"އެއީ ވަރަށް ބިރުވެރި، ވަރަށް ނުރައްކާތެރި އަދި ވަރަށް ޚާއްސަ ދުވަހެއް. މާތްﷲގެ ހަޟްރަތަށް ވަކީލުކޮށްގެންހުރެ، ދިވެހި ރައްޔިތުންގެ ސަލާމަތަށްޓަކައި އެވަގުތު ކުރަން ފެނުނު ކޮންމެ ކަމެއް ކުރިން. އެ ދުވަހު ކުރަންޖެހުނު މަސައްކަތްތައް ވަރަށް ބޮޑު. އަދި އުފުލަން ޖެހުނު މަސްއޫލިއްޔަތު ވެސް އެހާމެ ބުރަ،"
ނޮވެމްވަރު 3، 1988ގައި ދިން އުދުވާނީ ހަމަލާތަކުގެ ވާހަކަފުޅު އޭރު ވެރިކަމުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދޫފުޅުން ކިޔައިދެއްވިއެވެ.
މި ހަމަލާއަކީ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސ. ހިތަދޫ ޕެރިސްހޮލިޑޭ އަހުމަދު ނާސިރު އިސްވެ ހުރެ، ތަމަޅައިންނާއެކު އަރައި، ހަތިޔާރާއެކު ދިން އުދުވާނީ ހަމަލާއެވެ.
"އެއީ 1988 ވަނަ އަހަރު. އެ އަހަރު އެއީ ރިޔާސީ އިންތިޚާބީ އަހަރެއް. އޭރު އަޅުގަނޑަށް އޮތީ ނަސްރު ލިބި ރައީސްކަމަށް ތިންވަނަ ފަހަރަށް ހޮވިފަ. އަޅުގަނޑު އޭރު މަސައްކަތްކުރީ ތިންވަނަ ދައުރަކަށް ހޮވި، ކަންކަން ކުރާނެ ގޮތުގެ ޑްރާފްޓެއް އެކުލަވާލުމަށް. އެ މަސައްކަތުގައި އެކެއް ޖަހަންދެން އެރޭ [ނޮވެމްބަރު 3 ވަނަ ރޭ] އުޅުނިން،" ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ފައްޓަވަމުން އެމަނިކުފާނު ވިދާޅުވިއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި -- ފޮޓޯ/ ޕީއެސްއެމް
މައުމޫން ވިދާޅުވީ އެރޭ މަސައްކަތްޕުޅު ނިންމަވައި، އަވަހާރަފުޅުލައްޕަވަން އުޅުއްވަނިކޮށް ކުޑަކޮށް ގުގުރަން ފެށި ކަމަށެވެ. ނަމަވެސް އަވަހާރަފުޅުލައްޕަވައިފައި އޮންނަވަނިކޮށް ބާރު އަޑުފަށްގަނޑަކަށް ހޭފުޅުލެއްވުމާއެކު އެންމެ ފުރަތަމަ ވެސް ހިތްޕުޅަށް އަރައިވަޑައިގަތީ 'ގުގުރަނީކީ ނޫންބާއޭ' ކަމަށް ވިދާޅުވިއެވެ. ވަގުތުން ސިފައިންގެ އެތެރޭގައި ތިބި ބޭފުޅުންނަށް ފޯނުކުރައްވައި މައުލޫމާތު ސާފުކުރެއްވުމުން އެއީ ބަޑީގެ އަޑުފަށްގަނޑުކަން އެނގިވަޑައިގެންނެވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ފޯނުކުރައްވައި އެތެރޭގައި ތިއްބަވާ ސިފައިންގެ ބޭކަލުން އަރިހުން އެހީމައި ބުނީ މިއީ ވަރަށް ނުރައްކާ ކަމެކޭ، ބަޔަކު އަރައި ސިފައިންގެއަށް ހަމަލާދެނީއޭ،" މައުމޫން ވިދާޅުވިއެވެ.
އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ވިދާޅުވީ، އެކަމަނާއަށް ހޭފުޅުލެއްވުނީ އެ އަޑުފަށްގަނޑަކަށް ނޫން ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ އަޅުގަނޑަށް ހޭލެވުނީ އެ އަޑަކަށް ނޫން. އަޅުގަނޑު ހޭލެވުނު ވަގުތު މައުމޫން ވަޑައިގެން ވިދާޅުވީ އެ އިވެނީ ކޮން އަޑުތަކެއްހޭ. އޭރު ނޮވެމްބަރު 11 ގާތްވެފައި އޮތީމަ ކޮންމެ މީހަކުވެސް ހިތަށް އަރާނީ ކޮންމެވެސް ތަނެއްގައި ހަވާ އަރުވަން އުޅެނީއޭ،" ނަސްރީނާ ވިދާޅުވިއެވެ.
ނަމަވެސް ފިރިކަލުން ވިދާޅުވުމުން އެއީ ބަޑީގެ އަޑުފަށްގަނޑުކަން އެނގިވަޑައިގަތްކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑަށް އެނގޭ ބޭރު ބަޔަކު އަރައިގެން ބަޑި ޖަހާނަމަ އެމީހުންގެ އަމާޒަކަށް ވާނީ އަޅުގަނޑުކަން. އެހެންކަމުން ގޭގައި ތިބުމަކީ ރައްކާތެރިކަމެއް ނޫންކަން ވިސްނިގެން އަޅުގަނޑު ނަސްރީނާ ކައިރީ ވެސް ބުނިން، އަޅުގަނޑުގެ ކުޑަ ދަރިފުޅު ޣައްސާން އޭނަ އެކަނި ހުރި. އަނެއް ތިން ކުދިން ރާއްޖެއިން ބޭރުގައި ކިޔަވަންތިބީ. ދެން ވަރަށް އަވަހަށް ތައްޔާރުވެގެން ތީމުގެއިން ނުކުތީ،" މައުމޫން ވިދާޅުވިއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހަތަރު ބޭފުޅުން --
އެއާއެކު އެ ދެމަފިރިންގެ އެންމެ ހަގު ދަރިކަލުން، މިހާރުގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއެކު ފުރަތަމަ ވަދެވަޑައިގަންނަވަން އުޅުއްވީ ތީމުގޭގެ ކައިރީގައި ހުންނަ އަސުރުމާގެއަށެވެ. ނަމަވެސް އަސުރުމާގޭގެ ވަލުދޮރާށި ތަޅުލާފައި ހުރުމުން ދެން ވަޑައިގަތީ ކައިރީގައި ހުރި ގުލިސްތާނުގެއަށެވެ. އެގޭގެ އަދަރާދަގޮނޑިއެއްގައި އިންނަވައި ފޯނުކުރައްވައި، ބޭރުގެ އެހީ ހޯއްދަވަން މައުމޫން މަސައްކަތްކުރެއްވިއެވެ.
"އަބަދުވެސް ފޯނުގައި އިންނެވީ. ސިފައިންގެ އިސް އޮފިސަރުންނާ އަބަދުވެސް ވާހަކަދައްކަމުން ދިޔައީ،" މައުމޫން ވިދާޅުވިއެވެ.
"ތިން ފޯނު ދެއްތޯ؟" ހިނިފުޅުވަޑުވައި ނަސްރީނާ ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވި ގޮތުގައި ތަަމަޅައިން އައީ މައުމޫނު ރަށުގައި ނޫޅުއްވާކަމަށް ހީވެގެންނެވެ. އެހެންވެ އެމީހުން އެންމެ ފުރަތަމަ ވެސް ދިމާކުރީ ތީމުގެއަކާ ނޫންކަމަށާއި ސިފައިންގެއަށް ކަމަށް ވިދާޅުވިއެވެ.
ނަސްރީނާގެ އުދާސްތައް: "ތިން ހަތަރު ދުވަސް ވަންދެން ރުއީ"
އެ ދުވަހު މަގުމަތީގައި މީހުން މަރުވެ ވެއްޓިފައި ތިބިކަމުގެ ޚަބަރުތައް ފެތުރުނެވެ. އެކަމަކު މަރުވީ ކޮންބައެއްކަން އެނގުނީ އަނެއް ދުވަހު ފަތިހު ސިފައިން ގެއަށް ވަދެވަޑައިގަތުމުންނެވެ.
ނަސްރީނާ ވަނީ އެ ދުވަހު އެތައް ބަޔަކު މި ދުނިޔެ ދޫކުރެއްވި ޚަބަރު ލިބިވަޑައިގަތުމުން ނުހަނު ހިތާމަކުރެއްވި ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑުމެންނާ ގާތްކޮށް އުޅޭނީ ވަރަށް ޅަކުއްޖެއް. އޭރު އޭނަ އަބަދުވެސް ބުނަމުންދާނެ ތަމްރީނުތަކުގައި ވެސް ކޮންމެ ކަމެއް ދިމާވިޔަސް ތިމަންނަ ނުކުންނަން ހުންނާނީ ތައްޔާރަށޭ،" އެ ދުވަސް ހަނދާން ކުރައްވައި ނަސްރީނާ ވިދާޅުވިއެވެ.
"އެ ދުވަހު ދެން ވާރޭވެހެން ފެށީ. ދެން ހަމަ އަޅުގަނޑު ރުއީ. ދެތިން ހަތަރު ދުވަސް ވަންދެން އަޅުގަނޑު ރުއީ،" ފެންކަޅިވެ އިންނަވައި ނަސްރީނާ ވިދާޅުވިއެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާއެއްގައި ނަސްރީނާ ވަހަކަދައްކަވަނީ -- ފޮޓޯ/ އެމްއާރްއެމް
ފާރިސް، ދުންޔާ އަދި ޔުމްނާއަށް ލިޔުއްވި ސިޓީފުޅު
އެ ހަމަލާތައް ދެމުންދިޔަ ވަގުތު ބޭރުގެ ބައެއް މީޑިއާތަކުން ދެން އިވެންފެށީ މައުމޫން އަވަހާރަކޮށްލައިފި ކަމުގެ ދޮގު ވާހަކަތަކެވެ. އަދި އެމަނިކުފާނު ބިޑި އަޅުވައިގެން ގެންދިޔަ މަންޒަރު ފެނުނު ކަމަށް ވެސް މީޑިއާތަކުން ފެތުރިއެވެ. އެ ޚަބަރުތައް އަޑުއިވިވަޑައިގަތުމުން ނަސްރީނާ އަވަސްވެވަޑައިގަތީ އޭރު ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލްކުރައްވަން ތިއްބެވި އެ ދެމަފިރިންގެ ދެ ދަރިކަނބަލުންނާއި ދަރިކަލަށް ސިޓީފުޅެއް ލިޔުއްވުމަށެވެ.
އެގޮތުން ދުންޔާ މައުމޫނާއި، ޔުމްނާ މައުމޫން އަދި ފާރިސް މައުމޫނަށް ޚާއްސަ ސިޓީތަކެއް ލިޔުއްވިއެވެ. ޣައްސާން ކައިރީގައި ހުންނެވި ނަމަވެސް އޭރު އިނގިރޭސިވިލާތުގައި ތިއްބެވި ދަރިކަލުންނާއި ދަރިކަނބަލުންނަށް އެ ޚަބަރުތައް ލިބުމުން ދެން ވާނެ ގޮތަކާ މެދު ވިސްނިވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ އޭރުގެ ފޮރިން މިނިސްޓްރީއާއި ލަންޑަންގައި ހުންނެވި އާދަމް ހަސަން މެދުވެރިކޮށް އެ ކުދިންނަށް އެމަނިކުފާނުމެން ތިއްބެވީ ގަދަވެ ސަލާމަތުން، ހެޔޮ ހާލުގައިކަން އެންގުމަށް މަސައްކަތްކުރެއްވި ކަމަށެވެ.

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން ޓެރަރިސްޓް ހަމަލާގައި ޝަހީދުވި ސިފައިން --
"ކަންބޮޑު ނުވާށޭ. ކަލޭމެން ވެސް ހިތްވަރު ކުރާށޭ. އެ މެސެޖު ދެވޭތޯ އަޅުގަނޑު ވަރަށް މަސައްކަތް ކުރިން،" މައުމޫން ވިދާޅުވިއެވެ.
އެ ދުވަހުގެ ހަނދާންތައް އާކުރައްވައި ނަސްރީނާ އެންމެ ބޮޑަށް ފާހަގަކުރެއްވި އެއް ކަމަކީ އެ ދުވަހު މައުމޫންގެ ހިތްވަރު ގަދަކަމާއި ކެރުމެވެ.