އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ރިޕަބްލިކަން ޕާޓީން ކެންޑިޑޭޓް، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ކެމްޕޭން ހެކްކުރީ އީރާނުން ކަމަށް އެމެރިކާގެ ޖާސޫސީ އޮފިޝަލުން ތުހުމަތުކޮށްފިއެވެ.
އެމެރިކާގެ ޖާސޫސީ އޮފިޝަލުން ތުހުމަތުކުރާ ގޮތުގައި އީރާނުން އެކަން ކޮށްފައިވަނީ އެމެރިކާގެ ސިޔާސީ ދާއިރާއަށް ވަދެ، އިންތިޚާބުގެ ނަތީޖާ ވަކި ގޮތަކަށް ބައްޓަންކުރަން ތެހެރާނުން ކުރާ މަސައްކަތުގެ ތެރެއިން ކަމަށެވެ.
ހެކްކުރުމުގެ ފަހަތުގައި އީރާން އޮތް ކަމަށް ޓްރަމްޕްގެ ކެމްޕޭނު ޓީމާއި އަމިއްލަ ސައިބާ ސެކިއުރިޓީ އިންވެސްޓިގޭޓަރުން މީގެ ކުރިން ބުނި ނަމަވެސް، މިއީ އެމެރިކާ ސަރުކާރުން އެ ހަމަލާގެ ޒިންމާ އީރާނުގެ ބޮލުގައި އެޅުވި ފުރަތަމަ ފަހަރެވެ.
ޓްރަމްޕްގެ ކެމްޕޭނުގެ އިތުރުން އެމެރިކާގެ ރިޔާސީ ރޭހުގައި ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޓޭޓް ކަމަލަ ހެރިސްގެ ކެމްޕޭން ވެސް އީރާނުން ހެކްކުރަން މަސައްކަތްކުރި ކަމަށް ވެސް އޮފިޝަލުން ތުހުމަތުކުރެއެވެ.
"މި އިންތިޚާބުގެ ދައުރުގައި އީރާނުގެ އުދުވާނީ ހަރަކާތްތައް އިތުރުވަމުންދާތަން އަޅުގަނޑުމެންނަށް ފެނިއްޖެ. ޚާއްސަކޮށް އެމެރިކާގެ އާންމުންނަށް އަމާޒުކޮށްގެން ހިންގާ ނުފޫޒުގަދަ އޮޕަރޭޝަންތަކާއި ރިޔާސީ ކެމްޕޭންތަކަށް އަމާޒުކޮށްގެން ހިންގާ ސައިބާ އޮޕަރޭޝަންތައް،" އެފްބީއައި، އޮފީސް އޮފް ދަ ޑިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސް އަދި ސައިބާ ސެކިއުރިޓީ އެންޑް އިންފްރާސްޓްރަކްޗާއިން ނެރުނު ބަޔާނުގައިވެއެވެ.
ނަމަވެސް، އީރާނުން އދއަށް ކަނޑައަޅާފައި ހުންނަ މިޝަނުން އެކަން ދޮގުކުރެއެވެ. އިންތިޚާބަށް ހުރަސް އެޅުމުގެ މަގުސަދެއް އަދި ނިޔަތެއް ވެސް އީރާނުގެ ނެތް ކަމަށް އެ މިޝަނުން ބުނެއެވެ.
ޓްރަމްޕްގެ ކެމްޕޭނުން ހެކް ކޮށްފައިވާ ކަމަށް ޓީމުން ބުނީ އޮގަސްޓް 10 ވަނަ ދުވަހުއެވެ. އަދި، ކެމްޕޭނުގެ އެތެރޭގެ މުހިންމު ލިޔުންތައް ވަގަށް ނަގައިފައިވާ ކަމަށް ވެސް ހާމަކޮށްފައިވެއެވެ. ނިއުސް އައުޓްލެޓްތައް ކަމަށްވާ ޕޮލިޓިކޯ، ދަ ނިއުޔޯކް ޓައިމްސް އަދި ދަ ވޮޝިންޓަން ޕޯސްޓްއިން ޓްރަމްޕްގެ ކެމްޕޭންގެ އެތެރޭގެ ލިޔުންތައް ލީކްކޮށްފައިވާ ކަމަށް ވެސް ކެމްޕޭނު ޓީމުން ހާމަކޮށްފައިވެއެވެ. އޭގެ ތެރޭގައި ޓްރަމްޕްގެ ރަނިން މޭޓަކަށް ޖޭޑީ ވެންސް ހަމަޖެއްސިކަމުގެ ލިޔުން ވެސް ހިމެނެއެވެ. ނަމަވެސް، އޭގެ ތެރެއިން އެއްވެސް ނޫހަކުން އެ ލިޔެކިޔުންތައް ލިބުނު ގޮތް ހާމަކޮށްފައިނުވާ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.
މި މަހުގެ ކުރީކޮޅު މައިކްރޮސޮފްޓުން ވަނީ މި އަހަރުގެ އިންތިޚާބަށް ވަންނަން ބޭރުގެ އެޖެންޓުން ކުރި މަސައްކަތްތަކުގެ ތަފުސީލު ރިޕޯޓެއް ނެރެފައެވެ. އެ ރިޕޯޓާ އެކު ވަކިން ނެރުނު އިތުރު ރިޕޯޓެއްގައި ގޫގުލްއިން ބުނީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑާ ގުޅުން ހުރި އެ ގައުމުގެ ޖަމާއަތަކުން މެއި މަހުން ފެށިގެން ރައީސް ޖޯ ބައިޑަންއާއި ޓްރަމްޕާ ގުޅުން ހުރި ގާތްގަނޑަކަށް 10 ވަރަކަށް މީހުންގެ އަމިއްލަ އީމެއިލް އެކައުންޓްތަކަށް ވަންނަން މަސައްކަތްކޮށްފައިވާ ކަމަށެވެ.