެސްއޭ) ކަމަށްވާ އޭސް ޓްރެވަލްސްގެ ސީއީއޯ މުހައްމަދު ފިރާގު މިރޭ ފޭސްބުކްގައި ވިދާޅުވީ، އެ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް އަންނަ ހަފުތާގެ ބުދަ ދުވަހު ފަށާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ދަތުރުތައް ބާއްވާނީ އެއާބަސް އޭ350އިން، ހަފުތާއަކު ފަސް ފަހަރު ކަމަށް އޭނާ ވިދާޅުވިއެވެ.

ފިރާގު ވިދާޅުވީ ގަތަރު އެއާވޭސްގެ ދަތުރުތައް ފެށުމުން ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރައި، ބޭރު ގައުމުތަކުގެ ދަތުރުތައް އިތުރު ކުރެވޭނެ ކަމަށެވެ.

https://sun.mv/219595

ފިރާގު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ޔޫރަޕުން ރާއްޖެ އަންނަ ޓޫރިސްޓުންގެ 55 ޕަސެންޓަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަނީ މެދުއިރުމަތީގެ ކޮންމެވެސް އެއާޕޯޓެއްގައި ޓްރާންސިޓުވުމަށްފަހުގައެވެ. ނަމަވެސް މިހާރު ދިމާވެފައިވާ ހާލަތު ފަދަ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން، މެދުއިރުމަތީގެ ޓްރާންސިޓް ހަބްތަކުގެ އިތުރަށް އެފްރިކާ ބައްރާއި، އޭޝިއާގެ އެހެނިހެން ސަރަހައްދުތަކުން ރާއްޖެއަށް ފަސޭހައިން ފަތުރުވެރިންނަށް އާދެވޭނެ މަގުތައް ފަހިކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވެފައެވެ.

ފާހަގަކުރެވޭ ގޮތުގައި، މެދުއިރުމަތީގައި ކުރާ ހަނގުރާމައިގެ ސަބަބުން، މިދިޔަ މަހު 28އިން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް 496 ފުލައިޓު ކެންސަލްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ތާރިގު އިބްރާހިމް ވަނީ ވިދާޅުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 634,278 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މި ހިނގާ މާރިޗް މަހުގެ ތެރޭގައި ރާއްޖެ އައިސްފައިވަނީ 152,510 ފަތުރުވެރިން ކަމަށްވާއިރު، އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 18.7 ޕަސެންޓްގެ ދަށްވުމެއް ކަމަށް ތަފާސްހިސާބުން ދައްކައެވެ.

comment ކޮމެންޓް