12 ގަޑިއިރަށްވުރެ ގިނައިރު ބެންގަލޫރުގައި ތާށިވެ ތިބެންޖެހުމަށްފަހު 150 އެއްހައި ދިވެހީންނަށް ފުރޭގޮތް ވެއްޖެ

ނުުފުރި ތިބެންޖެހުނު ބައެއް ދިވެހީން --

މޯލްޑިވިއަންގެ ފްލައިޓު ޑިލޭވުމުގެ ސަބަބުން 12 ގަޑިއިރަށްވުރެ ގިނައިރު ބެންގަލޯ އެއާޕޯޓުގައި ތާށިވެ ތިބެންޖެހުމަށްފަހު 150 އެއްހައި ދިވެހީންނަށް ފުރޭގޮތްވެއްޖެއެވެ.

މިކަމާ ގުޅިގެން ނުފުރުނު މީހަކު މައުލޫމާތު ދިން ގޮތުގައި ބުނީ މިއަދު މެންދުރު ފަހު 03:50ގައި ބެންގަލޫރުން ރައްޖެ އަންނަން އޮތް ފްލައިޓު ޑިލޭވަމުން ގޮސް އެންމެ ފަހުން ފުރާގޮތަށް ހަމަޖެހުނީ ރޭގަނޑު 09:30 ގައި ކަމަށެވެ.

އަދި ފްލައިޓު ޑިލޭވިކަން އެއްވެސް މީހަކަށް ކުރީބައިގައި އަންގާފައި ނުވާކަމަށް އޭނާ ލިޔެފައި ވެއެވެ.

އޭނާ ހިއްސާކުރި މެސެޖުގައި ވަނީ، ގަޑިއަށް ފުރޭނެ ކަމުގެ އުންމީދުގައި 150 އެއްހާ ދިވެހިން އެއާޕޯޓަށް އައީ ހެނދުނު 10:00ގައި ކަމަށެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބަލި މީހުން އަދި އުމުރުން ދުވަސްވީ މީހުން ހިމެނޭކަމަށް އޭނާ ލިޔެފައިވެއެވެ. އަދި އެއާޕޯޓުގައި ތާށިވީ މީހުންގެ ތެރޭގައި ގަނޑުކޮށްގެން ފްލައިޓުގައި ބޭސް ގެންދަން ޖެހޭ މީހުން ވެސް ތިބި ކަމަށް އޭނާ ލިޔެފައި ވެއެވެ.

ނަމަވެސް، ފްލައިޓު ޑިލޭވެ އެއާޕޯޓުގައި ހޭދަކުރި ވަގުތު ކެއުމަށް ދިނީ އެންމެ މީލް ޕެކެއް ކަމަށާއި ދެން ކެއުން ލިބޭނީ ފްލައިޓުގައި ކަމަށް މޯލްޑިވިއަނުން ބުނި ކަމަށް އޭނާ ލިޔެފައި ވެއެވެ.

"ފްލައިޓް މީ އަޅުގަނޑުމެން ލާރި ދައްކައިގެން ދާ އެއްޗެއް ވީމައި (ފްލައިޓުގައި) މީލް ދިނުމަކީ މަސްޓެއް ނޫންތޯ" އޭނާ ލިޔެފައި ވެއެވެ.

ބެންގަލޫރު އެއާޕޯޓުގައި ތާށިވެފައި ތިބި ދިވެހިންނަށް ދޭނެ ޖަވާބެއް އެޖެންޓަށް ވެސް ނޭންގޭކަމަށް ބުނެ އޭނާ ވަނީ އެއާޕޯޓުގައި ގިނަ އިރުތަކެއް ހޭދަކުރަން ޖެހުމުގެ ކަންބޮޑުވުން ވަރަށް ބޮޑަށް ފާޅުކޮށްފައެވެ.

މިކަމާ ގުޅިގެން މޯލްޑިވިއަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރޭ ދަންވަރު އައްޑޫއިން މާލެ އަންނަން އޮތް މޯލްޑިވިއަން ގެ ފްލައިޓަކަށް ޓެކްނިކަލް މައްސަލައެއް ދިމާވި ކަމަށެވެ. އަދި އެކަމުގެ ސަބަބުން މުޅި މޯލްޑިވިއަން ގެ ތާވަލަށް ބުރު އެރިކަމަށް އޭނާ ވިދާޅުވިއެވެ.

"ޕެސެންޖަރުންނަށް އެކޮމެޑޭޓް ކޮށްދޭނެ ފަހުގެ ވަގުތެއްގައި، ވަގުތުން ވަގުތަށް ނުކޮށްދެވުނަސް. އެއީ އެންމެ ފްލައިޓެއް އަޅުގަނޑުމެން މި ގެންގުޅެނީ،" އޭނާ ވިދާޅުވިއެވެ.

އަދި ފްލައިޓުގެ ތާވަލަށް އަންނަ ބަދަލުތައް ވެސް ފަސިންޖަރުންނަށް އަންގަމުން ދާނެކަމަށާއި ވަކި ގަޑިއިރެއްގެ ތެރޭގައި ފްލައިޓު ނުފުރައިފި ނަމަ އޮންނަ އުސޫލުގެ ދަށުން ކެއުން ވެސް ހަމަޖައްސައިދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ނުވަތަ ދިމާވާ ޓެކްނިކަލް މައްސަލަ ތަކުގެ ސަބަބުން ވެސް ފްލައިޓު ޑިލޭވާ ހާލަތްތައް ދިމާވެއެވެ.

comment ކޮމެންޓް