މަސްވެރިންނަށް ފައިސާ ދޫކުރީ އޭޕްރީލް 22އާ ހަމައަށް، ނުދެވި 62 މިލިއަން

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް: އޭނާ ވިދާޅުވީ އަމާޒަކީ ވީހާ ވެސް އަވަހަކަށް މަސްވެރިންނަށް ނުދެވި އޮތް 62 މިލިއަން ރުފިޔާ ދިނުން ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ސަރުކާރުގެ މަސް ކުންފުނި (މިފްކޯ)އަށް މަސް ގަތުމަށް ފަހުގައި މަސްވެރިންނަށް ދޭންޖެހޭ ފައިސާ އެންމެ ފަހުން ދޫކުރީ މިދިޔަ އޭޕްރީލް މަހުގެ 22 ގައި ކަމަށާއި އޭގެ ފަހުން މިއަދާ ހަމައަށް މަސްވެރިންނަށް ނުދެވި 62 މިލިއަން ރުފިޔާ އެބައޮތް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، މަސްވެރިންނަށް ފައިސާ ދޫކޮށްފައިވަނީ އޭޕްރީލް މަހުގެ 22 ވަނަ ދުވަހާ ހަމައަށް ބޭނި މަހަށް ކަމަށެވެ.

އެހެންވެ، އޭޕްރީލް މަހުގެ 23 އިން ފެށިގެން މިއަދާ ހަމައަށް ފައިސާ ދޫނުކޮށް 62 މިލިއަން ރުފިޔާ އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، 22 އޭޕްރީލްގައި މަސްވެރިންނަށް 22 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު މަސްވެރިންނަށް ނުދެވި އޮތް ފައިސާގެ ތެރެއިން 881 މިލިއަން ރުފިޔާ ވަނީ ދައްކާ ޚަލާސްކޮށްފައެވެ.

"އެހެންވީމާ 23 އޭޕްރީލުން ފެށިގެން ފައިސާ ނުދެވި މި ވަނީ. މިއަދާ ހިސާބަށް 62 މިލިއަން ރުފިޔާ ނުދެވި އެބަހުރި،" ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިފްކޯއަށް މާލީ ގޮތުން މި މަސް ނިމޭއިރު ވެސް ކޮންމެ ވެސް ވަރެއްގެ އުނދަގުލެއް ހުންނާނެ ކަމަށެވެ. ނަމަވެސް، މިހާރު ނުދެއްވި އޮތް 62 މިލިއަން ރުފިޔާ ވީހާ ވެސް އަވަހަކަށް ދައްކާ ޚަލާސްކުރަން އުންމީދުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މަސްވެރިން ކިރާ މަހަށް ފައިސާ ނުލިބި ގިނަ ދުވަސްވާތީ މީގެ ކުރިން ވެސް މަސްވެރިން ވަނީ އިހުތިޖާޖުކޮށްފައެވެ. މި ދުވަސްވަރު ވެސް ފައިސާ ނުދެވި ގިނަ ދުވަސްވާތީ މަސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މަސްވެރިން ކިރާ މަހަށް ފައިސާ ލިބުމުގެ ދަތިކަން ހައްލުކޮށް، 48 ގަޑިއިރުގެ ތެރޭގައި މަހަށް ފައިސާ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

comment ކޮމެންޓް