މައިންބަފައިން ބަލައި މީހުންނަށް ބޯހިޔާވަހިކަމުގައި އިތުރު ޕޮއިންޓް ދެނީ

ރައީސް ޑރ. މުޙައްމަދު މުއިއްޒު: މައިންބަފައިން ބަލައި މީހުންނަށް ހައުސިން ސްކީމްތަކުގައި އިތުރު ޕޮއިންޓް ދޭން ވަނީ ނިންމާފައި -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުން އަލަށް ފަށާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި އާއިލާތަކަށް ދިރިއުޅެވޭނެ މަގުފަހިކުރުމުގެ ގޮތުން ދޮށީ އުމުރުގެ މީހުންނާ އެކު ނުވަތަ އެ މީހުން ބަލަހައްޓާ މީހުންނަށް އިތުރު ޕޮއިންޓު ލިބޭ ގޮތް ހަދަން ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ދޮށީ އުމުރުގެ މީހުން ބަލަހައްޓާ މީހުންނަށް އިސްކަންދެއްވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ 'އިސްރަށްވެހިންގެ ނާދީ'ގެ ނަމުގައި މަރުކަޒެއް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައެވެ.

މި ހަފުތާގެ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ އެފަދަ އުސޫލެއް އެކަށައަޅަން ނިންމައިފައެވެ.

އެގޮތުން، ޖެންޑާ މިނިސްޓްރީން ހުށަހެޅި ހުށަހެޅުމަކަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރުމަށް ފަހުގައި ވަނީ ދޮށީ އުމުރުގެ މީހުންނާ އެކު އާއިލާތަކަށް ދިރިއުޅެވޭނެ މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން އަލަށް ފަށާ ބޯހިޔާވަހިކަމުގެ ސްކީމުތަކުގައި ދޮށީ އުމުރުގެ މީހުންނާ އެކު ދިރިއުޅޭ ނުވަތަ އެ މީހުން ބަލަހައްޓާ މީހުންނަށް ޕޮއިންޓު ލިބޭނެ އުސޫލުތައް އެކަށައަޅަން ނިންމައިފައެވެ.

17 މާޗު 2024: ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން: މި ހަފުތާގެ ވަޒީރުންގެ މަޖިލީހުގައި ވަނީ އުމުރުން ދުވަސްވީ މީހުންނަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި އިސްކަންދޭން ނިންމާފައި -- ފޮޓޯ/ ރައީސް އޮފީސް

މީގެ އިތުރުން ވެސް، ދޮށީ އުމުރުގެ މީހުންނަށް ލިބެންޖެހޭ ހައްގުތައް ރައްކާތެރިކޮށްދޭން ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ވެސް ވަނީ ނިންމައިފައެވެ. އަދި، ދޮށީ އުމުރުގެ މީހުންގެ ތެރެއިން އާއިލާގެ އަޅާލުން ނުލިބުމުގެ ސަބަބުން ދައުލަތުން ބަލަހައްޓަންޖެހޭ ހާލަތަށްދާ މީހުންނަށް، އުފާވެރިކަމާއި، ހިތްހަމަޖެހުމާ އެކު އުމުރުގެ ބާކީ ދުވަސްތައް ހޭދަކުރެވޭނެ ފަދަ މާހައުލެއް ޤާއިމުކުރުމުގެ ގޮތުން ފެންވަރު ރަނގަޅު ޚިދުމަތްތަކާ އެކު، ދޮށީ އުމުރުގެ މީހުންނަށް ޚާއްސަ މަރުކަޒެއް އައްޑޫ ސިޓީ ފޭދޫގައި ގާއިމުކުރަން ވެސް ވަނީ ނިންމައިފައެވެ.

ރައީސް މީގެ ކުރިން އިއުލާނުކުރެއްވި ގޮތުގައި އެކަހެރިކޮށް ދިރިއުޅޭ ދޮށީ އުމުރުގެ މީހުންނަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ދޫކުރާ ފުލެޓާއި އިޖުތިމާއީ ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނެ ސިޔާސަތެއް ވެސް އެކަށައަޅާނެއެވެ.

އެގޮތުން، ސަރުކާރުން ވަނީ އިޖުތިމާއީ ބޯހިޔާވަހިކަމާ ބެހޭ ބިލެއް ވެސް ހުށަހަޅައިފައެވެ. އެ ބިލުގައި ވެސް ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނަށް އިސްކަންދޭން ހިމަނައިފައެވެ.

comment ކޮމެންޓް