ގެ އޮތީ ބިމާހަމަކޮށްލާފައި، ބޮމުގެ އަޑު ނޫނީ ނީވޭ: މަރުން ސަލާމަތްކޮށްދިނީ ދިވެހީން

އައިޔޫއެމްގެ ޕްރޮފެސަރެއް ކަމަށްވާ ޑރ. ކުރްދީގެ އަންހެނުން: އޭނާ އެ އާއިލާ އުޅުނު ހާލު ކިޔައިދިނީ ރޮމުން -- ސަން ފޮޓޯ/ މޫސާ ނަދީމް

"ޣައްޒާއިން ނުކުމެވުމާ އެކު މަތިން ޖައްވަށް ބަލައިލިން. މުޅި ޖައްވު ހުރީ މުށި އަދި އަޅި ކުލައަށް ބަދަލުވެފައި. ތިމަންނައަށް އެ ތަނުގެ ހާލަތުގެ އެންމެ އިންސައްތައެއް ވެސް ސިފައެއް ނުކޮށްދެވޭނެ،"

އިޒްރޭލުގެ އުދުވާނީ ހަމަލާތަކުގެ ޝިކާރައަކަށް ވެފައިވާ ޣައްޒާއިން ސަލާމަތްވެގެން ރާއްޖެއަށް އައި، ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް)ގައި ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކުރާ ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ ޑރ. ހަސަން އަލް ކުރްދީގެ އަންހެނުން ކިޔައިދިނެވެ.

ކުރްދީގެ އާއިލާ ސަލާމަތްކަމާ އެކު ޣައްޒާއިން ނެރެ ރާއްޖެ ގެނެސްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

އެ އާއިލާގެ މެންބަރުންނަށް މަރުޙަބާ ކިޔުމުގެ ގޮތުން އައިޔޫއެމްގައި މިއަދު ބޭއްވި ޚާއްސަ ހަފުލާގައި ޣައްޒާގެ ވާހަކަތައް ހިއްސާކުރަމުން ކުރްދީގެ އަންހެނުން ބުނީ، އެ ބިރުވެރިކަމުގައި ވޭތުވެދިޔަ 18 މަސް ދުވަހު، ކޮންމެ ދުވަހަކު ވެސް ހިތަށް އަރަނީ ދަރިން މަރުވެގެން ހިނގައިދާނެއޭ ނުވަތަ ދެން ދަރިންނަށް ވާނީ ކިހިނެއްބާއޭއެވެ.

އައިޔޫއެމްގެ ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކުރާ ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ ޑރ. ހަސަން އަލް ކުރްދީގެ އާއިލާއަށް މަރުޙަބާ ކިޔުމަށް ބޭއްވި ހަފުލާ -- ސަން ފޮޓޯ/ މޫސާ ނަދީމް

"އަބަދު ވެސް އިވެނީ ބޫމްބޫމް އަޑު. މުޅި ޖައްވުގައި ވަނީ އެ ބިރުވެރި އަޑު ގުގުމައިލާފައި. ހެލިކޮޕްޓަރުތަކާ އެއްޗެހި ދުއްވާތީވެ. ރެއާއި ދުވާލު އެ ބިރުވެރި އަޑުތައް އަހަން ތިބެންޖެހެނީ. ނިދަނީ ވެސް އެ ބިރުވެރި އަޑު އަހައަހާ ތިބެގެން،" ރޮމުން އޭނާ ކިޔައިދިނެވެ.

ޣައްޒާގައި އެ މީހުން އުޅުނީ ބަނޑުހައިހޫނުކަމުގައެވެ. ވަޒީފާއެއް ނެތެވެ. ސާފު ފެނާއި ވައިގެ ނަސީބެއް ވެސް ނުލިބެއެވެ. އެ ވާހަކަތައް ހިއްސާކުރަމުން ކުރްދީގެ އަންހެނުން ބުނީ، އަބަދު ވެސް ފެންނަނީ ވަށައިގެން މީހުން މަރުވެފައި ތިބޭ މަންޒަރު ކަމަށެވެ.

"ދުވާލަކު އެތައް ފަހަރަކު އެ މަންޒަރުތައް ފެނޭ، ބަލި މީހުން އެއްވެސް ފަރުވާއެއް ނުލިބި ބަލިހާލުގައި ވޭން ތަހައްމަލުކުރާތަން އަބަދު ފެންނަނީ. އެ މީހުންނަށް ފަރުވާ ދޭނެ ގޮތެއް ނެތް، ހޮސްޕިޓަލުތައް ހުރި ނަމަވެސް އެ ތަންތަނުގައި ފަރުވާއެއް ދެވޭނެ ގޮތެއް ނެތް،" އެއް އަތުން ކަރުނަ ފުހެމުން އޭނާ ކިޔައިދިނެވެ.

އައިޔޫއެމްގެ ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކުރާ ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ ޑރ. ހަސަން އަލް ކުރްދީގެ އާއިލާއަށް މަރުޙަބާ ކިޔުމަށް ބޭއްވި ހަފުލާ: ކުރުދީގެ އަންހެނުން ވަނީ އެ މީހުން ތަހައްމަލުކުރި ވޭން ކިޔައިދީފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

ކުރްދީގެ އާއިލާ ދިރިއުޅުނު ގެ ވެސް ވަނީ ބިމާ ހަމަކޮށްލައިފައެވެ. ގޭގައި ހިފާ ގެންގުޅުނު ސާމާނާ އެކު އެ ގެ އޮތީ ފަނާކޮށްލައިފައެވެ. އެއީ، ޣައްޒާގައި ދިރިއުޅޭ 85 އިންސައްތަ މީހުން ހާލުކަން ފާހަގަކޮށް އޭނާ ބުނީ، މިހާރު ފެންނަން ހުރީ މަދު އިމާރާތެއް ކަމަށެވެ.

"މަރުގެ ތުންފަތް މަތިން ސަލާމަތް ކޮށްދިނީތީ ދިވެހިރާއްޖޭގެ އެންމެހާ މީހުންނާއި ދިވެހި ދައުލަތަށް ވެދެއްވި އެހީތެރިކަމަށް ޝުކުރުއަދާކުރަން،" އޭނާ ބުންޏެވެ.

"މިހާރު ވެސް ފަލަސްތީނު ރައްޔިތުންނަށް ތި އެންމެހާ ފަރާތްތަކުގެ ހެޔޮ ދުއާ ބޭނުންވޭ. އެހީތެރިކަން ބޭނުންވޭ، އެ މީހުން ތިބީ ވަރަށް ނިކަމެތި ހާލުގައި. ހަނގުރާމައިގައި އެ މީހުން މަރުވެގެން ނުދިޔަ ނަމަވެސް، ބައްޔަށް ފަރުވާ ނުލިބި ނުވަތަ ބަނޑުހައިހޫނުކަމުގެ ސަބަބުން އެ މީހުން ދުނިޔެއަކު ނުތިބޭނެ،"

އައިޔޫއެމްގެ ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކުރާ ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ ޑރ. ހަސަން އަލް ކުރްދީގެ އާއިލާއަށް މަރުޙަބާ ކިޔުމަށް ބޭއްވި ހަފުލާ: ކުރުދީގެ އަންހެން ދެ ދަރިން ހަފުލާގައި -- ސަން ފޮޓޯ/ މޫސާ ނަދީމް

ހަފުލާއަށް ފަހު 'ސަން'އާ ވާހަކަދައްކަމުން ކުރްދީ ވަނީ ސަލާމަތްކަމާ އެކު އާއިލާ އެނބުރި ރާއްޖެއަށް ގެނައުމުގެ ހެޔޮ ނަސީބު ލިބުނީތީ މާތްﷲއަށް ހަމްދުކޮށް، އެ ކަމުގައި ވެދިން އެހީތެރިކަމަށްޓަކައި ރާއްޖޭގެ ސަރުކާރާއި، ރައްޔިތުން އަދި އައިޔޫއެމްއަށް ޝުކުރުދަންނަވާފައެވެ.

"އަދިވެސް އާއިލާގެ ވަރަށް ގިނަ މީހުން ޣައްޒާގައި އެބައުޅޭ. އެކަމާ ވަރަށް ހިތާމަކުރަން އަދި ދެރަވެސްވޭ. ބޮން އެޅުމާއި، މީހުން މެރުމާއި، މީހުންގެ ގެދޮރުތައް ސުންނާފަތިކުރުން ނޫން އެހެން ކަމެއް އެ ތަނުގައި ނެތް،" ހިތާމައާ އެކު ކުރްދީ ބުންޏެވެ.

އައިޔޫއެމްގައި މިއަދު ބޭއްވި މިހަފްލާގައި އެ ޔުނިވަސިޓީން ވަނީ ކުރްދީގެ އާއިލާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. އަދި އެ ޔުނިވަސިޓީގެ 'ސްޓާފް ކްލަބް'އިން ވަނީ އެ އާއިލާއަށް ފަންޑް ޑޮނޭޝަނެއް ވެސް ދީފައެވެ.

އައިޔޫއެމްގެ ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކުރާ ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ ޑރ. ހަސަން އަލް ކުރްދީގެ އާއިލާއަށް މަރުޙަބާ ކިޔުމަށް ބޭއްވި ހަފުލާ: އައިޔޫއެމްއިން އެ އާއިލާއަށް ފަންޑް ޑޮނޭޝަން ހަދިޔާކުރުން -- ސަން ފޮޓޯ/ މޫސާ ނަދީމް

ކުރްދީ ވަނީ އޭނާގެ އާއިލާ ޣައްޒާއިން ސަލާމަތްކޮށްދިނުމަށް ފައިސާގެ އެހީއަށް މީގެ ކުރިން އެދިފައެވެ. އޭނާ އެހީއަށް އެދިފައިވަނީ މާޗު މަހުގެ 31 ގައެވެ. އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އިން އެ ފައިސާ ވަނީ މިދިޔަ މަހުގެ ހަތްވަނަ ދުވަހު ހަމަޖައްސައިދީފައެވެ.

ކުރްދީއަކީ އައިޔޫއެމްގައި އަރަބި ބަސް ކިޔަވައިދޭ ޕްރޮފެސަރެކެވެ. ހަނގުރާމަ ފެށި ފަހުން އެ އާއިލާ އެއްކޮށް ތިބީ ހާލުގައި ޖެހިފައެވެ. އެ މީހުން އެންމެ ފަހުން ދިރިއުޅުނީ މިހާރު އިޒްރޭލުން ހަމަލާދޭ ރަފަހް ސަރަހައްދުގައެވެ.

ކުރްދީގެ އަންހެނުންނަކީ ޕްރައިމަރީ ޓީޗަރެކެވެ. ދެ އަންހެން ކުދިންގެ އިތުރުން ދެ ފިރިހެން ކުދިން ވެސް އެ ދެމަފިރިންގެ ހުރެއެވެ. އޭގެ ތެރެއިން ދޮށީ އަންހެން ދަރިފުޅަކީ އެނެސްތީސިއާއާއި އިންޓެންސިވް ކެއާގެ ދާއިރާއިން ކިޔަވަމުން އަންނަ ކުއްޖެކެވެ.

އިޒްރޭލުން އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން މިހާތަނަށް 35،900 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެންނުނެވެ.

comment ކޮމެންޓް