ބީއެމްއެލުން މިދިޔަ އަހަރު 5 ބިލިއަން ރުފިޔާގެ އާ ލޯނު ދޫކޮށްފި

ބޭންކު ހިންގުމުގެ ފައިދާ އަށް 2.7 ބިލިއަން ރުފިޔާ--ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)އިން މިދިޔަ އަހަރު އާ ލޯނުތައް ފަސް ބިލިއަން ރުފިޔާއާ ހަމައަށް ދީފައިވާކަމަށް އެ ބޭންކުން ބުނެފިއެވެ.

އެ ބޭންކުން ބުނީ ބޭންކުގެ ހިންގުމުގެ ފައިދާއަށް 2.7 ބިލިއަން ރުފިޔާ ލިބުނު ކަމަށެވެ.

އެއާއެކު މިދިޔަ އަހަރު ބޭންކުން ހޯދި ނަތީޖާއާ ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރު އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ ފަރުދުންނާއި ވިޔަފާރިތަކަށް ފަސް ބިލިއަން ރުފިޔާގެ އައު ލޯނު މިދިޔަ އަހަރުގެ ތެރޭގައި ދޫކުރި ކަމަށެވެ.

ހިންގުމުގެ ފައިދާކުރީ އަހަރަށް ވުރެ ހަތް އިންސައްތަ އިތުރުވެ، 2.7 ބިލިއަން ރުފިޔާ އެރި ކަމަށެވެ.

ބޭންކުން ބުނީ އިގްތިސާދީ ކުރިއެރުމުގެ ހެޔޮ އަސަރު ބީއެމްއެލްގެ ވިޔަފާރިއަށް ވެސް ކުރި ކަމަށެވެ. މިގޮތުން ބޭންކުގެ ބެލެންސް ޝީޓަށް 3.8 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް އިތުރުވެ ޖުމްލަ އެސެޓް ވަނީ 45 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާފައި ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ.

ބޭންކު ހިންގުމުގެ ފައިދާ އަށް 2.7 ބިލިއަން ރުފިޔާ--ފޮޓޯ: ބީއެމްއެލް

މިގޮތުން ބީއެމްއެލުން ބުނީ މިދިޔަ އަހަރަކީ އިންފްލޭޝަނާއި އިންޓްރެސްޓް ރޭޓް މަތިވުމާއި ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ދުނިޔޭގެ އިގްތިސާދީ ކުރިއެރުމަށް ނޭދެވޭ އަސަރުތަކެއް ފޯރި އަހަރެއް ކަމަށެވެ.

ނަމަވެސް މި ގޮންޖެހުންތަކާ އެކުގައި ވެސް 6.5 އިންސައްތަ ކުރިއެރުމެއް ރާއްޖޭގެ އިގްތިސާދަށް ލިބިފައިވާ ކަމަށެވެ.

"މިއަދުގެ ތެރެއިން އާންމު ފަރުދުންނާއި އެސްއެމްއީ ސެގްމަންޓަށް އަމާޒުކޮށް 1.4 ބިލިއަން ރުފިޔާ އަޅުގަނޑުމެން ދޫކުރިން. މިއާއެކު މިދިޔަ އަހަރުވެގެން ގޮސްފައިވަނީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އެސްއެމްއީ ސެގްމަންޓަށް އެންމެ ގިނައިން ލޯނު ދޫކުރި އަހަރަށް،" ނިމާލް ވިދާޅުވިއެވެ.

މިދިޔަ އަހަރު ބޭންކުން ވަނީ ޕާސަނަލް ބޭންކިންގް ކަސްޓަމަރުންނަށް ދެމުންދާ އުފެއްދުންތަކާއި ޚިދުމަތްތަކަށް ވެސް ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ.

މި ބަދަލުތަކާ ގުޅޭ ގޮތުން ނިމާލް ވިދާޅުވީ ތައުލީމަކީ އިސްކަމެއްދޭ ދާއިރާއެއް ކަމަށާއި ދިިވެހި އިގްތިސާދަކީ އިލްމުގެ މައްޗަށް ބިނާކުރެވޭ އިގްތިސާދަކަށް ހެދުމުގެ މަގްސަދުގައި ކިޔަވާ ލޯނުގެ ރޭޓް ނުވަ އިންސައްތައިން ފަސް އިންސައްތައަށް ދަށްކުރި ކަމަށެވެ.

އަދި ގެދޮރު ގަތުމަށް އެދޭ ލޯނަށް ގިނަ ބަޔަކު ކޮލިފައި ކުރުމުގެ ބޭނުމުގައި ހޯމް ޕާޗޭސް ލޯނާއި ފައިނޭންސިންގެ މުއްދަތު 25 އަހަރާ ހަމަޔަށް އިތުރުކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފަރުދުންގެ އެންމެހާ ބޭނުންތަކަށް ފަހިވާނެހެން، ރަހުނަކާ ނުލައި ނެގޭ އަދަދު 1.2 މިލިއަން ރުފިޔާއާ ހަމައަށް އިތުރުކުރި ކަމަށާއި އެ ބަދަލުތަކަކީ ކަސްޓަމަރުން ބަލައިގެންފައިވާ ބަދަލުތަކެއް ކަމަށެވެ.

"ވިޔަފާރިތަކަށް ބޭނުންވާ އެކިއެކި ބޭންކިން ޚިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތްވުމަކީ ވެސް ވިޔަފާރިވެރިތަކަށް ވަރަށް މުހިންމު ކަމެއް. މި ބޭނުމުގައި ވިޔަފާރިތަކުގެ އެންމެހާ ޚިދުމަތްތައް މާލޭ ބިޒްނަސް ސެންޓަރުގައި، އެއްފުރާޅެއްގެ ދަށަށް ގެނައުމުގެ މަސައްކަތް މިދިޔަ އަހަރުތެރޭ ނިންމާލެވުނު. ބިޒްނަސް ސެންޓަރުން މިހާރު އެކައުންޓް ހުޅުވުމުގެ އިތުރުން، ލޯން އަދި ޑިޖިޓަލް ޚިދުމަތްތަކަށް އެދި ހުށަހެޅޭނެ. އަދި މާޗަންޓުން ބޭނުންވާ އެކި އެކި އެހީތެރިކަން ވެސް ފޯރުކޮށްދެވޭ،"

ނިމާލް ވިދާޅުވީ މި ބަދަލާއެކު ވިިޔަފާރިތަކުން ހޯދަމުންދާ ހިދުމަތުން ލިބޭ ތަޖުރިބާ ރަނގަޅުވެ ބޭންކާ އޮންނަ ގުޅުން ހަރުދަނާވި ކަމަށެވެ.

މިދިޔަ އަހަރު ބީއެމްއެލްއާ އަލަށް ގުޅުނު 23,000 އަށްވުރެ ގިނަ ކަސްޓަމަރުންނާއެކު މިހާރު ބޭންކުގެ ކަސްޓަމަރުންގެ އަދަދުވަނީ 345,000 އަށް އަރާފައެވެ.

މިގޮތުން، މިދިޔަ އަހަރު 66،000 އެކައުންޓް ހުޅުވާފައިވާއިރު އޭގެ ތެރޭގައި 5,600 ބިޒްނަސް އެކައުންޓް ހިމެނެއެވެ.

comment ކޮމެންޓް