ވިއްސާރަވުމުން، އިމާރާތް ކުރާއިރު ސޭފްޓީ ނެޓާއި ޓިނު ހަރުކުރުމުގައި ސަމާލުވާން އިލްތިމާސެއް

ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ އެޕޯލޯ ޓަވަރުތަކުގެ ތެރެއިން ޓަވަރެއްގެ ސޭފްޓީ ފެންސް ނެއްޓުން -- ފޮޓޯ/ އެމްވީ ކްރައިސިސް

ވިއްސާރަ މޫސުމުގައި، ހުޅުމާލޭގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ތަންތަނުގައި ރައްކާތެރިކަމުގެ ގޮތުން ބަލަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ކޮންޓްރެކްޓަރުންނަށާއި އާންމު ފަރާތްތަކަށް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިލްތިމާސްކޮށްފިއެވެ.

އެޗްޑީސީން ނެރުނު އިއުލާނެއްގައި ވަނީ މި ދުވަސްވަރު މޫސުން ގޯސްވެ، ވައިގަދަވުމުން ނުރައްކާތެރި ހާދިސާއެއް ހިނގާފާނެތީ ރަައްކާތެރިވުމުގެ ގޮތުން ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އެގޮތުން ސަމާލުކަން ދޭންވީ ކަންތައްތަކުގެ ތެރޭގައި އެ ކޯޕަރޭޝަނުން ފާހަގަކުރީ:

  • ކޮންސްޓްރަކްޝަން ސައިޓުތަކުގެ ވަށައިގެން ޖަހާފައިވާ ސޭފްޓީ ނެޓް އަދި ޓިނު ފަދަ ހަރުކުރެވިފައިވޭތޯ ބެލުން
  • ބެލްކަނިތަކާއި ޓެރަސް ފަދަ ތަންތަނުގައި ބަހައްޓާފައިވާ އާންމުންނަށް ގެއްލުންވާ ފަދަ ތަކެތި ނެގުން
  • ބޭރަށް ހުޅުވޭ ގޮތަށް ހުރި ފެންލައިޓާއި ދޮރުފަދަ ތަންތަނުން ގޭތެރެއަށް ފެން ނުވަންނާނޭ ގޮތަށް ބަންދުކުރުން

މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ވައިގަދަވުމުގެ ސަބަބުން ގަހާއި ގޮފިތައް ވެއްޓި، އުޅަނދުތަކަށާއި ގެތަކަށް ގެއްލުންވެފައިވެއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު ބުނި ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރައިގައި މިދިޔަ ދެ ހަފުތާގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 12 ހާދިސާއެއް ހިނގާފައިވެއެވެ. އޭގެ ތެރޭގައި ގިނައީ ފުރާޅު އެއްލައިލައިގެން ކޮށްފައިވާ ރިޕޯޓުތައް ކަމަށް ވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގައި އުސްކޮށް ހަދަމުންދާ އިމާރާތްތަކުގައި ޖަހާފައިވާ ތަކެތި ވަޔާއެކު ނެއްޓުމާއި، ތަކެތި ވެއްޓުމުގެ ހާދިސާތައް ހިނގާފައިވެއެވެ. އެގޮތުން ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ އެޕޯލޯ ޓަވަރުތަކުގެ ތެރެއިން ޓަވަރެއްގެ ސޭފްޓީ ފެންސް މިދިޔަ ހުކުރު ދުވަހު ނެއްޓިފައިވެއެވެ.

comment ކޮމެންޓް