ފްލައިޓް ޓާބިއުލެންސް އަކީ ކޮބާ؟ އެކަން ދިމާވަނީ ކީއްވެ؟

ޓާބިއުލެންސް އުފެދެނީ ވައިގެ ފްލޯއަށް އަންނަ ބަދަލެއްގެ ސަބަބުން. ފޮޓޯ/ބީބީސީ

ލަންޑަނުން ސިންގަޕޫރަށް ދަތުރުކުރި ސިންގަޕޯ އެއާލައިންސްގެ ފްލައިޓެއް ޓާބިއުލެންސެއްގައި ޖެހި ހިނގި ހާދިސާގައި އެކަކު މަރުވެ އެތައް ބަޔަކު މި ވަނީ ޒަހަމްވެފައެވެ.

ވައިގެ ފްލޯ ބަދަލުވެ, ފްލައިޓަށް ކުއްލި އަދި ބާރުގަދަ ލޮޅުންތަކެއް އެރި އެ ހާދިސާ ހިނގުމުން ބޯޓު ވަނީ ކުއްލި ހާލަތުގައި ބެންކޮކްގައި ޖައްސައިފައެވެ.

މިހާރު އެންމެ ގިނަ ބަޔަކު އެނގެން ބޭނުންވާނެ އެއް ކަމަކީ ޓާބިއުލެންސް އަކީ ކޮބާތޯ އާއި އެކަން މެދުވެރިވަނީ ކީއްވެ ކަމެވެ.

ގިނަ ޓާބިއުލެންސް އުފެދެނީ ވައިގެ ފްލޯއަށް އަންނަ ބަދަލެއްގެ ސަބަބުން ކަމަށް ބީބީސީ ވެދާގެ ކުރީގެ އާރްއޭއެފް އޮފިސަރު ސައިމަން ކިންގް ވިދާޅުވިއެވެ.

ގިނަ ޓާބިއުލެންސްތަކުގެ އަސަރު މާބޮޑަކަށް ނުކުރެއެވެ. ނަމަވެސް ބޮޑެތި ވަރުގަދަ ވިލާގަނޑުގައި ވައިގެ ހަލަބޮލިކަމުގެ ސަބަބުން އާދައިގެ ނުވަތަ ބޮޑެތި ޓާބިއުލެންސް އުފެދިދާނެއެވެ.

"ކްލިއާ އެއާ" ނުވަތަ "ސާފު ވައި" ޓާބިއުލެންސްއޭ ކިޔާ އެހެން ވައްތަރެއްގެ ޓާބިއުލެންސް އެއް ވެސް ހުރެއެވެ. މިއީ އޭގެ ނަމުން ދޭހަވާ ފަދައިން ވިލާގަނޑު ނެތް ނަމަވެސް ދުރު ރަނގަޅަށް ނުފެންނަ ވައްތަރެއްގެ ޓާބިއުލެންސެކެވެ. .

ޓާބިއުލެންސަކީ ކިހާ ނުރައްކާތެރި އެއްޗެއް؟

ކްރެންފީލްޑް ޔުނިވާސިޓީގެ އޭވިއޭޝަން އަދި ތިމާވެށީގެ އެސޯސިއޭޓް ޕްރޮފެސަރު ގްރެޓަން ވިދާޅުވާ ގޮތުގައި މަތިންދާބޯޓުތައް ފަރުމާކޮށްފައިވަނީ ޓާބިއުލެންސް އިން ސަލާމަތްވެވޭނެ ގޮތަކަށެވެ. ޓާބިއުލެންސެއްގެ ސަބަބުން ބޯޓެއް ހަލާކުވުމަކީ ވަރަށް ނުވާނެ ކަމެއް ކަމަށްވެސް ގްރެޓަން ވިދާޅުވިއެވެ.

ޓާބިއުލޭންސުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް ނުވަތަ އެކަމުން ސަލާމަތްވުމަށް ޕައިލެޓުން މަސައްކަތްކުރެއެވެ. އެ ވަގުތު ސީޓް ބެލްޓް އަޅަން ބުނަނީ އެހެންވެއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި އެންމެ ގޯސް ހާލަތުގައި ޓާބިއުލެންސްގެ ސަބަބުން ބޯޓަކަށް ސްޓްރަކްޗަރަލް ގެއްލުން ލިބިދާނެއެވެ. އެ ހާލަތުގައި ޕަސިންޖަރުންނަށް ނުރައްކާތެރި ވެދާނެއެވެ. ޓާބިއުލެންސްގައި ޖެހޭ ވަގުތު ސީޓް ބެލްޓް ނާޅައި އިނދެއްޖެނަމަ، ޕަސިންޖަރުންނަށް ނުރައްކަލެވެ.

ނަމަވެސް އޭވިއޭޝަން ސޭފްޓީ ތަޖުރިބާކާރުން ބުނާ ގޮތުގައި ޓާބިއުލެންސްގެ ސަބަބުން މަރުވުމާއި އަނިޔާ ލިބެނީ ވަރަށް މަދުންނެވެ.

ޕައިލެޓުން ޓާބިއުލެންސް ހައްލު ކުރަނީ ކިހިނެއް؟

ޕައިލެޓުން ދަތުރު ފެށުމުގެ ކުރިން މޫސުމާބެހޭ މައުލޫމާތު އެ މީހުންނަށް ލިބެއެވެ.

އޭގެ މާނައަކީ މޫސުމަށް ބަދަލު އަންނަނަމަ، އެކަމުން ސަލާމަތްވެވޭނެގޮތް ޕައިލެޓުންނަށް އެގެންޖެހޭނެއެވެ. ޕައިލެޓުން މަސައްކަތް ކުރާނީ މި ސަރަހައްދުތަކާ ދުރުން ދަތުރުކުރުމަށެވެ. ނުވަތަ އެކަމުގެ އަސަރު ކުޑަކުރުމަށް ބޯޓުގެ ދުވެލި މަޑުކުރުމަށެވެ.

ޓާބިއުލެންސް އާބެހޭ ގޮތުން ވެސް ކްރޫންވެސް ތަމްރީނު ކުރެއެވެ.

ފަސިންޖަރުން އެވަގުތު ތިބެންޖެހޭނީ ސީޓް ބެލްޓް އަޅުވައި، ބަރު އެއްވެސް އެއްޗެއް ބޭރުގައި ނުބަހައްޓައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް