އީރާނުގެ ރައީސާއި ޚާރިޖީ ވަޒީރުގެ ހަށިކޮޅު އުފަން ރަށުގައި މިއަދު ފަސްދާނުލަނީ

އީރާނުގެ ރައީސް އިބްރާހީމް ރައީސީ ހިމެނިވަޑައިގަންނަވާ ގޮތަށް ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާގައި އަވަހާރަވި ހުރިހާ ބޭފުޅުންގެ މައްޗަށް ތެހެރާނުގައި އިއްޔެ ކަށުނަމާދު ކުރަނީ

ތެހެރާން (23 މޭ 2024): ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާއެއްގައި މި ދިޔަ އާދީއްތަ ދުވަހު އަވަހާރަވި އީރާނުގެ ރައީސް އިބްރާހީމް ރައީސީގެ ޖަނާޒާ ރަސްމީ އިއްޒަތުގައި އިއްޔެ ތެހެރާނުގައި ބާއްވައި ކަށުނަމާދުކޮށްފައިވާއިރު ފަސްދާނުލުމުގެ ކަންތައް މިއަދު އޭނާގެ އުފަން ރަށްކަމަށްވާ "މަޝްހަދު" ގައި އޮންނާނެކަމަށް އީރާނުގެ ރިޔާސަތުން ބުނެފިއެވެ.

އީރާނުގެ ވަގުތީ ރައީސް ޑރ. މުހައްމަދު މުޚްބިރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިބްރާހީމް ރައީސީ އާއީ ޚާރިޖީ ވަޒީރު އަމީރު އަބްދުއްލަހްޔާންގެ ޖަނާޒާގެ ރަސްމިއްޔާތާއި ކަށުނަމާދުގެ ކަންތައް ވެރިރަށް ތެހެރާނުގައި އިއްޔެ ބާއްވާފައިވީނަމަވެސް މިދެބޭފުޅުންކުރެ ކޮންމެ ބޭފުޅެއްގެވެސް ހަށިކޮޅު ފަސްދާނުލާނީ އެބޭފުޅެއްގެ އުފަން ރަށުގައެވެ.

އިބްރާހީމް ރައީސީގެ ޖަނާޒާގެ ތެރެއިން

މިގޮތުން އިބްރާހީމް ރައީސީގެ ހަށިކޮޅު ފަސްދާނުލާނީ އޭނާގެ އުފަން ރަށްކަމަށްވާ މަޝްހަދުގައެވެ. އަމީރު އަބްދުއްލަހްޔާންގެ ހަށިކޮޅު ފަސްދާނުލާނީ އޭނާގެ އުފަން ރަށްކަމަށްވާ ޝަހްރީ ރީ ގައެވެ. މިދެބޭފުޅުންގެ ހަށިކޮޅު ފަސްދާނުލުމުގައި އެދެބޭފުޅުންގެ އާއިލާގެ މެންބަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

އީރާނުގެ ރިޔާސީ ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާގައި މިދެބޭފުޅުންނާއެކު އީރާނުގެ އިތުރު ދެ މަސްއޫލުވެރިއަކުވެސް އަވަހާރަވިއެވެ. އެއީ އިރުމަތީ އަޒަރުބައިޖާން ސަރަހައްދުގެ ގަވަރުނަރު މާލިކު ރަހްމަތީ އާއި ތަބްރީޒު ސިޓީގެ ޖުމްއާ މަސްޖިދުގެ އިމާމު އާޔަތުﷲ އާލު ހާޟިމްއެވެ. މީގެއިތުރުން ރިޔާސީ ހެލިކޮޕްޓަރުގެ ފަޅުވެރިންނާއި ރިޔާސީ ހަށިފާރަވެރިންނާއެކު ޖުމްލަ ނުވަ މީހުންވަނީ މިހާދިސާގައި އަވަހާރަވެފައެވެ.

އީރާނުގެ ސަރުކާރު ބުނާގޮތުން މިހާދިސާ ކުރިމަތިވީ ހެލިކޮޕްޓަރު ދަތުރުކުރި ސަރަހައްދުގެ މޫސުން ގޯސްވެގެންނެވެ. މީގެއިތުރުން ހެލިކޮޕްޓަރަށް ޓެކްނިކަލް މައްސަލައެއް ދިމާވުމަކީވެސް ހެލިކޮޕްޓަރު ވެއްޓުމުގެ ސަބަބެއް ކަމަށް ވަނީ ބެލެވިފައެވެ.

އިބްރާހީމް ރައީސީގެ ސަންދޯއްފުޅު

އެމެރިކާއާއި ޔޫރަޕްގެ ދިގުލީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނަށްވަނީ ސިވިލްއޭވިޝަން ދާއިރާގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މީގެތެރޭގައި ވައިގެ އުދުހުންތަކުގައި ބޭނުންކުރާ އީރާނުގެ މަދަނީ މަތިންދާ ބޯޓުތަކާއި ހެލިކޮޕްޓަރުތައް ބައުވެފައިވުމާއި އެތަކެއްޗަށް ބޭނުންވާ ސްޕެއާ ޕާޓްސް ލިބުން ދަތިވުމުގެ މައްސަލަ ހިމެނެއެވެ.

ސްޕެއާ ޕާޓްސް ނުލިބޭތީ އީރާނުން އެތަކެތި ހޯދަނީ އެހެން ގައުމުތައް މެދުވެރިކޮށް އަގުބޮޑުކޮށެވެ. މީގެއިތުރުން މިދަތިތަކާ ގުޅިގެން އީރާންވަނީ އެގައުމުގެ ސިވިލްއޭވިއޭޝަންގެ ދަތުރުތަކުގައި މަދަނީ މަތިންދާ ބޯޓުތަކާއި މަދަނީ ހެލިކޮޕްޓަރުތަކަށް ބޭނުންވާ ސްޕެއާ ޕާޓްސް އުފެއްދުމުގެ އަމިއްލަ އިންޑަސްޓްރީއެއްވެސް އަމިއްލަ ޓެކްނޮލޮޖީގައި ގާއިމްކޮށްފައެވެ. މިއާއެކުވެސް މިކަމުގައި އީރާނަށް އަދިވެސް ބޮޑެތި ދަތިތަކެއް އެބަހުއްޓެވެ.

އީރާނަކީ ނިއުކްލިޔާ ޓެކްނޮލޮޖީއާއި ރޮކެޓް ސައެންސާއި ކޮންވެންޝަނަލް ހަތިޔާރު އުފެއްދުމާ އަދި ފަޒާއަށް ސެޓަލައިޓް ފޮނުވުންފަދަ މަތީ ޓެކްނޮލޮޖީގެ ދާއިރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް އަމިއްލައަށް ހާސިލްކޮށްފައިވާ އަދި ބިޔަ މެޝިނަރީ އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ ގައުމެއް ނަމަވެސް މަދަނީ ދަތުރުފަތުރުގެ ދާއިރާއަކީ އީރާނުގައި ވަރަށް ބަލިކަށި ދާއިރާއެކެވެ. އީރާނަށް އަދި އަމިއްލަ ފައިމައްޗަށް ނުތެދުވޭ ދާއިރާއެކެވެ. ހަތިޔާރާއި ނިއުކްލިޔާ ޓެކްނޮލޮޖީއަށް އިންވެސްޓް ކުރާ މިންވަރަށް އީރާނުގެ ސަރުކާރުން އެދާއިރާއަށް އިންވެސްޓް ނުކުރާކަމަށްވެއެވެ.

އިބްރާހީމް ރައީސީ އާއި އަބްދުއްލަހްޔާން

އީރާނުގެ މަދަނީ މަތިންދާ ބޯޓުގެ ފްލީޓު އައުކުރުމަށް އެގައުމު ގެންދަނީ ޗައިނާގައި އުފައްދާ ސީ-919 މަރުކާގެ މަދަނީ މަތިންދާބޯޓާއި ރަޝިއާގައި އުފައްދާ ސްޕަޖެޓް މަރުކާގެ މަތިންދާ ބޯޓު ގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މަތިންދާބޯޓު އަމިއްލައަށް އުފެއްދުމަށްވެސް އެގައުުމުން މަސައްކަތްކުރެއެވެ. މިހާރުވެސް ކުދި މަތިންދާބޯޓު އެގައުމުން އުފައްދައެވެ. ނަމަވެސް މިސިނާއަތުގައި އަދި އީރާން ބަލިކައްޓެވެ.

އީރާނުގެ ރައީސް އިބްރާހީމް ރައީސީ އާއި ޚާރިޖީ ވަޒީރު އަމީރު އަބްދުއްލަހްޔާންގެ ޖަނަޒާގެ ރަސްމިއްޔާތު އިއްޔެވަނީ ރަސްމީ އިއްޒަތުގައި ވެރިރަށް ތެހެރާންގައި ބައްވާފައެވެ. މިރަސްމިއްޔާތުގައި ދުނިޔޭގެ 50އަށް ވުރެ ގިނަ ގައުމުން މަންދޫބުންނާ އަދި އެންމެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ. އެދެބޭފުޅުންގެ މައްޗަށް ކަށުނަމާދުކުރުންވެސް އޮތީ އިއްޔެ ތެހެރާންގައި ބޭއްވި ރަސްމިއްޔާތުގެ ތެރޭގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް