ރިސޯޓެއްގައި މީހަކު ގެނބިގެން މަރުވެއްޖެ

ވިއްސާރަވެ ކަނޑުގަދަވުން: އަނެއްކާ ވެސް މީހަކު ވަނީ ގެނބިގެން މަރުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކ. އަތޮޅުގެ ރިސޯޓެއްގައި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ބުނީ، މާލެ އަތޮޅު ރިސޯޓެއްގައި ސްނޯކްލިންއަށް ފޭބި ފަތުރުވެރިއަކު ގެނބިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދާކަމަށް މިއަދު 11:30 އެހާކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާގައި މަރުވި ފަތުރުވެރިއާއަކީ އުމުރުން 67 އަހަރުގެ ރަޝިއާއަށް ނިސްބަތްވާ ފިރިހެނެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ސަބަބުން މުޅި ރާއްޖެއަށް ވެސް މޫސުން ވަރަށް ގޯހެވެ. ކަޑުތައް ވެސް ވަރަށް ބޮޑަށް ގަދަވެ، މޫދަށް ނޭރޭން ވެސް ފުލުހުން ބުދަ ދުވަހު ވަނީ އަންގައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިއްޔެ ވެސް އދ. ސެންޓަރާ ރިސޯޓުގައި ގެނބިގެން މީހަރު މަރުވެފައިވެއެވެ.

އެ ހާދިސާ ހިނގާފައިވަނީ މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބިގެން އެ މީހާ ސަލާމަތްކުރަން އުޅުމުގެ ތެރޭގައެވެ. ފަތުރުވެރިޔާ ސަލާމަތްކުރަން ފުންމާލި 39 އަހަރުގެ ދިވެހި މީހާ ވަނީ މަރުވެފައެވެ.

އެކަމަކު، ގެނބުނު ފަތުރުވެރިޔާގެ ހާލު ރަނގަޅުކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މޫސުން ވަރަށް ބޮޑަށް ގޯސްވެ، ކަމާ ގުޅުންހުރި އިދާރާތަކުން ވަނީ މޫސުމަށް ސަމާލުވެ، ކޮންމެހެން ކުރަންޖެހިގެން ނޫނީ ކަނޑު ދަތުރުފަތުރު ނުކުރާން އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް