ބ. މާޅޮހަށް ޗުއްޓީ ހޭދަކުރަން ދިޔަ ކެނެޑާ ފަތުރުވެރިއަކު ރާއްޖެއަށް ކެނަބިސް އެތެރެކުރި މައްސަލައިގައި އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އުމުރަށް ޖަލަށްލާން މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ހިމެނޭ ކެނެޑާ ރައްޔިތެއްކަމަށްވާ ސްކޮޓް ވިލިއަމް އާމްސްޓޮރޯންގް ތުނޑި ވިލެޖް އެންޑް ސްޕާ މޯލްޑިވްސްގެ ރޫމް ނަމްބަރު 102ގައި މަސްތުވާތަކެތި ގެންގުޅެ އޭގެ ވިޔަފާރިކުރިކަމަށް ފުލުހުންނަށް މައުލޫމާތު ލިބުނީ، 2019ވަނަ އަހަރުގެ ޖުލައި މަހުގެ 21ވަނަ ދުވަހުއެވެ.
މި މައުލޫމާތާ ގުޅިގެން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އެ ކޮޓަރި ބަލައި ފާސްކުރުމަށް އެ ކޮޓަރިއަށް ވަދެފައެވެ. އަދި ކޮޓަރިތެރެއިން އޭނާ ފެނުމުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭނާގެ ހާޒިރުގައި ކޮޓަރި ބަލައި ފާސްކޮށްފައެވެ.
ކޮޓަރި ބަލައި ފާސްކުރަން ފެށުމުން، އެކަމުގައި ފުލުހުންނަށް އެއްބާރުލުން ދޭނެކަމަށް ބުނެ އޭނާ ވަނީ އެ ކޮޓަރީގައި ހުރި މިނީބާ ތެރެއިން މަތިޖެހި ކޮންޓެއިނަރެއް ފުލުހުންނާ ހަވާލުކޮށްފައެވެ.
މި ކޮންޓެއިނަރުތެރޭ އޮތް ރަބަރު ޕެކެޓަކުން ފެނުނު ދެ ގުޅައިގައި 26.8 ގްރާމު ކެނެބިސް ހުރިކަމަށް ތަހުލީލީ ރިޕޯޓުތަކުން ދައްކާކަމަށް ހުކުމުގައި ވެއެވެ. އަދި މިނީ ބާ ކައިރީ ބަހައްޓާފައި ހުރި ކަޅު ލަގެޖެއްގެ ތެރޭ އޮތް ކޮންޓެއިނަރަކުން ފެނުން ރަބަރު ޕެކެޓުގައި އޮތް ދެ ގުޅައިގައި 0.1 ގްރާމު ކެނެބިސް ހުރިކަމަށް ތަހުލީލީ ރިޕޯޓުތަކުން ދައްކާކަމަށް ވެސް ހުކުމުގައި ވެއެވެ.
ޝަރީއަތުގައި ސްކޮޓް ވިލިއަމް އާމްސްޓޮރޯންގް ވަނީ އޭނާއަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އޭނާ ބުނެފައި ވަނީ، އެކޮޓަރިން ފެނުނު މަސްތުވާތަކެއްޗަކީ އޭނަގެ ތަކެތިކަމަށް ނުދެކޭ ކަމަށެވެ.
އަދި އޭނާއަކީ ފަތުރުވެރިއެއް ކަމަށާއި އޭނާ މަޑުކޮށްގެން ހުރި ކޮޓަރިއަކީ އެހެން މީހުންނަށް ވެސް ވަދެވޭނެ ކޮޓަރިއެއް ކަމުން ގެސްޓް ހައުސްގައި މަަސައްކަތްކުރާ މީހުންނަށް ކޮންމެ ވަގުތަކު ވެސް އެ ކޮޓަރިއަށް ވަދެވޭނެކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.
ނަމަވެސް، މަސްތުވާތަކެއްޗާ ބެހޭ ގާނުނުގެ 143ވަނަ މާއްދާއަށް ބަލައި އޭނާގެ މައްޗަށް ތަހުމަތުކުރި ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.
އެހެންކަމުން، އޭނާ ޖަލުގައި ހޭދަކުރި ފަސް މަހާއި ނުވަ ދުވަސް ހުކުމުން އުނިކުރުމަށްފަހު، 24 އަހަރާއި ހަ މަހާއި 21 ދުވަހަށް އޭނާ ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ.
އަދި އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ އެއް އަހަރުތެރޭ މީރާއަށް ދައްކާ ޚަލާސްކުރުމަށް ވެސް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
މި މައްސަލަ ބެއްލެވީ، ގަޒީ މުހައްމަދު މިސްބާހެވެ.