އޮޕަރޭޝަން ކުރަނގި: 705 ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފި

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެންނަން ހިންގާ އޮޕަރޭޝަން 'ކުރަނގި'ގެ އަމަލީ މަސައްކަތް ފެށުން -- ސަން ފޮޓޯ/ މުސާ ނަދީމް

ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމަށް މި މަހު ކ. ހިންމަފުށީގައި ފެށި "އޮޕަރޭޝަން ކުރަނގި"ގެ ދަށުން މިހާތަނަށް 705 ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަން ފެށީ މިމަހުގެ ދެވަނަ ދުވަހުއެވެ. މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގައި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ ހުރިހާ މައުލޫމާތެއް އެއްކުރާނެއެވެ.

ހޯމް މިނިސްޓްރީގެ ސްޕޯކްސް ޕާސަން ފާތިމަތު ރިފާތް "ސަން"އަށް ވިދާޅުވީ، ހިންމަފުށީގެ އޮޕަރޭޝަން ކުރިއަށް ދާގޮތް ބަލާ، އެ ރަށުގެ މަސައްކަތް ނިމުމުން ވަރަށް އަވަހަށް ބަޔޮމެޓްރިކް ޑާޓާ އެއްކުރަން ފަށާ ދެވަނަ ރަށް އިއުލާނު ކުރާނެ ކަމަށެވެ.

https://sun.mv/191500

މި މަސައްކަތާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާނު މީގެ ކުރިން ވިދާޅުވީ، އަވަހަށް ރާއްޖޭގެ ފަސް ސަރަހައްދެއްގައި ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ދެނެގަނެ، އެމީހުން ގަވާއިދަށް ފެއްތުމުގެ މަސައްކަތް އެއްކޮށް ތިން އަހަރުގެ ތެރޭގައި ނިމޭނެ ކަމަށެވެ. އެގޮތުން ހިންމަފުށީގައި ފެށީ މި އޮޕަރޭޝަނުގެ ފުރަތަމަ ބައި ކަމަށާއި މި މަސައްކަތް އެއް އަހަރުގެ ތެރޭގައި ނިންމާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ނުގަވައިދުން އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ފިންގާ ޕްރިންޓާއި ފޮޓޯ ނެގުމުގެ މަސައްކަތް އަމަލީ ގޮތުން ފެށުން -- ސަން ފޮޓޯ/ މޫސާ ނަދީމް

ފުރަތަމަ މަސައްކަތް ނިމޭއިރު ރާއްޖޭގައި ތިބީ ކިތައް ބިދޭސީންތޯ އާއި އެ މީހުންގެ ހުރިހާ މައުލޫމާތެއް ސިސްޓަމް ތެރެއަށް ނެގޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި މަސައްކަތުގެ ތެރެއިން ދެނެނުގަނެވޭ ބިދޭސީއެއްނަމަ އެ ބިދޭސީއެއްގެ ގައުމެއްގެ އެމްބަސީތަކާ ގުޅިގެން ޑޮކިއުމެންޓުތައް ހޯދާނެއެވެ.

މީގެ އިތުރަށް މިނިސްޓަރު ވިދާޅުވީ އެ އޮޕަރޭޝަންތަކުން ހޯދާ މައުލޫމާތު ރައްކާކުރާ ޑޭޓާބޭސް ރަށްރަށުގެ ކައުންސިލްތަކަށް ވެސް ބޭނުންކުރެވޭ ގޮތް ހަދާނެ ކަމަށެވެ.

މި އޮޕަރޭޝަންގެ މައިގަނޑު މަގުސަދަކީ ބިދޭސީން ހައްޔަރުކޮށް ޑީޕޯޓު ކުރުން ނޫން ކަމަށާއި، ގަވައިދާ އެއްގޮތަށް ހުއްދަ ދެވެން ތިބި މީހުންނަށް ހުއްދަ ދިނުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް