އެތެރެކުރަން އުޅުނު އެއް މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފި

އެއް މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފި -- ފޮޓޯ/ ކަސްޓަމްސް

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެ ކުރަން އުޅުނު އެއް މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

އެ އިދާރާއިން ބުނީ މި ތަކެތި އަތުލައިގަނެފައިވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ހަތަރު ޕެކޭޖެއް ބަލައިފާސް ކުރަމުންދިޔައިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައިހުރި ކަމަށް ކަސްޓަމްސްއަށް ޝައްކު ކުރެވިގެން ކަމަށެވެ.

އެ ގޮތުން ބަލައިފާސްކުރި ޕެކޭޖުތަކުގެ ތެރެއިން ފެނުނު މަސްތުވާތަކެއްޗަކީ ސިންތެޓިކް ކެތިނޯން ކަމަށް ކަމަށް ކަސްޓަމްސްއިން ބުންޏެވެ. އޭގެ ބަރުދަނުގައި 0.6 ކިލޯ ހުރިއިރު، މަގުމަތީ އަގު އެއް މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ.

އެ އިދާރާއިން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ރާއްޖެ އެތެރެ ކުރަން މަސައްކަތް ކުރާ މަސްތުވާތަކެތި ކަސްޓަމްސްއިން ދަނީ އަތުލައިގަންނަމުންނެވެ.

ރާއްޖޭގައި ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލައެވެ.

ފުލުހުންގެ ތަފާސްހިސާބަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް މަސްތުވާތަކެއްޗާ ގުޅޭ 1،102 މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައިވެއެވެ.

comment ކޮމެންޓް