ދިވެއްސަކަށް ހަމަލާދިން ބިދޭސީ މީހާގެ ބަންދަށް 15 ދުވަސް

ހުޅުމާލެ ބީޗް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިއްޔެ ހުޅުމާލޭގައި ދިވެއްސަކަށް ހަމަލާދިން ބިދޭސީ މީހާގެ ބަންދަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން މިއަދު 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ އިއްޔެ ހަވީރު ބިދޭސީއަކު ތޫނު އެއްޗަކުން ދިވެއްސަކަށް ހަމަލާ ދިނީ ލަންސިމޫ މަގުގައި ކަމަށެވެ.

އެ މައްސަލައިގައި ހައްޔަކުރި މީހާ މިއަދު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރި ކަމަށާއި އޭނާގެ ބަންދުގެ މުއްދަތު ޖަހައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި އަނިޔާވި މީހާއަށް ފަރުވާ ދޭން ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށް ކަމަށާއި އަނިޔާވީ އޭނާގެ އަތަށް ކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް އޭނާއަށް ސީރިއަސް އަނިޔާއެއް ނުވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ރާއްޖެއަށް އެތެރެވެފައިވާ ބިދޭސީން ކުށަށް އަރައިގަންނަ މައްސަލަ ހައްލު ކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަން ހޯމް މިނިސްޓްރީން ވަނީ ނިންމައިފައެވެ. އެގޮތުން ޖިނާއީ ކުށް ކުރާ ބިދޭސީން 48 ގަޑިއިރު ތެރޭ ޑީޕޯޓް ކުރާނެ ކަމުގެ އިންޒާރު އެ މިނިސްޓްރީން ދީފައިވެއެވެ.

comment ކޮމެންޓް