ވިނެގާއަކީ ކެއުމުގައި ބޭނުންކުރުމުގެ އިތުރުން ގޭތެރޭގައި ގެންގުޅޭ ބައެއް ސާމާނުތައް ސާފުކުރުމުގައި ވަރަށް ޚާއްސަ ދައުރެއް އަދާކުރާ މުހިއްމު މާއްދާއެކެވެ. އެކަމަކު، ބައެއް ތަކެތި ވިނެގާ ބޭނުންކޮށްގެން ސާފުކުރުމަކީ އެންމެ ރައްކާތެރި ގޮތެއް ނޫނެވެ.
މޯލްޑް ނުވަތަ ފަންގަސް ޖަހާފައި ހުންނަ ތަންތަން ސާފުކުރުމަށް ވެސް ވިނެގާ ބޭނުންކުރެއެވެ.
އެހެންނަމަވެސް، ގޭގައި ގެންގުޅޭ ބައެއް ސާމާނުތައް ސާފުކުރުމުގައި ވިނެގާ ބޭނުންކުރުމަކީ އެހާ ރައްކާތެރި ގޮތެއް ނޫން ކަމަށް އެމެރިކަން ކްލީނިން އިންސްޓިޓިއުޓްގެ ސްޕޯކްސްޕާސަން ޖެސިކާ އެކް އަދި ޔުނިވަސިޓީ އޮފް މިސޯރީގެ ރިސާޗު ޕްރޮފެސަރު ވެނީސާ އާންގް ވަނީ ބުނެފައެވެ.
ޒަންގް ބުނެފައިވާ ގޮތުގައި އެސެޓިކް އެސިޑާއި ފެނުގެ ސޮލިއުޝަނެއް ކަމަށްވާ ވިނެގާއަކީ ވަރަށް ސާފު ޑިސްއިންފެކްޓެންޓެކެވެ. އޭގެ އެސިޑިކް ޕްރޮޕަޓީޒްގެ ސަބަބުން މިނަރަލް ޑެޕޮސިޓް، ކުނި، ގްރީސް އަދި ބެކްޓީރިއާތައް ނައްތާލައެވެ. ވިނެގާއަކީ ވިހަ ނޫން، ތިމާވެއްޓާ ރައްޓެހި އަދި ޚަރަދު ކުޑަ ގޮތަކަށް ގޭތެރޭގައި ގެންގުޅޭ ގިނަ ތަކެތި ސާފުކުރެވޭ މާއްދާއަކަށް ވިޔަސް އެ ބޭނުން ކުރަންވާނީ ސާފުކުރާ ކޮންމެ އެއްޗަކުން ވެސް ކުލަނުދާނެ ފަދަ ގޮތަކަށެވެ.
ޖެސިކާ އެކް ލަފާދޭ ގޮތުގައި ހުދު ވިނެގާއަކީ އެފަދަ ގޮތަކަށް ބޭނުންކުރަން އެންމެ ރަނގަޅު އެއް އުފެއްދުމެވެ.
ރިސާޗު ޕްރޮފެސަރު ވެނޭސާ ބުނެފައިވަނީ، ކާސްޓު އަޔަންގެ އުފެއްދުންތައް، ހާޑްވުޑް، ސްޓެއިންލެސް ސްޓީލް، ޤުދުރަތީ ނުވަތަ ނެޗުރަލް ސްޓޯންސް، އިލެކްޓްރޯނިކް ސްކްރީން، ދޮންނަ މެޝިން އަދި (ޑިޝް ވޮޝާ) ވިނެގާއިން ސާފުކުރުން ރައްކާތެރި ނޫން ކަމަށެވެ. ވިނެގާގެ ބަދަލުގައި ކާސްޓް އަޔަން ތެލި ނުވަތަ ތަވާ ވަރަށް އާދައިގެ މައިލްޑް ސައިބޯނިން ދޮވެވިދާނެއެވެ.
ހާޑްވުޑް ނުވަތަ ވަރުގަދަ ފިލައިން ފަރުމާކޮށްފައިވާ ފަރުނީޗަރު އަދި ބިންމަތި ވިނެގާއިން ސާފުކުރާނަމަ ހަލާކުވުމުގެ ފުރުސަތު ބޮޑުވާނެތީ ހާޑްވުޑް ސާފުކުރުމަށް ޚާއްސަ ބާވަތަކުން ސާފުކުރުމަށް އިސްކަން ދިނުމަށް ޕްރޮފެސަރު ވެނޭސާ ވަނީ އިރުޝާދު ދީފައެވެ.
މާބްލް އަދި ގްރެނައިޓް ފަދަ ގުދުރަތީ މައުދަނުން އުފައްދާފައިވާ ސްޓޯންތައް ވިނެގާއިން ސާފުކުރުމުގެ ސަބަބުން އޭގެ އަސްލު ކުލައާއި ވިދުމަށް ބަދަލު އަންނާނެތީ އެފަދަ ތަކެތި ސާފުކުރުމަށް ހާއްސަކުރެވިފައިވާ ސައިބޯނި ބޭނުންކުރަން އިރުޝާދު ދެއެވެ.
ތަފާތަ ވައްތަރުގެ އިލެކްޓްރޯނިކްސް ޓީވީ، ލެޕްޓޮޕް އަދި ފޯނުގެ ސްކްރީން ވިނެގާ ބޭނުންކޮށްގެން ސާފުކުރާނަމަ ސްކްރީން ފުސްވެ، ފެންނަ މަންޒަރުތަކުގެ ކުލައަށް ބަދަލު އައުން އެކަށީގެންވެއެވެ. އެހެންކަމުން މިފަދަ ތަކެތި ސާފުކުރުމަށް އަބަދު ވެސް ބޭނުންކުރަންވާނީ މައިކްރޯފައިބާ ފޮތި ނުވަތަ އެފަދަ ސްކްރީންތައް ސާފުކުރުމުގައި ގެއްލުމެއް ނުލިބޭނެ ފަދަ ރައްކާތެރި ތަކެތި ކަމަށް ޕްރޮފެސަރު ވެނޭސާ ވަނީ ބުނެފައެވެ.