އެމްއެމްޕީއާރުސީގެ ޗެއާޕާސަންކަމުން ނޫރައިން އިސްތިއުފާ ދެއްވައިފި

އައިޝާ ނޫރުއައިން ޖަނާހު: މިދިޔަ ޑިސެމްބަރު އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމަށް ވަޑައިގަތް ނޫރުއައިން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައި -- ފޮޓޯ/ ނޫރުއައިން ޖަނާހު

މޯލްޑިވްސް މޭކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހު ރޭ އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު ބުނީ، ނޫރައިން އިއްޔެގެ ވަގުތެއްގައި އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އެހެންވެ، އޭނާގެ އިސްތިއުފާ ގަބޫލުކޮށް، މަގާމުން ވަނީ ވަކިކޮށްފައެވެ.

އެކަމަކު، ނޫރައިން އިސްތިއުފާދެއްވި ސަބަބެއް މިހާތަނަށް ސަރުކާރުގެ އެއްވެސް އޮފިޝަލަކު ވެސް ކަށަވަރުކޮށްދެއްވައިފައެއް ނުވެއެވެ.

ނޫރައިންއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕްރިންސިޕަލް އެޑްވައިޒާ އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓު މުހައްމަދު އަލީ ޖަނާހުގެ ދަރިކަނބަލުންނެވެ. އޭނާ އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމަށް އައްޔަންކުރީ 27 ޑިސެންބަރު 2023 ގައެވެ.

އެމްއެމްޕީއާރުސީއަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ ޒިންމާ މަތިކޮށްފައި އޮންނަ ސަރުކާރުގެ ކުންފުންޏެވެ.

މި މަހު ބޭއްވި އައިޓީބީ ފެއާގައި ބޭރުގެ ނޫހަކަށް ދެއްވި އިންޓަވިއުއަކަށް ފަހުގައި އާންމުންގެ މެދުގައި ނޫރައިން މަގުބޫލުވިއެވެ. އެއަށް ފަހުގައި މިނިސްޓްރީއާއި އެމްއެމްޕީއާރުސީގެ ތެރޭގައި ނުތަނަވަސްކަމެއް އޮތް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރިއެވެ. އެކަމަކު، އޭރު ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވަނީ އެކަން ދޮގުކުރައްވައިފައެވެ.

އެމްއެމްޕީއާރުސީ ބޯޑުގައި ސަރުކާރު ތަމްސީލު ކުރައްވާ ރާފިލް މުހައްމަދު ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ. އޭނާ އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ. މިކަމާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެއްވަމުން ޕީސީބީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރާފިލްގެ އިސްތިއުފާ ސިޓީގައި އިސްއުފާ ދިން ވަކި ސަބަބެއް ބަޔާންކޮށްފައި ނުވާކަމަށެވެ.

comment ކޮމެންޓް