ހިޔާ ފްލެޓެއްގެ ސިޑިއާ ދިމާއިން ކުޑަދޮރަކުން ކުޑަ އަންހެން ކުއްޖަކު ފައިބާ މަންޒަރު ފެންނަ ބިރުވެރި ވީޑިއޯއެއް އާންމުވާން ފަށައި، އެ މައްސަލަ ފެންމަތިވެއްޖެއެވެ.
ފޭސްބުކްގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަ ގޮތުގައި، ރަތް ކުލައިގެ ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގެ ކުޑަދޮރަކުން ކުޑަ އަންހެން ކުއްޖަކު ސިޑިގޮޅިއަކާ ދިމާއަށް ފައިބަން އުޅޭ ތަން ފެނެއެވެ.
އެއީ ހިޔާ ފްލެޓް އެޕާޓްމަންޓެއްގެ ފުރަތަމަ ފްލޯ ކަމަށްވާއިރު މި ވީޑިއޯއާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެއްވެސް ރައްކާތެރިކަމެއް ނެތް ގޮތަކަށް ހުރި ތަނަކުން ފޭބުމުން އެކުއްޖާއަށް އަނިޔާއެއް ވެދާނެ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ މީސްމީޑީއާގައި ޝުއޫރު ފާޅުކޮށްފައެވެ.
އެއާއެކު، އެ އަންހެން ކުއްޖާ ޝީޓު މަތިން ފައިބައިގެން ގޮސް ސިޑިގޮޅިއަށް ވަންނަ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް ފުލުހުން ބަހެެއް ލިބިފައި ނުވާއިރު މީގެކުރިން ވެސް މި ފަދަ ހާދިސާތައް ދިމާވެފަ އެބަ ހުއްޓެވެ.