އާ ބާވަތެއްގެ މަސްތުވާތަކެތި އާންމުވަތީ ސަމާލުވާން އަންގައިފި

ބައިނަލްއަގްވާމީ މާކެޓުގައި އިތުރުވާކަމަށް ހޯމް މިނިސްޓްރީން ބުނެފައިވާ "ފެންޓަނީލް - ލޭސްޑް ޑްރަގްސް" ނުވަތަ "ޗައިނާ ވައިޓް"

މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ބައިނަލްއަގްވާމީ މާކެޓުގައި އިތުރުވާތީ ސަމާލުވުމަށް ހޯމް މިނިސްޓްރީން އަންގައިފިއެވެ.

މިކަމާ ގުޅިގެން ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގަިއ ވަނީ، "ފެންޓަނީލް - ލޭސްޑް ޑްރަގްސް" ނުވަތަ އާންމު ނަމުންނަމަ "ޗައިނާ ވައިޓް" އަކީ ބާރުގަދަ ކެމިކަލްތަކެއް އެއްކޮށްގެން އުފައްދާފައިވާ ނުރައްކާތެރި އެއްޗެއް ކަމަށެވެ.

މި ބާވަތުގެ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ފުރާނައަށް ނުރައްކާވުން އެކަށީގެންވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާއި، ކުރަންޖެހޭ މަސައްކަތްތައް މިނިސްޓްރީއާއި ނެޝަނަލް ޑްރަގް އެޖެންސީ އަދި ކަމާ ގުޅުންހުރި އިދާރާތަކުން ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތައް އާންމުވެފައި ވާއިރު، އާ ބާވަތްތަކުގެ ޑުރަގް ރާއްޖެއަށް ވެސް އަންނަނީ އެތެރެކުރަމުންނެވެ. އޭގެ ސަބަބުން ގާނޫނީ ގޮތުން ވެސް ގިނަ ގޮންޖެހުންތައް ކުރިމަތިވެއެވެ.

އަހަރުގެ މިހާތަނަށް 104 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ.

https://sun.mv/191864

މި މައްސަލަތައް ހައްލު ކުރުމަށް ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތަކުން އޮޕްރޭޝަންތައް ކުރިއަށް ގެންގޮސް މަސައްކަތް ކުރެއެވެ. އެންމެ އާންމު ކުށްތަކުގެ ތެރޭގައި މަސްތުވާތަކެތީގެ މުއާމަލާތް ހިމެނޭ އެކި ކުށްތައް ހިމެނެއެވެ.

comment ކޮމެންޓް