ޓީޓީ މައްސަލައިގައި ދައުވާކުރި ޝިފާއުއަށް ސިޔާސީ މަގާމެއް ދިނުމަށްފަހު ވަކިކޮށްފި

ޝިފާއު ހޯދަން ނެރުނު ރެޑް ނޯޓިސް: އޭނާގެ މައްޗަށް ވަނީ 23 ދައުވާއެއް ކޮށްފައި --

ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން މުދާ އެތެރެކޮށް މަންފާ ހޯދި މައްސަލައިގައި ދައުވާކޮށްފައިވާ ހުސައިން ޝިފާއުއަށް ސަރުކާރުން ސިޔާސީ މަގާމެއް ދިނުމަށް ފަހު، އެ މަގާމުން މިއަދު އޭނާ ވަކިކޮށްފިއެވެ.

ޝިފާއު އައްޔަންކުރީ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމަށެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު "ސަން"އަށް ވިދާޅުވީ މިހާރު އޭނާ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް، އޭނާ ވަކިކުރި ސަބަބެއް ހާމަނުކުރައްވައެވެ.

ޝިފާއު ވަގު ޓީޓީ ބޭނުންކުރި މައްސަލައިގައި މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 28ގައި ހައްޔަރު ކުރިއެވެ. ނަމަވެސް މުޖުތަމައަށް ނުރައްކަލެއް ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން އޭނާ މާޗު މަހުގެ 27ގައި ދޫކޮށްލިއެވެ.

ހަމަ އެ ދުވަހު ޕީޖީން އެ މައްސަލަ އިސްތިއުނާފުކުރި ނަމަވެސް، އެ މަހުގެ 29 ވަނަ ދުވަހު އޭނާ ރާއްޖެއިން ފިލައިގެން ދިޔައެވެ. އެއަށް ފަހު އޭނާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް އޮގަސްޓު މަހު ނެރުނެވެ.

ޕްރެސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައިވާ ގޮތުގައި، ރެޑް ނޯޓިސް ނެރުމާ އެކު އޭނާ އަމިއްލައަށް ރާއްޖެއައެވެ. އޭރު އޭނާ ހައްޔަރުކުރަން ކޯޓު އަމުރެއް އޮތުމުން ހައްޔަރުކުރި ނަމަވެސް ފަހުން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް ފަހު ޝަރުތުތަކާ އެކު ވަނީ ދޫކޮށްލައިފައެވެ.

ޕީޖީ އޮފީހުން ބުނީ، އެ މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދަކީ 123،844.54 ޑޮލަރު ކަމަށެވެ. އެއީ، 1.9 މިލިއަން ރުފިޔާއެވެ.

ޝިފާއުގެ މައްޗަށް ޕީޖީން ވަނީ ޖުމުލަ 23 ދައުވާއެއްކޮށްފައެވެ. އެ ދައުވާތަކާ އެކު ޕީޖީން ވަނީ އެ ފައިސާ ދައުލަތަށް ނަގައިދިނުމަށް ވެސް އެދިފައެވެ.

ޝިފާއުގެ މައްޗަށްކޮށްފައިވާ ދައުވާތަކުގެ ތެރޭގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދައުވާއަކާއި މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ހަތް ދައުވާއާއި މަނީ ލޯންޑްރިންގެ ކުށުގެ ހަތް ދައުވާ ހިމެނެއެވެ.

މި ދައުވާތައް އޭނާގެ ސާބިތުވެއްޖެނަމަ މަދުވެގެން 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

comment ކޮމެންޓް