ސިންގަޕޯ އެއާލައިންސްގެ މަތިންދާބޯޓަކަށް ދަތުރުމަތީގައި ކުއްލި އަދި ބާރުގަދަ ލޮޅުންތަކެއް އެރި ހާދިސާގައި މަރުވި މީހާއަކީ ދިގު އިންތިޒާރަކަށް ފަހު، އުފާވެރި ޗުއްޓީއެއް ހޭދަ ކުރުމުގެ އުއްމީދުގައި ދަތުރުކުރަމުން ދިޔަ މީހެއް ކަމަށް އޭނާއާ ގާތް މީހުން ބުނެފިއެވެ.
އިނގިރޭސިވިލާތުގެ ނޫސްތަކުގައިވާ ގޮތުން އެ ހާދިސާގައި މަރުވީ އެގައުމުގެ ގްލޯސްޓާޝަޔާގެ މިއުޒިކަލް ތިއޭޓާ ޑައިރެކްޓަރެއް ކަމަށްވާ ޖެފްރީ ކިޗަންއެވެ.
މިދިޔަ އަންގާރަ ދުވަހު އެ ހާދިސާ ހިނގިއިރު، ސިންގަޕޫރު އެއާލައިންސްގެ ފްލައިޓް އެސްކިއު-321 ފްލައިޓް ދަތުރުކުރަމުން އައީ ލަންޑަން ހީތުރޯ އެއާޕޯޓުން ސިންގަޕޫރަށެވެ. ނަމަވެސް، މަންޒިލަށް ނުދެވެނީސް ކޮޅިގަނޑެއްގައި ޖެހި، ވައިގެ ތެރޭގައި ވަރަށް ބޮޑަށް ލޮޅުން އަރަން ފެށުމުން އެ ބޯޓު އެމާޖެންސީގައި ތައިލެންޑުގެ ބެންކޮކް އެއާޕޯޓުގައި ޖެއްސިއެވެ.
ތައިލެންޑުގެ އޮފިޝަލުން ލަފާކުރައްވާ ގޮތުގައި އުމުރުން 73 އަހަރުގެ ކިޗަން މަރުވީ، ހިތް ހުއްޓިގެންނެވެ. އޭނާއަކީ މީގެކުރިންވެސް ހިތުގެ މައްސަލަ ހުންނަ މީހެއް ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ސިންގަޕޯ އެއާލައިންސް ފްލައިޓް އެތެރެ: އެ ހާދިސާގައި އޯވަހެޑް ކެބިންތަކަށް ގެއްލުންވެ، ބޯޓުގެ ލައިޓް ބޯޑުތައް ނެއްޓިފައިވޭ --
ކިޗަން ދަތުރުކުރަމުން ދިޔައީ އޭނާގެ އަންހެނުން ލިންޑާއާއެކުގައެވެ. އެ ހާދިސާގައި ލިންޑާއަށް ވެސް އަނިޔާވުމުން އޭނާ ވެސް ހޮސްޕިޓަލަށް ގެންދިޔައެވެ.
އެދެމަފިރިންގެ އަވަށްޓެރިންނާ ހަވާލާދީ މިޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ދެމަފިރިން ދިޔައީ ދެކުނު އިރުމަތީ އޭޝިއާ އާއި އޮސްޓްރޭލިއާގައި ހަ ހަފުތާގެ ޗުއްޓީއެއް ހޭދަކުރުމަށެވެ.
އެގޮތުން އެމީހުންގެ ދަތުރު ރާވާފައި އޮތީ އިންޑޮނޭޝިއާގައި އޮތް ކްރޫޒަކަށް ގޮސް އޭގެފަހުން އޮސްޓްރޭލިއާއަށް ދިއުމަށް ކަމަށް ބުނެފައިވެއެވެ.
"އެންމެ ފަހުން އަހަރެންނަށް އޭނާ ފެނުނީ އާ އަހަރު ފެށުނުތަނާހެން، ދެމީހުންވެސް ދެއްކީ މި ދަތުރުގެ ވާހަކަ. ދެ މީހުންނަކީވެސް ވަރަށް އެޑްވެންޗަރަސް ދެމީހުން، ދަތުރުކުރަން ލޯބިކުރާ އަދި އެ ދަތުރަކީ ވަކިން ބޮޑަށް އިންތިޒާރުކުރި ދަތުރެއް،" އެ ދަތުރު އިންތިޒާމު ކުރާތާ ގިނަ ދުވަސްވެއްޖެކަން ފާހަގަކޮށް ކިޗަންގެ ރައްޓެއްސަކު ކިޔައިދިނެވެ.

ބޯޓުގައި އަނިޔާވި އަންހެނަކު، ތުއްތު ކުއްޖަކާއެކު ފުރޮޅުލީ ގޮނޑީގައި ގެންދަނީ --
ކިޗަންގެ މަރާ ގުޅިގެން ހިތާމަފާޅުކޮށް އޭނާގެ މިޔުޒިކަލް ތިއޭޓަރުން ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ އޭނާއަކީ އަބަދުވެސް ތެދުވެރި ނަޒާހަތްތެރިއެއް ކަމަށާއި އަބަދުވެސް ގްރޫޕަށް އެންމެ ރަނގަޅު ގޮތް ހޯދައިދީފައިވާ މީހެއް ކަމަށެވެ.
ކިޗަން މަރުވިގޮތް ޔަގީން ކުރުމަށް އޮޓޮޕްސީ ހެދުމަށް ވަނީ ނިންމައިފައެވެ.
ވައިގެ އުދުހުންތައް ޓްރެކް ކުރާ ފްލައިޓްރޭޑާ 24ގެ ތަރުޖަމާނެއް ބުނީ, އެ ކުންފުނިން އެއްކޮށްފައިވާ މަޢުލޫމާތުން ހާމަވާ ގޮތުގައި, 37,000 ފޫޓު މަތިން ދަތުރު ކުރަމުން ދިޔަ މަތިންދާބޯޓު ތިން ވަރަކަށް މިނެޓުގެ ތެރޭގައި 31,000 ފޫޓު ތިރިއަށް ކުއްލި ގޮތަކަށް ވެއްޓިފައިވާ ކަމަށެވެ. އެ ބޯޓުގައި 211 ފަސިންޖަރުންނާއި 18 ފަޅުވެރިން ތިއްބެވެ.
އެ ހާދިސާގައި 71 މީހަކު ޒަހަމްވެ، 20 މީހުންނަށް އައިސީޔޫގައި ފަރުވާދިން ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
އެ ހާދިސާއާ ގުޅިގެން ސިންގަޕޯ އެއާލައިންސްއިން ވަނީ މައާފަށް އެދިފައެވެ.
ފަހުގެ ތާރީޚެއްގައި އެ އެއާލައިންގެ ބޯޓެއްގައި މިފަދަ ހާދިސާއެއް ހިނގާފައި ވަނީ 2000ވަނަ އަހަރެވެ. އެ އަހަރުގެ އޮކްޓޫބަރު މަހުގެ 31ވަނަ ދުވަހު, އެ އެއާލައިންގެ މަތިންދާބޯޓެއް އުދުއްސައިލަން އުޅުމުގެ ތެރޭގައި ވެއްޓި، 83 މީހަކު މަރުވިއެވެ.