މާލޭ މަގަކަށް ފަލަސްތީނާ ގުޅުވައި ނަން ކިޔަން މޭޔަރު ހުށަހަޅުއްވައިފި

މާލޭ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން --

މަލޭގައި ނަން ނުދީ އޮތް މަގަކަށް ފަލަސްތީނާ ގުޅުވާ "ފަލަސްތީނު މަގު" ނަމަވެސް ކިޔައި ނަމެއް ދޭން މިއަދު މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 146ވަނަ ރަސްމީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން މާލޭސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ފަލަސްތީނަކީ އެންމެ ކުރީއްސުރެ ވެސް ދިވެހީންގެ ހިތާ ގުޅިފައިވާ ގައުމެއް ކަމަށެވެ.

އެހެން ކަމުން މާލޭގެ ނަން ނުދީ އޮތް ދެ މަގެއްގެ ތެރެއިން މަގަކަށް ފަލަސްތީނާ ގުޅުވާ ނަން ދިނުމަށް އާޒިމް ވަނީ ހުށަހަޅާފައެވެ. އަދި މިކަމާ މެދު ކައުންސިލަރުން ދެކޭ ގޮތަކީ ކޮބައިތޯ އާޒިމް ސުވާލު ކުރެއްވިއެވެ.

މި ސުވާލާއެކު ބައްދަލުވުމުގައި ތިބި މެމްބަރުން ވަނީ މޭޔަރުގެ ޚިޔާލަށް ތާއީދު ކޮށްފައެވެ. އެގޮތުން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފު ފާތިހު ވިދާޅުވީ، މިއީ ވަރަށް ރަނގަޅު ހުށަހެޅުމެއްކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް އެބަޔަކަށް މުހިންމުވާ ކަންތައްތައް، އެބައެއްގެ ވެލިއުސް، އެ ބަޔަކާ ގުޅުންހުރި މީހުންގެ ޒިކުރާ އާކުރޭ،" އޭނާ ވިދާޅުވިއެވެ.

އަދި މި ދުވަސްވަރު ފަލަސްތީނުގައި ހިނގާ ކަންތަކާ ގުޅޭގޮތުން ރާއްޖޭގެ ފަރާތުން، ސާބިތުވެ ތިބިކަން ދެއްކުމަށް ވެސް މިފަދަ ކަމެއް ކުރުމަކީ ރަނގަޅު، މުނާސަބު ކަމެއް ކަމަށް ސައިފް ވިދާޅުވިއެވެ.

އެއާއެކު މޭޔަރު ވިދާޅުވީ، ނަން ކިޔާނީ ކޮން މަގަކަށްތޯ ނިންމުމަށްފަހު ހާމަކުރާނެ ކަމަށެވެ. އަދި މަގަށް ނަންދީ، މަގު ހުޅުވާނީ ރަސްމިއްޔާތަކާއެކު ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އާންމުން ވަނީ ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކޮށްފައެވެ. އެގޮތުން މަޖީދީ މަގު ފަދަ ބޮޑު މަގަކަށް "ފަލަސްތީނު މަގު" ކިޔުމަށް ބައެއް މީހުން ޚިޔާލު ދީފައިވެއެވެ.

އެހެންނަމަވެސް މިކަމާ ދެކޮޅު ހެއްދެވި ހަމައެކަނި ކައުންސިލަރަކީ ޕީޕީއެމަށް ނިސްބަތްވާ މައްޗަންގޮޅީ އުތުރު ދާއިރާގެ ކައުންސިލަރު ސައީދާ ރަޝާދެވެ.

comment ކޮމެންޓް