ނުގަވައިދުން އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ގެނައުމަށް 'އޮޕަރޭޝަން ކުރަނގި'ގެ ނަމުގައި ފިންގާ ޕްރިންޓާއި ފޮޓޯ ނެގުމުގެ އޮޕަރޭޝަނެއް ފަށައިފިއެވެ.
މި މަސައްކަތް ފެށުމުގެ ގޮތުން މިއަދު ކ. ހިންމަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މިއަދު މި ފެށި އޮޕަރޭޝަނުގެ މަގުސަދަކީ ޒަމާނުއްސުރެ ރާއްޖެއަށް ދިމާވެފައިވާ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދިނުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިދިޔަ ފަސް މަސް ދުވަހުގެ ތެރޭގައި މި ކަމުގެ ބެކްގްރައުންޑް މަސައްކަތްތައް ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ އަސްލު ދެނެގަނެ، އެ މައްސަލަ ދާއިމީކޮށް ހައްލު ކުރާނެ ޕްލޭނެއް ކަނޑައަޅައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި މަސައްކަތް އެއްކޮށް ތިން އަހަރުގެ ތެރޭގައި ނިމޭނެ ކަމަށެވެ. އެގޮތުން މިއަދު ހިންމަފުށީގައި ފެށީ މި އޮޕަރޭޝަނުގެ ފުރަތަމަ ބައި ކަމަށާއި މި މަސައްކަތް އެއް އަހަރުގެ ތެރޭގައި ނިންމާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ފުރަތަމަ އެއް އަހަރު ދުވަހުގެ ތެރޭގައި ކުރަން ނިންމައިފައިވާ މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބޭރު މީހުންގެ ތެރެއިން ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުން އަންނަ ބޭރު މީހުން ނިޒާމުގެ ތެރެއަށް ގެނައުމުގެ މަސައްކަތް ހިމެނެއެވެ.
"ކ. އަތޮޅު ހިންމަފުށީގައި މި ވަގުތު މި ފެށުނީ އެކި ގޮތް ގޮތުން މަސައްކަތް ކުރަމުން އަންނަ ބިދޭސީން މި ސިސްޓަމުގެ ތެރެއަށް އެމީހުންގެ ފިންގާ ޕްރިންޓާއި ފޮޓޮގްރަފިކް އައިޑެންޓިފިކޭޝަނާ އެއްކޮށް ބައޯމެޓްރިކް ޑާޓާއާ އެއްކޮށް އެމީހުންގެ މައުލޫމާތު އަޅުގަނޑުމެންގެ ސެންޓްރަލް ސިސްޓަމަށް ނެގުމުގެ މަސައްކަތް،" މިނިސްޓަރު ވިދާޅުވިއެވެ.
ފުރަތަމަ މަސައްކަތް ނިމޭއިރު ރާއްޖޭގައި ތިބީ ކިތައް ބިދޭސީންތޯ އާއި އެމީހުންގެ ހުރިހާ މައުލޫމާތެއް ސިސްޓަމް ތެރެއަށް ނެގޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެކެއްގެ ނަމުގައި ނުވަތަ އެއް ކުންފުންޏެއްގެ ނަމުގައި ގެނެސްފައި ހުންނަ މީހަކު އަނެއް ކުންފުންޏަށް މަސައްކަތް ކުރުމަކީ ގަވާއިދާ ޚިލާފު ވުން ކަމަށެވެ. އަދި މި ކަމުގެ ސަބަބުން ވަރަށް ބޮޑެތި އިޖުތިމާއީ މައްސަލަތަކެއް ނުކުންނަ ކަން އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.
އެހެންވެ މި މަސައްކަތް ފަށައިފައިވަނީ އެކަމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައިގެން ކަމަށް އިހުސާން ވިދާޅުވިއެވެ.
"ޖެހިގެން އަންނަ ދެ އަހަރު ތެރޭ އަޅުގަނޑުމެން ކުރާނެ މަސައްކަތަކީ މީގެ ތެރޭގައި އެބަ އުޅޭ އެއްވެސް ރަސްމީ ލިޔެކިޔުމެއް ނެތް މީހުން، ޕަސްޕޯޓެއް ނެތް މީހުން، ވޯކް ޕާމިޓުގެ އެއްވެސް ޑޮކިއުމެންޓެއް ނެތް މީހުން އެމީހާ އަކީ މިވެނި މީހެއް ކަން ދައުލަތުގެ އެއްވެސް ލިޔެކިޔުމަކުން ސާބިތު ކޮށް ނުދެވޭ މިހުން އެބައުޅޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެމީހުންގެ ވެސް ބައޯމެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި ސިސްޓަމުގެ ތެރެއިން ދެނެގަނެވޭނެ ނިޒާމު ގާއިމު ކުރާނެ ކަމަށެވެ. އަދި ދެނެނުގަނެވޭނަމަ އެ ބިދޭސީއެއްގެ ގައުމެއްގެ އެމްބަސީތަކާ ގުޅިގެން އެ ޑޮކިއުމެންޓުތައް ހޯދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި އޮޕަރޭޝަންގެ މައިގަނޑު މަގުސަދަކީ ބިދޭސީން ހައްޔަރުކޮށް ޑީޕޯޓު ކުރުން ނޫން ކަމަށާއި، ގަވައިދާ އެއްގޮތަށް ހުއްދަ ދެވެން ތިބި މީހުންނަށް ހުއްދަ ދިނުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އެހެން ނަމަވެސް ޖިނާއީ ކުށަކަށް އަރައިގަނެފި ނަމަ 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓު ކޮށްލާނެ ކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފައެވެ.
މީގެ އިތުރަށް މިނިސްޓަރު ވިދާޅުވީ އެ އޮޕަރޭޝަންތަކުން ހޯދާ މައުލޫމާތު ރައްކާކުރާ ޑޭޓާބޭސް ރަށްރަށުގެ ކައުންސިލްތަކަށް ވެސް ބޭނުންކުރެވޭ ގޮތް ހަދާނެ ކަމަށެވެ.
މިނިސްޓަރު ވަނީ މި ޕްރޮސެސް މިގޮތަށް ކުރިއަށްދާކަމަށްވާނަމަ މި މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.