ހުރިހާ މަސައްކަތެއް މުސްކުޅި މައިންބަފައިންނަށް، ބެލުމުގެ ބުރަ ދައުލަތަށް؟

ބ. މާޅޮހުގައި އުމުރުން ދުވަސްވީ މީހަކު ހިނގާފައި ދަނީ: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެކުވެރިއެއްގެ ގެއަށް ވަދެގެން އައިއިރު، ސިޓިން ރޫމުގެ އެއް ކަނެއްގައި ބަހައްޓައިފައިހުރީ ފަތްޖެހި އެނދެކެވެ. ފިނިވައިޖެހޭ ހިސާބުގައި ހުރި ސޯފާއާއި ޓީވީއާ މާ ދުރުގައި، ބޮނޑިކޮށްފައި ހުރި ހެނދުންތަކެއްގެ ތެރޭ، އެ އެނދުގައި އޮތީ ހަމަޖެހިލައިގެން އޮތް މުސްކުޅިފުރާ ފިރިހެނެކެވެ.

"އެއީ އަހަރެންގެ ކާފަ އޮންނަ ތަން،" އަހަރެން އެހުމުގެ މާ ކުރިން އެކުވެރިޔާ ބުނެލިއެވެ.

މިއީ ހަތަރު ކޮޓަރި ހުރި އެ ގޭގައި ކާފައަށް ހުސްކޮށް އޮތް ހަމައެކަނި ޖާގައެވެ.

މަޑުމަޑުން މިއީ މިއަދުގެ ދިވެހި މުޖުތަމައުގެ ވެސް އާންމު މަންޒަރުކަމުގައި އަންނަނީ ވަމުންނެވެ. ދޮށީ އުމުރަށް އަޅައިފައިވާ ތިމާގެ މައިންބަފައިން ހަވާސާކޮށް، ނިކަމެތިކޮށްލެވެނީއެވެ.

އެ މައިންބަފައިން ބަލަންވީމާ "ޗުކެއް" ލައްވައިފައިނޫނީ އެ ކަން ނުކުރާން ތިބޭ މަދު ބަޔަކު ނަމަވެސް މުޖުތަމައުގައި އެބައުޅެއެވެ.

ނަމަވެސް އިންތިހާއަށް ކަންބޮޑުވާން ޖެހޭ އެއް ކަމަކީ، ދޮށީ އުމުުރުގެ މީހުން ބަލަން ބާރުއަޅަން ދައުލަތުން މަޖުބޫރުކުރަން ޖެހޭ ހިސާބަށް ރާއްޖޭގައި ކަންކަން ދިޔައީތޯ ސުވާލު އުފައްދަންޖެހުމެވެ.

ރާއްޖޭގައި ހަމަ ހަގީގަތުގައި ވެސް ދައުލަތުން އިސްނަގަންޖެހި، ބާރު އަޅަންޖެހޭ ހިސާބަށް ދިޔައީ ހެއްޔެވެ؟

ޖުލައި 20، 2021: އަޟްހާ އީދުގައި އުމުރުން ދޮށީ ދެ މީހަކު ހިނގައިލަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބާރުއަޅަން އިތުރުކަމެއް، ބޯހިޔާވަހިކަމަށް އިތުރުވާނެ ޕޮއިންޓެއް

މި މަހުގެ ތެރޭ ޖެންޑާ މިނިސްޓްރީން ހުށަހެޅި ހުށަހެޅުމަކަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރުމަށް ފަހުވަނީ، ދޮށީ އުމުރުގެ މީހުންނާއެކު އާއިލާތަކަށް ދިރިއުޅެވޭނެ މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން އަލަށް ފަށާ ބޯހިޔާވަހިކަމުގެ ސްކީމުތަކުގައި ދޮށީ އުމުރުގެ މީހުންނާއެކު ދިރިއުޅޭ ނުވަތަ އެ މީހުން ބަލަހައްޓާ މީހުންނަށް ޕޮއިންޓު ލިބޭނެ އުސޫލުތައް އެކަށައަޅަން ނިންމައިފައެވެ.

https://sun.mv/192248

މިއީ ދޮށީއުމުރުގެ މީހުން ބާކީވިޔަ ނުދިނުމަށް ޓަކައި، ނުވަތަަ އެ މީހުންނަކީ އެކަނިވެރިވާ ބަޔަކަށް ވުމުން ދުރުކުރުމަށް ޓަކައި ސަރުކާރުން އެޅި މުހިންމު އެއް ފިޔަވަޅެެވެ.

ދޮށީ އުމުރުގެ މީހުންނާ ގާތުން މަސައްކަތްކުރާ ޖަމިއްޔާއެއްކަމަށްވާ އޭޖް ކެއާ ސޮސައިޓީން ބުނި ގޮތުގައި މިއީ ޚުދު އެ ޖަމިއްޔާއިން ވެސް ވަކާލާތުކުރަމުން އައި ކަމެކެވެ. ނަމަވެސް މި ކަމާއެކު ވެސް އެ ޖަމިއްޔާއިންވަނީ ސަމާލުވުން މުހިންމު ކަންތައްތަކެއް ފާހަގަކޮށްފައެވެ.

މޭ 1، 2021: ދޮށީއުމުރުގެ ދައްތައެއް އަތިރިމަތީގައި މަޑުކޮއްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެގޮތުން އެ ޖަމިއްޔާއިން ބުނި ގޮތުގައި މިހާރު ވެސް ވަރަށް ނިކަމެތި ހާލަތުގައި ދޮށީ އުމުރު މީހުން ގޭގޭގައި ތިބޭ ތަންތަނާ މަދުން ނަމަވެސް ދިމާވެފައި އެބަހުއްޓެވެ.

"ގެއެއްގައި ވެސް ވާ ގޮތަކީ، ވަކިވަރެއް ވީމާ ހަމަ އެއްކަލަ ބުނާހެން ކޮޓަރިއެއްގެ ކަނެއްގައި ނުވަތަ ފެންޑާއެއްގައި އެނދެއް ބަހައްޓައިލައިފައި އެއްކަހަލަ މީހާ އޮންނާނެ އިނގޭތޯ. އެހެންވީމާ އެއީ އަޅުގަނޑުމެންނަށް ވެސް ހަމަ ދެކެވިފައިހުރި ވާހަކަ،" "ސަން"އާ ވާހަކަދައްކަވަމުން އެ ސޮސައިޓީގެ އެއް ފައުންޑަރު ޑރ. އާމިނަތު ޖަމީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޯހިޔާވަހިކަމަށް އިތުރު ޕޮއިންޓެއް ލިބޭހެން އުމުރުން ދޮށީ މީހަކު ބެލުން އިތުރުކުރާއިރު، އެ މީހުން ބަލަހައްޓާ ގޮތް ދެނެގަނެ މޮނީޓަރުކުރުމަކީ ކޮންމެހެން ކުރުން މުހިންމު ކަމެކެވެ.

ނަހަމަ ގޮތުގައި ޕޮއިންޓު ހޯދަން، ނަމެއްގައި ކުރާ އެ ފަދަ ކަންކަން މޮނީޓަރުކުރެވޭނެ ހަރުދަނާ ނިޒާމެއް އޮންނަން ޖެހެއެވެ.

ހުރިހާ ކަމެއް މާމަ ކާފައަށް، ގޭތެރެއިން އަރާމެއް ނެތް!

ގިނަ ގޭގޭގައި މާމަ ކާފައަށް އޮންނަ އެއް މަސަައްކަތަކީ، އެ މީހުންގެ ދަރީން ވަޒީފާގައި އުޅޭ ވަގުތު މާމަ،ކާފަ ދަރިން ބެލުމެވެ. މިއީ އޭގެ ޒާތުގައި އެއްގޮތަށް ވެސް ގޯސް ކަމެއް ނޫނެވެ. ކުދިންނާއެކު ވަގުތު ހޭދަކުރުމަކީ އަމިއްލަ ދުޅަހެޔޮކަމަށާއި، ހިތްހަމަޖެހުމަށް ވެސް މަގުފަހިވާ ކަމެކެވެ.

ނަމަވެސް މި މުޖުތަމައުގައި މި ކަން އޮތީ އެއީ ހިތްހަމަ ޖެހުމަކަށްވުރެ ބޮޑަށް އުފުލަންޖެހޭ ބުރަ އިތުރުވާ ގޮތަށެވެ. މިއީ ދެބަސްވެވޭނެ ހަގީގަތެއް ނޫނެވެ. ގިނަ ފަހަރު މިއީ ދުޅަހެޔޮކަމާއި އުފާވެރިކަމުގެ މާހައުލަކަށްވުރެ ބުރައާއި ތަކުލީފުގެ މާހައުލެކެވެ.

އޭޕްރީލް 16، 2021: ރޯދަމަހާއި އަޅުކަން: ނަމާދަށް ފަހު، ދޮށީ އުމުރު މީހެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އަޅުގަނޑަށް ވަރަށް އުފާވާ ކަމަކަށް ވަނީ މާމަކުދިން މިހެން ބަލައިލަން އިނުން. އަނެއްހެއް މާ ބޮޑު މަސައްކަތެއް ނޫން. ދެން އެކަމު މިހާރު އުނަގަނޑުގައި ރިހޭތީ ވަރަށް އުނދަގޫ ކަމެއް މަތިން ތިރިއަށް އަބަދު އެރުމަކީ. ދަރިން ހެނދުނު [ވަޒީފާއަށް] ގޮސްފައި އިރުއޮއްސެންވާއިރަށް އަންނާނެ. އޭރަށް ދެން ލިބޭނެތާ އަރާމުކޮށްލަން،" މާލޭގައި ދިރިއުޅޭ މާމައަކު އޭނާގެ ވާހަކަ ހިއްސާކުރިއެވެ.

ދަރިފުޅު އަށްގަޑިއިރު ވަޒީފާ އަދައިކުރާތީ މައިންބަފައިންނަށް ޖެހެނީ އެ އަށްގަޑިއިރު ކުދިން ބަލާށެވެ. މަތިން ތިރިއަށް ފަސްފަހަރު ދަރިފުޅު ސްކޫލަށް ލާން، ބަލައި ދާން ފައިބަންޖެހެއެވެ. ނުވިތާކަށް ޓިއުޝަނާއި ގުރުއާން ކުލާހަށް ވެސް ލާން ބަލައި ދާން ޖެހެނީ މާމަ، ކާފައެވެ.

ގޭތެރޭ މަސައްކަތް ކުރުމުގައި ވެސް ލުޔެއް ލިބެނީއެއް ނޫނެވެ. މިއީ މައިންބަފައިންގެ ފަރާތުން އިވޭނެ ޝަކުވާއެއް ނޫނެވެ. ނަމަވެސް މި ހިމޭންކަމުގެ ފަހަތުގައި ފުނިޖެހެނީ ނަފްސާނީ ބަލިކަށިކަމާއި ޖިސްމާނީ ވަރުބަލިކަމެވެ.

"ގޭގެއަށް ދިޔައީމަ އަޅުގަނޑުމެންނަށް ވަރަށް ގިނައިން ފެނޭ އެކަނިވެރިވެފައި ތިބޭތަން،" އާމިނަތު ވިދާޅުވިއެވެ.

މިއީ ގިނަފަހަރު ގޭތެރެއިގެ މާހައުލުން ބޭރުން ދޮށީ އުމުރުގެ މީހުންނަށް އެހެން މާހައުލެއް ހޯދައިދޭން މެދުވެރިވާ ސަބަބެކެވެ. ގޭތެރެއިންް އަރާމާއި ހިތްހަމަޖެހުމުގެ ނޭވާއަކަށް ފުރުސަތު ނުލިބެނީއެވެ.

ދޮށީ އުމުރަށް ގިނަ ޚަރަދުތަކެއް، މެނޭޖުކުރާނެ ނިޒާމެއް އެބައޮތްތައް؟

އިޖްތިމާއީ މައްސަލަތައް އިންތިހާއަށް ގިނަ މި ރާއްޖޭގެ ހިންގުމުގެ ނިޒާމު ބައްޓަންވެފައި އޮންނަ ގޮތުން ހުރިހާ ބުރައެއް އުފުލަން ޖެހެނީ ސަރުކާރުތަކަށާއި ދައުލަތަށެވެ. އެއީ ހަމައެކަނި ރައްޔިތުންގެ ވިސްނުން ގެންގުޅޭ ގޮތުގައި އިލްޒާމު އަޅުވައި ނިންމައިލެވޭނެ ކަމެއް ވެސް ނޫނެވެ. ވެރިން ވެވަޑައިގަންނަވާ ވައުދުފުޅުތަކަކީ އޭގެ އެއްބައެވެ.

އެގޮތުން މި ފަހުން ވެސް ސަރުކާރުން ވަނީ ދޮށީ އުމުރުގެ މީހުންނަށް ޚާއްސަކޮށް ކުރަންހުރި ގިނަ ކަންތައްތަކެއް އިއުލާނުކޮށްފައެވެ.

ދޮށީ އުމުރުގެ މީހުންގެ ތެރެއިން އާއިލާގެ އަޅާލުން ނުލިބުމުގެ ސަބަބުން ދައުލަތުން ބަލަހައްޓަންޖެހޭ ހާލަތަށްދާ މީހުންނަށް، އުފާވެރިކަމާއި، ހިތްހަމަޖެހުމާ އެކު އުމުރުގެ ބާކީ ދުވަސްތައް ހޭދަކުރެވޭނެ ފަދަ މާހައުލެއް ޤާއިމުކުރުމުގެ ގޮތުން ފެންވަރު ރަނގަޅު ޚިދުމަތްތަކާ އެކު، ދޮށީ އުމުރުގެ މީހުންނަށް ޚާއްސަ މަރުކަޒެއް އައްޑޫ ސިޓީ ފޭދޫގައި ގާއިމުކުރަން ސަރުކާރުން ވަނީ ނިންމައިފައެވެ.

ރައީސް ޔާމީން ދޮށީ އުމުރުގެ މީހުންނާއި ބައްދަލުކުރުމަށް ކާނިވާ ސަރަހައްދުގައި ބޭއްވި ހަފްލާ ---

ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން އިއުލާނުކުރެއްވި ގޮތުގައި އެކަހެރިކޮށް ދިރިއުޅޭ ދޮށީ އުމުރުގެ މީހުންނަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ދޫކުރާ ފުލެޓާއި އިޖުތިމާއީ ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނެ ސިޔާސަތެއް ވެސް އެކަށައަޅާނެއެވެ.

މިއީ ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރާނަމަ، ވަރަށް މުހިންމު ކަންތައްތަކެކެވެ.

އެގޮތުން މިހާރު ވެސް އުމުރުން 65 އަހަރުވީމާ ކޮންމެ ދޮށީ އުމުރު މީހަކަށް 5،000 ރުފިޔާ ދައުލަތުން ދެއެވެ. ނަމަވެސް މި ފައިސާ ބޭނުންކުރަނީ ކާކުތޯ ބެލޭނެ އެއްވެސް ގޮތެއް ނެތެވެ.

"އެ ވެސް ދިނީމާ ބައެއް މީހުންނަށް އެބަ އެ ބޭނުންކުރެވޭ. އެ ކަމު އަނެއްބައި މީހުންގެ އާއިލާގެ މެމްބަރުން އޭގެ ނާޖާއިޒް ފައިދާ. އެ ލާރިކޮޅު އެ މީހުންގެ ބޭނުމަށް ނަގައިފައި އެއްކަލަ ދޮށީ އުމުރުގެ މީހާ ވަރަށް ނިކަމެތިވެފައި މި ހުންނަނީ،" މި ކަމުގައި ވެސް ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވައި އާމިނަތު ވިދާޅުވިއެވެ.

މިއީ ނިޒާމުގެ ތެރެއިން ދޫވެފައި ހުރި ކަން ކަމެވެ. ނަހަމަ ގޮތުގައި އެއްވެސް މަންފާއެއް ހޯދުމުގެ ފުރުސަތު ދެވިގެން ނުވާނެއެވެ. އެހެންކަމުން މިއީ ސަރުކާރުން އިތުރަށް ސަމާލުވުން މުހިންމު ކަމެކެވެ. އިތުރު ސްކީމުތައް ތައާރަފްކުރާއިރު ނަހަމަ އެއްވެސް މަންފާއެއް ނުލިބޭނެހެން އެ ކަން ތަންފީޒުވާނެ ކަން ކަށަވަރުކުރެވޭނެ ނިޒާމެއް ވެސް އޮންނަން ޖެހެއެވެ.

ކޮންމެއަކަސް، ހައްތަހާ ވެސް ފެންނަނީ ދޮށީ އުމުރުގެ މީހުންނާ މެދު އިހުމާލުވެދާނެކަމުގެ ބިރަށް، ސަރުކާރުން ނަމަވެސް އެ މީހުން ބަލަން ބާރުއެޅޭފަދަ ގޮތަކަށް ނިޒާމު ބައްޓަން ކުރަން ނިކުންނަ މަންޒަރެވެ. ނުވަތަ ދައުލަތުން ދޮށީ އުމުރުގެ މީހުންގެ ކަންކަން ބަލަން ނިކުންނަ މަންޒަރެވެ.

ސަރުކާރަކުން މަސައްކަތް ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް ދީނީ ގޮތުންނާއި، މުޖުތަމައުއެއްގެ އެންމެ މައިގަނޑު އަސާސްތަކުގައި ހިފާނަމަ ދޮށީ އުމުރުގެ މީހުންނަށް އިހްތިރާމްކުރުމާއި ގަދަރުކުރުމާއި، އެ މީހުންނަށް އަޅައިލައި ބަލަހައްޓާނީ ޝަކުވާއެއް ނެތި ހިތުން ރުހުމުން މަޖުބޫރުކަމެއް ނެތިއެވެ. ލިބޭނެ މަންފާއަކަށް ނުބަލައެެވެ. މިއަދު އެ ރޫހު އަލުން އާލާ ކުރަން އޮތީ ޖެހިފައެވެ.

comment ކޮމެންޓް