އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ދަރިވަރުންނަށް އުނގަންނައި ދިނުމަށް ޓީޗަރުން ތަމްރީނުކުރަން މި އަހަރު ފަށާނެކަމަށް ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.
ދިރާސީ އަހަރު ފެށުމާއެކު މިއަދު ދެއްވި ޚިޠާބުގައި މިނިސްޓަރު ވިދާޅުވީ ޓެކްނޮލޮޖީގެ ބޮޑު ބަދަލަކަށް މުޅި ދުނިޔެ މިސްރާބު ޖަހާފައިވާއިރު ތަރައްގީގެ މައިދާނުގައި ރާއްޖޭގެ މުސްތަގުބަލުގެ ޖީލު ބައްޓަން ކުރަން ވާނީ ޓެކްނޮލޮޖީއަށް އަހުލުވެރި ބައެއްގެ ގޮތުގައި ކަމަށެވެ.
އަދި ކުރިއެރުމަށް ލޯބިކުރާ، އިސްލާމީ މަތިވެރި އަގުތައް އަށަގަނެފައިވާ ބައެއްގެ ގޮތުގައި ކަމަށެވެ.
"އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އުނގެނުމާއި އުނގަންނައިދިނުން ހަރުދަނާ ކުރުމަށް މުދައްރިސުން އަހުލުވެރި ކުރުވުމާއި ޝާމިލުކޮށްގެން އުނގަންނާ ދިނުމުގައި އެސިސްޓިވް ޓެކްނޮލޮޖީ އުނގަންނާ ދިނުމަށް މުދައްރިސުން އަހުލުވެރިކުރުމަށް ޚާއްސަ އިސްކަމެއް މި ދިރާސީ އަހަރުގެ ތެރޭގައި ދެވިގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ރަނގަޅު ފެންވަރެއްގައި ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދެވޭނީ ފެންވަރު ރަނގަޅު އުފެއްދުންތެރި މުދައްރިސުންތަކެއް ތައުލީމީ ދާއިރާގައި ތިބެގެންކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ ތައުލީމީ ނިޒާމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފެންވަރު ރަނގަޅު ޓީޗަރުން މަދުވުމުގެ މައްސަލަ ކަމަށެވެ.
މިކަން ހައްލުކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
"ފެންވަރު ރަނގަޅު ތައުލީމަކާއި ތަރުބިއްޔަތެއް ދަރިވަރުންނަށް ފޯރުކޮށްދެވޭނީ ފެންވަރު ރަނގަޅު އުފެއްދުންތެރި ވިސްނުމުގެ މުދައްރިސުން ދާއިރާގެ ޚިދުމަތުގައި ތިބެގެން،" ވަޒީރު ވިދާޅުވިއެވެ.
މިގޮތުން މުދައްރިސުން ސްކޫލުގައި ހޭދަކުރާ މަސައްކަތުގެ ވަގުތު ވަކި މިންގަނޑެއްގައި ހިފެހެއްޓުމުގެ އިތުރަށް ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭ މުދައްރިސުންނަކީ ދޭސީ މުދައްރިސުންނަށް ހެދުމަށް ޓަކައި ގައުމީ ފެންވަރުގެ މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް މިއަހަރު ފަށާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.