ރަޝިއާގެ ތެލުގެ މަރުކަޒުތަކަކަށް ޔޫކްރެއިންގެ ވަރުގަދަ ހަމަލާތަކެއް

ޔުކްރެއިންގެ ހަމަލާތަކާ ގުޅިގެން އަލިފާނުގެ ހާދިސާ ހިނގި ރަޝިއާގެ ތެލުގެ ރިފައިނަރީ

މޮސްކޯ (2 ސެޕްޓެމްބަރު 2024): ރަޝިއާގެ ތެލުގެ މަރުކަޒުތަކަށް އަމާޒުކޮށް ޔުކްރެއިނުން ދިން ހަމަލާތަކެއްގައި ދެ ތަނަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާ ބުނާގޮތުން އެ ގައުމުގެ އެކި ސަރަޙައްދުތަކުގައިވާ ތެލުގެ މަރުކަޒުތަކާއި އިންޖީނުގެތަކަށް ހަމަލާދިނުމަށް ޔުކްރެއިނުން 158 ޑްރޯން ފޮނުވާލި ކަމަށާއި އޭގެ ތެރެއިން 151 ޑްރޯން ވައްޓާލާފައިވާނެ ކަމުގައެވެ. ނަމަވެސް، ޑްރޯން ވައްޓާލުމަށް ދިން އެންޓީ އެއާކްރާފްޓް މިސައިލްތަކުގެ ބައިތަކާ އަދި ވައްޓާނުލެވުނު ޑްރޯންތައް ދެ މަރުކަޒަކަށް އާ ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމުގައެވެ. އެއީ، މޮސްކޯ ގެ ކައިރީގައިވާ ތެޔޮ ސާފުކުރާ ރިފައިނަރީއަކާއި ކާނާކަވާ އިންޖީނުގެއެވެ.

ރަޝިއާގެ މީޑިއާ ބުނާގޮތުން މި ދެ ތަނަށް އަރާފައިވަނީ ޑްރޯންތައް ވައްޓާލުމަށް ރަޝިއާ ސިފައިން ބޭނުންކުރި އެންޓީ އެއާކްރާފްޓް މިސައިލްގެ ބައިތަކެކެވެ. މި ބައިތައް ވެއްޓުމާ އެކު ދެ މަރުކަޒުގައި އަލިފާންރޯވެ، ބޮޑެތި ގެއްލުންތަކެއްވަނީ ލިބިފައެވެ. ނަމަވެސް، ލަސްތަކެއްނުވެ އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ.

ރަޝިއާގެ މަޝްހޫރު ޓީވީ ނެޓްވާކު "އާރުޓީ" ބުނާގޮތުން ޔުކްރެއިނުން އެއްފަހަރާ ގިނަ ޢަދަދެއްގެ ޑްރޯންތަކެއް ބޭނުންކޮށްގެން ހަމަލާދިނީ ރަޝިއާގެ ދިފާއީ ނިޒާމުތަކަށް ލޮޅުން އަރުވާލުމުގެ ބޭނުމުގައެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ ޑްރޯން ވެރިރަށް މޮސްކޯގެ ސަރަހައްދަށް ފޮނުވާލީ ރަޝިއާގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ހުއްޓުވާލުމުގެ ބޭނުމުގައެވެ.

ޔުކްރެއިންގެ ޑްރޯންތަކުގެ ސަބަބުން ރަޝިއާގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ދަތިތަކެއް ކުރިމަތިވި ނަމަވެސް އެ ނިޒާމު ހުއްޓުވާލުމުގައި ޔުކްރެއިންވަނީ ނާކާމިޔާބު ވެފައެވެ.

ރަޝިއާއިން ބުނާގޮތުން ޔޫކްރެއިނުން ރަޝިޔާއަށް މިހާ ގިނަ އަދަދެއްގެ ޑްރޯން ޙަމަލާތައް އެއް ވަގުތަކު ފޮނުވާލާފައި މިވަނީ ރަޝިއާ ހިފާފައިވާ ޔޫކްރެއިންގެ ދުންބާސް ސަރަހައްދުގައި ރަޝިއާ ސިފައިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންގެންދާތީ އެކަން ހުއްޓުވުމުގެ ބޭނުމުގައެވެ. ފާއިތުވި ތިން ހަފުތާ ތެރޭގައި ރަޝިއާގެ ފައުޖުތަކުންވަނީ ދުންބާސް ސަރަހައްދުގައި ބޮޑެތި ކުރިއެރުންތައް ހޯދައި ޔުކްރެއިންގެ އިތުރު ވިލެޖްތަކެއް ވަނީ ހިފާފައެވެ.

ރަޝިއާ ސިފައިން ކުރިއަރަމުން ގޮސް މިހާރު ތިބި ކަމަށްވަނީ ދުންބާސް ސަރަހައްދުގައި ރަޝިއާގެ އަތްދަށަށް ނުގޮސް އޮތް ހަމައެކަނި ސިޓީ ވަށާލާފައެވެ. އޭގެ ކުރިން ރަޝިއާގެ ފައުޖުތަކުންވަނީ ދުންބާސްގެ ބޮޑު ދެ ޓައުން ކަމަށްވާ ޕޯކްރޮވްސްކްއާއި ޕްތައިޚައްޔާ ހިފާފައެވެ.

ޔުކްރެއިނުން ބުނާގޮތުން މިދިޔަ މަހުގެ ކުރީކޮޅު ޔުކްރެއިން ސިފައިން ރަޝިއާގެ ކޫރްސްކް ސަރަހައްދަށް ދިން ހަމަލާތައް ވަރަށް ކާމިޔާބެވެ. ޔުކްރެއިން ބުނާގޮތުން ކޫރްސްކް ސަރަހައްދުގައި 700 ކިލޯމީޓަރު އެތެރެއަށް ޔުކްރެއިންގެ 10،000 ސިފައިން ވަދެގަނެ އެ ސަރަހައްދުގެ 90 ވަރަކަށް ވިލެޖްގެ ކޮންޓްރޯލް ޔުކްރެއިން ސިފައިން ނެގިއެވެ. އަދިވެސް ޔުކްރެއިން ސިފައިން އެ ސަރަހައްދުން އެއްކޮށް ބޭރުކޮށްލުމުގައި ރަޝިއާ ސިފައިންނަށް ކާމިޔާބެއް ނުލިބެއެވެ.

ރަޝިއާ ބުނާގޮތުން ކޫރްސްކަށް ވަދެގަތް ޔުކްރެއިންގެ 10،000 ސިފައިންގެ ތެރެއިން 6،000 ސިފައިންވާނީ މަރާލާފައެވެ. ބާކީ ތިބި 4،000 ސިފައިންވެސްވަނީ ވަށާލައި ހިސާރުކޮށްފައެވެ. އެ މީހުންނަކަށް ސަލާމަތުން އެނބުރި ދެން ޔުކްރެއިނަކަށް ނުދެވޭނެއެވެ. އެއީ، އެ މީހުން އެތެރޭގައި ތިއްބައި ސަރަހައްދީ ރޮނގަށް ލަޝްކަރެއް ފޮނުވައި ސަރަހައްދީ ރޮނގު ބަންދުކޮށްލުމުންނެވެ.

ރަޝިއާއިން ބުނާގޮތުން ޔުކްރެއިނުން ކޫރްސްކް ސަރަހައްދަށް އަރައިގަތީ އެގޮތަށް އަރައިގަތުމުން ޔުކްރެއިންގައި ތިބި ރަޝިއާ ސިފައިންގެ ގިނަ ބަޔަކު އެ ސަރަހައްދަށް ގެންދާނެކަމަށް ބަލައިގެންނެވެ. ސިފައިން ގެންގޮސްފިނަމަ ދުންބާސް ސަރަހައްދު މިނިވަންކުރަން ޔުކްރެއިނަށް ފަސޭހަވާނެތީއެވެ.

ނަމަވެސް، ދުންބާސް ސަރަހައްދުގައި ތިބި ރަޝިއާ ސިފައިންގެ އެކަކު ވެސް ކޫރްސްކް ސަރަހައްދަކަށް ނުގެންދެއެވެ. އެހެންކަމުން ކޫރްސްކަށް އަރައިގަނެގެން ޔުކްރެއިނުން ހާސިލުކުރަން ބޭނުންވި މަގުސަދުވަނީ ހާސިލުކުރެވޭގޮތް ނުވެފައެވެ.

ރަޝިއާ މިދިޔަ ހަފުތާގައި ވަނީ ޔުކްރެއިންގެ ވެރިރަށް ހިމެނޭގޮތަށް ބޮޑެތި ހުރިހާ ސިޓީތަކަށް ވަރަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި ޔުކްރެއިންގެ އެތައް ސިޓީއެއްގެ އެތައް ސަރަހައްދެއްވަނީ ހަލާކުކޮށްލާފައެވެ.

ރިޕޯޓްތައް ބުނާގޮތުން އެމެރިކާއިން ޔުކްރެއިނަށް ދީފައިވާ އެފް-16 ގެ ފައިޓާ ޖެޓްތަކުގެ ތެރެއިން ޖެޓެއް ހަލާކުކޮށްލީ ވެސް ރަޝިއާއިން ދިން އެ ހަމަލާތަކުގައެވެ. ނަމަވެސް، އެ ޖެޓު ހަލާކުވީ ރަޝިއާގެ ހަމަލާތަކުގައިކަން ހާމަކުރުމަށް ޔުކްރެއިންވަނީ ފަސްޖެހިފައެވެ.

comment ކޮމެންޓް