ނަތަންޔާހޫގެ ގެޔަށް ހިޒްބުﷲގެ ކުއްލި ހަމަލާއެއް

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ -- ފޮޓޯ: ރޮއިޓާސް

ޓެލްއަވީވު (19 އޮކްޓޯބަރު 2024): ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުން ވަރުގަދަ ހަމަލާއެއްދީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ގެ ގޮއްވާލައިފިއެވެ.

އިސްރާއީލުގެ ރަސްމީ ފަރާތްތަކުންވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އިސްރާއީލުގެ ބޮޑުވަޒީރު ގެ އޮފީހުން ދާދިދެންމެއަކު ނެރުނު ބަޔާނެއް ބުނާގޮތުން އިސްރާއީލުގެ ގީސާރިޔާގައި ސަރަހައްދުގައި ހުންނަ ނަތަންޔާހޫގެ ގެއަށް ހިޒްބުﷲއިން ދާދިދެންމެއަކު ހަމަލާދިނީ މިހާތަނަށް އެޖަމާއަތުން ބޭނުންކޮށްފައި ނުވާވަރުގެ ބާރުގަދަ ޑްރޯނަކުންނެވެ.

އެ ޑްރޯން ހަމަލާއާއެކު ބާރުގަދަ ގޮވުމެއް ގޮވައި ނަތަންޔާހޫގެ ގެ ވަނީ ހަލާކުވެފައެވެ.

ހިޒްބުﷲ ގެ ޑްރޯން މަތަކުރުމަށް އިސްރާއީލުގެ ހަތަރު ލޭޔަރުގެ މައްޗަށް އެކުލެވިފައިވާ އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުތައް ނާކާމިޔާބު ވީގޮތެއް އަދި ނޭނގެއެވެ. އެކަން ބަލައި ތަހުގީގު ކުރުމުގެ މަސައްކަތްވަނީ ފަށާފައި ކަމަށް އިސްރާއީލުގެ ޗެނެލް 12 ބުނެއެވެ.

ހިޒްބުﷲ ގެ ހަމަލާއާއެކު ނަތަންޔާހޫއާއި އޭނާގެ ނުފޫޒުގަދަ އަނބިމީހާ މަރުވިކަން ނުވަތަ ނޫންކަމާމެދު ސުވާލު އުފެދިފައިވަނިކޮށް ދާދި ދެންމެއަކު އިސްރާއީލުގެ ޗެނަލް 12 އިން ބުނެފައިވަނީ ހިޒްބުﷲ އިން ނަތަންޔާހޫގެ ގެއަށް ހަމަލާދިންއިރު ނަތަންޔާހޫއާއި އޭނާގެ އަންހެނުން ގެއަކު ނެތް ކަމަށެވެ.

އެހެންކަމުން ނަތަންޔާހޫ އާއި އޭނާގެ އާއިލާވަނީ ހިޒްބުﷲގެ ހަމަލާއިން ހަނިގޮތަކަށް ސަލާމަތް ވެފައެވެ.

ޗެނަލް 12 ބުނާގޮތުން ހިޒްބުﷲ ގެ ޑްރޯން ވަނީ ގޮވާތަކެއްޗާއެކު ލުބްނާނުން ނަތަންޔާހޫގެ ގެއާ ހަމައަށް 70 ކިލޯމީޓަރުގެ ރާސްތާއެއްގައި ދަތުރުކޮށްފައެވެ.

މުރާސިލުން ބުނާގޮތުގައި ހިޒްބުﷲގެ ބޭނުމަކީ އަދި މިފަހަރު ނަތަންޔާހޫ މަރާލުމެއް ނޫނެވެ. އެޖަމާއަތުގެ ބޭނުމަކީ އޭނާގެ އަނިޔާވެރިކަމާއި ހަރުކަށިކަމާއި ބޮޑާކަމާ އަދި މަތިހަށި ފުއްޕުމަށް ވަރުގަދަ އިންޒާރެއް ދިނުމެވެ.

މިޒަމާނުގެ ހިޓްލަރުގެ ގޮތުގައި ސިފަކުރެވޭ ނަތަންޔާހޫއާއި އޭނާގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް، އަދި އިސްރާއީލު ސިފައިންގެ ޗީފް އޮފް ސްޓާފް ހާޒީ ހަލޭވީ މަރާލުމުގެ އޮޕަރޭޝަންތައް މިހާރު ހިޒްބުﷲގެ ސްޓްރެޓީޖިކް ލިސްޓުގައި ހިމަނާފައިވާކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

ނަތަންޔާހޫ އަކީ ވޯންޓެޑް މީހެއް ކަމަށާއި އޭނާގެ ބޯ ބޭނުންވާކަމަށް ހިޒްބުﷲ އާ ގާތްގުޅުމެއް އޮންނަ ލުންބާނުގެ އޮންލައިން ނޫހަކުންވަނީ ހާމަކޮށްފައެވެ.

ހިޒްބުﷲގެ މިހަމަލާ އާއެކު ނަތަންޔާހޫ ދެން އުޅޭނެ ކަމަށް ބެލެވޭނީ ބިންގަރާސްތަކުގައި ފިލައިގެން ކަމަށާއި ބިންމަތީގެ އިމާރާތެއްގައި އޭނާ އުޅޭތޯ ހިޒްބުﷲގެ ޖާސޫސީ ޑްރޯންތަކުން ވަރަށް ބޮޑަށް ބަލާނެކަމަށް ވެސް ހިޒްބުﷲއާގާތް މަސްދަރަކުން ބުނެފައިވެއެވެ.

ހިޒްބުﷲއިން ނަތަންޔަހޫގެ ގެ މި ގޮއްވާލީ އިސްރާއީލު ސިފައިންނާ އެކު ބަދަލު ކުރި ހަމަލާތަކެއްގައި ހަމާސްގެ ލީޑަރު ޔަހްޔާ އައްސިންވާރު ޝަހީދު ވިކަން އިސްރާއީލުން އިއްޔެ އިއުލާނު ކުރުމާއެކު އިސްރާއީލުގެ ހަރުކަށި ޔަހޫދީން އުފާފާޅު ކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ. އޭގެ ކުރިން އިސްރާއީލު ވަނީ ހިޒްބުﷲ ގެ ލީޑަރު ޝައިޚް ހަސަން ނަސްރުﷲ އަވަހާރަކޮށްލާފައެވެ.

ނަމަވެސް ސިންވާރު ޝަހީދުވުމުން އުފާކުރަމުން ގެންދިޔަ ޔަހޫދީންނަށް ހިޒްބުﷲ ގެ މި ކުއްލި ހަމަލާއާއެކު ވަނީ ކުއްލި ސިހުމެއްލިބިފައެވެ. އިސްރާއީލުގެ ބަލިފައިތައް ހުރިކަމުގެ އިހުސާސާއި އިސްރާއީލުގައި އަމާންކަން ނެތްކަމުގެ އިހުސާސް ކުރެވި އިސްރާއީލުގެ ގިނަ ބަޔަކު ބިންގަރާސްތަކަށް ވަންނަމުން ދާކަމަށާއި ރޭވެސް ހިޒްބުﷲ ގެ އެތައް މިސައިލާއި ރޮކެޓެއް އިސްރާއީލުގެ އެތަންމިތަނަށް އަރާފައިވާތީ އިސްރާއީލުގެ މިލިޔަނެއްހާ މީހުން ރޭ ދަންވަރުވެސް ބިންގަރާސްތަކަށްވަނީ ވަދެފައެވެ.

ނަތަންޔާހޫ މަރާލުމަށް ހިޒްބުﷲ ދިން މި ހަމަލާއާއެކު އިސްރާއީލުވަނީ ޝޮކެއްގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް