ރަޝިއާގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ އޯވީޑީ-އިންފޯއިން ޔޫޓިއުބުގައި ހިންގާ، ހަނގުރާމައާ ދެކޮޅު ޗެނަލެއް ބްލޮކް ކުރާނެ ކަމުގެ އިންޒާރު ޔޫޓިއުބުން ދިން ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.
ރަޝިއާގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މަޝްހޫރު އެ ޖަމިއްޔާއިން ބުނީ ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ވާހަކަ ރިޕޯޓްކުރާ އެމީހުންގެ ވީޑިއޯ ޗެނަލަށް ވަނުމަށް ހުރަސް އަޅާނެ ކަމުގެ އިންޒާރު ޔޫޓިއުބުން ދީފައިވާ ކަމަށާއި އެ ކުންފުނީގެ ސެންސަޝިޕާ މެދު ކަންބޮޑުވުން އުފެދޭ ކަމަށެވެ.
މުޒާހަރާތައް މޮނިޓާ ކުރާ މިނިވަން ޖަމިއްޔާއެއް ކަމަށްވާ އޯވީޑީ-އިންފޯއިން ބުނީ، އޯވީޑީ-އިންފޯގެ "ކާކް ޓެޕާ" (ވަޓްސް ގޮއިން އޮން) ޗެނަލުން ރަޝިއާގެ ކޮމިއުނިކޭޝަން ރެގިއުލޭޓަރު ރޮސްކޮމްނަޑްޒޯރަށް އެގައުމުގެ ގާނޫނާ ޚިލާފު ކޮންޓެންޓް ފެނިފައިވާ ކަމަށް ބުނެ، މެއި މަހުގެ ކުރީކޮޅު ޔޫޓިއުބުން އީމެއިލެއް ލިބިފައިވާ ކަމަށެވެ.
"ކޮންޓެންޓް ނައްތާނުލައިފިނަމަ ގޫގުލްއިން ބްލޮކް ކުރަން ޖެހިދާނެ،" ގޫގުލްގެ އިންޒާރުގައިވާ ކަމަށް، އޯވީޑީ-އިންފޯއިން ބުންޏެވެ.
އެ ޖަމިއްޔާއިން ޚިލާފުވެފައި ވަނީ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅުން ހުރި ގާނޫނަކާ ކަމަށް ބުނި ނަމަވެސް، ޚިލާފުވެފައި ވަނީ އެ ގާނޫނުގެ ކޮން މާއްދާއަކާ ކަމެއް ގޫގުލްއިން ތަފުސީލުކޮށް ބުނެދީފައި ނުވާ ކަމަށް އޯވީޑީ-އިންފޯއިން ބުންޏެވެ.
އެއްލައްކަ ސަބްސްކްރައިބަރުން ހިމެނޭ "ކާކް ޓެޕާ" ޗެނަލްގައި ރަޝިޔާގެ އިދިކޮޅު ފަރާތްތަކުގެ އިންޓަވިއުތައް ހިމަނާފައިވާއިރު، ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމަ ވަރަށް ގާތުން، ވަރަށް ގިނައިން އެ ޗެނެލުން ކަވަރުކުރެއެވެ.
އޯވީޑީ-އިންފޯއިން ބުނީ އެ ޗެނަލް ބްލޮކްވިޔަ ނުދިނުމަށް ޔޫޓިއުބާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
މިކަމާ ބެހޭ ގޮތުން ޔޫޓިބުން އެއްވެސް އެއްޗެއް ރަސްމީކޮށް ނުބުނާ ކަމަށް ރޮއިޓާސްއިން ރިޕޯޓްކުރެއެވެ.
ހުޅަނގުގެ ގިނަ ޓެކްނޮލޮޖީ ކުންފުނިތަކެކޭ އެއްފަދައިން ގޫގުލްއިން ވެސް ރަޝިއާގައި ޚިދުމަތް ދިނުން މަދުކުރީ ޔޫކްރެއިނަށް އަރައިގަތުމާއި، އެ ކުންފުނީގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުވުމާއި، ޔޫޓިއުބުން އިޝްތިހާރުތައް ގަތުން މެދުކަނޑާލުމާ ގުޅިގެންނެވެ.
ރަޝިއާއިން ބޭރުގެ ގިނަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބްލޮކްކުރި ނަމަވެސް މިހާތަނަށް ޔޫޓިއުބް މަނާކޮށްފައި ނުވެއެވެ. ނަމަވެސް ރަޝިއާއިން ގާނޫނާ ޚިލާފު ކަމަށް ދެކޭ ކޮންޓެންޓް ޑިލީޓް ނުކުރާކަމަށް ބުނެ އެ ޕްލެޓްފޯމް އެކި ފަހަރު މަތިން ޖޫރިމަނާކޮށްފައިވެއެވެ.
މި އިންޒާރު ދީފައި ވަނީ ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރަޝިޔާގައި ޚިޔާލު ތަފާތުވާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގައެވެ.
ރަޝިއާއިން ޔޫޓިއުބް ބްލޮކް ނުކުރަނީ އެ ގައުމުގައި އެ ޕްލެޓްފޯމްގެ މަގުބޫލުކަން ބޮޑުކަމުން ކަމަށް ބެލެވެއެވެ.