ތެހެރާން (22 އޮގަސްޓް 2024): އީރާނުގެ ކުރީގެ ރައީސް އިބްރާހީމް ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި މިދިޔަ މޭ މަހު އެ މަނިކުފާނު އަވަހާރަވި ހާދިސާގެ ތަހުގީގު ފުރިހަމަކޮށް އެ ތަހުގީގުގެ ނަތީޖާ އީރާނުން ހާމަކޮށްފިއެވެ.
އީރާނުގެ ރަސްމީ ނޫސް އެޖެންސީއެއްގެ ހައިސިއްޔަތު އޮންނަ "ފާރިސް" ނޫސް އެޖެންސީ ބުނިގޮތުގައި އިބްރާހީމް ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނީ ދެ ސަބަބަކާ ގުޅިގެންނެވެ.
ފުރަތަމަ ސަބަބަކީ ދަތުރުކުރެއްވި ސަރަހައްދުގެ މޫސުން އިންތިހާއަށް ގޯސްވުމެވެ. ދެވަނަ ސަބަބަކީ މޫސުން ގޯސްވުމުން އެ ކަމުން ސަލާމަތްވުމަށް ތަންކޮޅެއް މައްޗަށް އެރުމަށް ހެލިކޮޕްޓަރު މަސައްކަތްކުރުމުން މައްޗަށް އެރޭގޮތްނުވުމެވެ. ހެލިކޮޕްޓަރަށް މައްޗަށް ނޭރުނީ މައްޗަށް އެރޭވަރަށްވުރެ ހެލިކޮޕްޓަރު ބަރުވުމުންކަމަށް މިރި ޕޯޓް ބުނެއެވެ. ނަތީޖާއަކަށްވީ މައްޗަށް ނޭރި ފަރުބަދެއްގައި ޖެހި ހެލިކޮޕްޓަރު ވެއްޓުމެވެ.
ހެލިކޮޕްޓަރު އާދައިގެ އުދުހުމެއްގައި އުދުހެވޭނީ ވަކިވަރެއްގެ ބުރަދަން ހުރުމުންނެވެ. އަދި، އާންމުކޮށް ދަތުކުރާ ވަރަށްވުރެ މައްޗަށް އެރޭނީ ވަކި މިންވަރަކަށް ލުއިކޮށް ހުރުމުން ކަމަށާއި އީރާނުގެ ރައީސް ދަތުރުކުރެއްވި ހެލިކޮޕްޓަރު ދަތުރުކުރަމުން ގެންދިޔައީ ކުއްލިއަކަށް މައްޗަށް އެރޭ ވަރަށްވުރެ ބަރުކޮށް ކަމަށާއި އެ ހެލިކޮޕްޓަރަށް މައްޗަށް ނޭރުނީ މި ސަބަބާ ގުޅިގެން ކަމަށް މި ރިޕޯޓް ބުނެއެވެ.
އީރާނުގެ ކުރީގެ ރައީސް އިބްރާހީމް ރައީސީ ދަތުރުކުރެއްވީ އެމެރިކާގައި އުފައްދާފައިވާ ބެލް 212 މަރުކާގެ ހެލިކޮޕްޓަރެއްގައެވެ. އެ ހެލިކޮޕްޓަރުގައި އީރާނުގެ އޭރުގެ ޚާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުއްލަހްޔާނާއި އީރާން ސަރުކާރުގެ އިތުރު އިސް ދެ މަސްއޫލުވެރިއަކު ވެސް ދަތުރުކުރެއްވިއެވެ. އެ ހެލިކޮޕްޓަރުގެ ފަޅުވެރިންނާއެކު މި ހުރިހާ ބޭފުޅުން ވެސް ވަނީ މި ހާދިސާގައި އަވަހާރަވެފައެވެ.
އިބްރާހީމް ރައީސީގެ މި ދަތުރުފުޅަކީ އަވައްޓެރި އަޒަރު ބައިޖާންގައި ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެނބުރި ގައުމަށް ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅު ކުރެއްވަންޖެހުނީ ވަރަށް ބޯ ޖަންގަލި އޮންނަ ފަރުބަދަ މަތީ ސަރަހައްދެއް ހުރަސްކޮށެވެ.
ހެލިކޮޕްޓަރު ހުރަސްކުރި ވަގުތު އެ ސަރަހައްދުގައިވަނީ އިންތިހާއަށް މޫސުން ގޯސް ވެފައެވެ. ވައި ބާރުވުމާއި ވާރޭ ވެހުމާއި ދުންފިނި ބޯވުމެވެ. ކުއްލި ހާލަތެއް ދިމާވެއްޖެނަމަ ހެލިކޮޕްޓަރު މައްޗަށް އެރޭވަރަށް ހެލިކޮޕްޓަރު ލުއިކޮށް ބޭއްވުމަކީ އަމިއްލައަށް ހެދިފައިވާ ގޯހެއްކަން ވެސް މި ކަމާބެހޭ ރިޕޯޓްގައި ވަނީ ހާމަކޮށްފައެވެ.