ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު ތަސްދީގުކުރައްވައިފި

ތަރުކާރީ އާއި މޭވާ ގަންނަ މީހުން ބާޒާރުގައި -- ސަން ފޮޓޯ/ މުޙައްމަދު މާވީ

ކާބޯތަކެތި ރައްކާތެރިކަމުގެ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީޤު ކުރައްވައިފިއެވެ.

މި ބިލަކީ މި މަހު 13ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 26 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

ރައީސް ޑރ މުއިއްޒު މި ބިލު ތަސްދީޤުކުރެއްވުމާ ގުޅިގެން މި ބިލު ވަނީ މިއަދު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.

މި ޤާނޫނަކީ، ދިވެހިރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ ކާބޯތަކެއްޗާއި، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ ކާބޯތަކެއްޗަކީ ރައްކާތެރި ކާބޯތަކެތިކަން ކަށަވަރުކުރުމަށް ބާރު އަޅައި ގާނޫނެކެވެ.

އަދި ސިއްހަތަށް ފައިދާހުރި، އަދި އާންމު ސިއްހަތަށް ގެއްލުންނުވާފަދަ ތަކެތިކަން ކަށަވަރުކުރުމަށް ޓަކައި ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމާއި، ރައްކާތެރިކަން ދެމެހެއްޓުމާގުޅޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް ހަދާފައިވާ ގާނޫނެކެވެ.

މީގެ އިތުރުން މި ގާނޫނުގެ ދަށުން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައާއި ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކުން ޢަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅާނެއެވެ.

އަދި ކާބޯތަކެއްޗަކީ، އިންސާނުން ބޭނުންކުރުމަށް ސިއްހީގޮތުން އެކަށީގެންވާ ރައްކާތެރި ތަކެތި ކަމުގައި ހެދުމަށް ޓަކައި ކަނޑައަޅަންޖެހޭ އެ ނޫން ވެސް އުސޫލުތަކާއި މިންގަނޑުތައް ހިމެނެއެވެ.

މި ޤާނޫނުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ކާބޯތަކެތި އުފައްދާ އަދި ތައްޔާރުކުރާ ނުވަތަ ފޯރުކޮށްދޭ ތަންތަނުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ކަނޑައެޅުން ހިމެނެއެވެ.

އެގޮތުން، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ އަދި ދިވެހިރާއްޖޭގައި އުފައްދާ އަދި ދިވެހިރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމަށާއި ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުން ހިމެނެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މިއަދުން ފެށިގެން ތިން މަސް ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.

comment ކޮމެންޓް