ފަލަސްތީނާ ގުޅުވައި ނަމެއް ދޭންވާނީ އެކަށީގެންވާ މާލެ ބޮޑު މަގަކަށް: މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ މަގަކަށް ފަލަސްތީނާ ގުޅުވައި ނަން ކިޔަންވާނީ އެނަން ކިޔުމަށް އެކަށީގެންވާ ވަރުގެ ބޮޑު މަގަކަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.

މައުމޫން މިފަދައިން ވިދާޅުވެފައި ވަނީ މާލޭގައި ނަން ނުދީ އޮތް ދެ މަގެއްގެ ތެރެއިން މަގަކަށް ފަލަސްތީނާ ގުޅުވާ "ފަލަސްތީނު މަގު" ކިޔައި ނަމެއް ދޭން އިއްޔެ މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފައި ވަނިކޮށެވެ.

އެކަމާ ގުޅިގެން މައުމޫން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭގެ މަގަކަށް ފަލަސްތީނާ ގުޅުވައި ނަމެއް ދިނުމަކީ ފެނިވަޑައިގަންނަވާ ކަމެއް ކަމަށެވެ. ނަމަވެސް އެ ނަމެއް ދޭންވަނީ އެކަށީގެންވާ ވަރުގެ ބޮޑު މަގަކަށް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އިއްޔެ މާލެ ސިޓީ ކައުންސިލުގެ ބައްދަލުވުމުގައި މާލޭގެ ނަން ނުކިޔާ އޮތް މަގުތަކުގެ ތެރެއިން މަގަކަށް ފަލަސްތީނާ ގުޅުވައި ނަމެއް ދިނުމަށް ހުށަހެޅީ އެ ކައުންސިލްގެ މޭޔަރު އާދަމް އާޒިމެވެ. މިގޮތުން، ބައްދަލުވުމުގައި ތިބި މެމްބަރުން ވަނީ މޭޔަރުގެ ޚިޔާލަށް ތާއީދު ކޮށްފައެވެ.

https://sun.mv/192356

އެއާއެކު މޭޔަރު ވިދާޅުވީ، ނަން ކިޔާނީ ކޮން މަގަކަށްތޯ ނިންމުމަށްފަހު ހާމަކުރާނެ ކަމަށެވެ. އަދި މަގަށް ނަންދީ، މަގު ހުޅުވާނީ ރަސްމިއްޔާތަކާއެކު ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އާންމުން ވަނީ ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކޮށްފައެވެ. އެގޮތުން މަޖީދީ މަގު ފަދަ ބޮޑު މަގަކަށް "ފަލަސްތީނު މަގު" ކިޔުމަށް ބައެއް މީހުން ޚިޔާލު ދީފައިވެއެވެ.

comment ކޮމެންޓް