ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެއްސުމަށް ފަހު، އިސްރާއީލުން އާންމުންގެ ބޮލަށް ބޮން އަޅަނީ

އިސްރާއީލުން ހަތިޔާރެއްގެ ގޮތުގައި ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސަނީ

ޣައްޒާ (21 އޮކްޓޯބަރު 2024): ޣައްޒާގެ އުތުރަށް ކާބޯތަކެއްޗާއި ބޭސް ވެއްދުމަށް އިސްރާއީލުން ގަސްދުގައި ހުރަސް އެޅުމުގެ ސަބަބުން ސަރަހައްދުގައި 1.5 މިލިޔަން މީހުން ހައިހޫނުކަން ތަހައްމަލުކުރަމުން ގެންދާކަމަށް ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ދިރާސާތައްކުރާ ޖަމާއަތެއް ކަމަށްވާ އިންޓެގްރޭޓެޑް ފުޑް ސެކިޔުރިޓީ ފޭސް ކްލެސިފިކޭޝަން (އައިޕީސީ)ން ބުނެފިއެވެ.

އެ ޖަމާއަތުން ބުނީ ޣައްޒާގައި ކާބޯތަކެތި ލިބޭނެ އެއްވެސް ގޮތެއް ނެތްތާ ދެ ހަފުތާވެފައިވާ ކަމަށާއި މިއީ ހަނގުރާމައިގެ ޖަރީމާއެއްކަމަށް ބެލެވޭ އާދަޔާ ޚިލާފަށް ލާއިންސާނީ އަމަލެއް ކަމުގައެވެ.

މިކަމުގެ ސަބަބުން ޣައްޒާގެ 1.5 މިލިއަން މީހުންގެ ތެރެއިން ގިނަ ބަޔަކު ނުކައި ނުބޮއި ތިބޭތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު ކުރީގައި ހުރި ކާބޯތަކެތީގެ ސްޓޮކް ވެސް މިހާރު ހުސްވެފައިވާތާ ހަފުތާއެއްވެއްޖެއެވެ.

ޣައްޒާގެ އުތުރުގެ ހައިހޫނުކަމުގެ ހާލަތު އިންސާނުންގެ ހިތަށް ތަސައްވަރުކުރަން ވެސް ދަތިވެފައިވާ ކަމަށް އަލްޖަޒީރާއިން ވެސް ވަނީ ހާމަކޮށްފައެވެ. ހައިހޫނުކަމުގެ ސަބަބުން ގިނަ ބަޔަކު ބަލި ހާލަތަށް ގޮސްފައިވާކަން އައިޕީސީގެ އިތުރުން އަލްޖަޒީރާއިން ވެެސް ފާހަގަކުރެއެވެ.

ޣައްޒާގެ އުތުރުގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ވެއްދުމަށް އިސްރާއީލު ގެންދަނީ ގަސްދުގައި ހުރަސް އަޅަމުންނެވެ. ބޭނުމަކީ ޣައްޒާގެ އުތުރުގެ ރައްޔިތުން އެ ތަނުން ބޭރުކުރުމެވެ. ހައިހޫނުކަން ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން ސިޔާސީ އަދި ހަނގުރާމައިގެ މަގުސަދުތައް ހާސިލުކުރުމެވެ.

ޣައްޒާގެ އުތުރު ގައި ހައިހޫނުކަމުގެ ސަބަބުން ކުޑަކުދިން މަރުވާ ހިސާބުގައި

ކާބޯތަކެއްޗާއި ބޯފެނުން މަހުރޫމުކުރުމުގެ އިތުރުން ޣައްޒާގެ އުތުރަށް ބޭސް ވެއްދުމަށް ވެސް އިސްރާއީލު ގެންދަނީ ހުރަސް އަޅަމުންނެވެ. އެ ސަރަހައްދުގެ އާންމުންވަނީ އެ މީހުންގެ ބިން ދޫކޮށް އިސްރާއީލު ބުނާ ތަންތަނަށް ހިޖުރަކުރުމަށް ދެކޮޅު ހަދާފައެވެ.

ޣައްޒާގެ އުތުރުން އެ ސަރަހައްދުގެ އާންމުން ބޭރުކުރުމުގައި އިސްރާއީލުގެ މަގުސަދަކީ އެ ސަރަހައްދާ ޖެހިގެން އިސްރާއީލު ޣައިރު ގާނޫނީ ގޮތުން ބިނާކޮށްފައިވާ ޔަހޫދީ އަވަށްތަކަށް އަލުން މީހުން ގެނައުމެވެ. ޣައްޒާގެ ހަނގުރާމައިގެ ސަބަބުން އެ ތަންތަނުގައި ކުރިން ދިރިއުޅުނު ޔަހޫދީ ވަޒަންވެރިން ވަނީ އެ މީހުންގެ އަވަށްތައް ދޫކޮށް ރެފިއުޖީންގެ ގޮތުގައި އެހެން ތަންތަނަށް ގޮސްފައެވެ.

ޣައްޒާގެ އުތުރު ސަރަހައްދުގެ އާންމުން ބަނޑަށް ޖެއްސުމަށް ފަހު އިސްރާއީލު ހިންގަމުންގެންދާ އަނެއް ޖަރީމާއަކީ އެ ސަރަހައްދުގެ ފޭލިގެތަކަށް ބޮންއެޅުމެވެ. މިގޮތުން އިއްޔެ ވެސް ޣައްޒާގެ އުތުރުގެ އެކި ފޭލިގެތަކާއި ރެފިއުޖީންގެ ގޮތުގައި މީހުން ދިރިއުޅޭ ތަންތަނަށް ބޮން އަޅައިގެން 33 މީހުން ޝަހީދުކޮށްލާފައިވެއެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުން އިސްރާއީލު ބޮން އެޅުމުގެ ސަބަބުން މާބަނޑު އަންހެނުން ވެސް ވަނީ ދިރިތިއްބައި އަނދައިގެން ޝަހީދުވެފައެވެ.

ހަނގުރާމައިގެ މަގްސަދު ހާސިލް ކުރުމަށް ޣައްޒާގެ ރައްޔިތުން ބަންޑަށް ޖައްސަނީ

އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ މި ގަތުލުއާންމުތަކާއި މީހުން ބަނޑަށް ޖެއްސުމުގެ ޖަރީމާތަކުގައި އިސްރާއީލަށް އެންމެ ބޮޑަށް ވާގިވެރިވާ މަދަދުގާރަކީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމަށް ދައުވާކުރާ އަދި އިންސާނީ ހައްގުތަކުގެ ނަމުގައި އެހެން ގައުމުތަކަށް ފިލާވަޅުދޭ އެމެރިކާއެވެ. ދެން ޔޫރަޕްގެ ގައުމުތަކެވެ.

ޣައްޒާގެ އުތުުރުގެ ހާލަތު މިގޮތަށް އޮތްއިރު، އެމެރިކާއިން ވަނީ ޣައްޒާގެ އުތުރަށް ކާބޯތަކެތި ވެއްދުމަށް އިސްރާއީލަށް ބާރު އަޅަމުން ގެންދާކަމަށް ބުނެ، މީގެ ހަފުތާއެއް ކުރިން ވެސް ވާހަކަދައްކައި އެމެރިކާ ގެންގުޅޭ މަކަރުވެރި ދެފުށްދެގޮތް ސިޔާސަތު ހާމަކޮށްފައެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް ވަނީ ޣައްޒާގެ އުތުރުގެ މީހުންގެ ހާލަތުގެ ސަބަބުން ހިތްފަޅައިގެންދާ ކަމަށް ވިދާޅުވެ، ވަރަށް ދެރަވެ މާޔޫސްކަމާ އެކު އިއްޔެ ވާހަކަދައްކަވާފައެވެ.

comment ކޮމެންޓް