ޕީޖީކަމަށް ގެންނަން އުޅެނީ އަބްދުއްރަހީމްގެ ދަނބިދަރިއެއް: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން: ވިދާޅުވީ ޕީޖީގެ މަގާމަށް ސަރުކާރުން ގެންނަން އުޅޭ އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ ދަނބިދަރިއެއް ކަމަށް -- ސަން ފޮޓޯ/ އަމަން ލަތީފު

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ސަރުކާރުން ގެންނަން އުޅޭ އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ ދަނބިދަރިއެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.

މިރޭ އޮތް ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އާ ޕީޖީއަކު އައްޔަންކުރުމުގެ މައްސަލައިގައި ސަރުކާރު އޮތީ "ދެ ކަފި ނޫނީ ތިން ކަފިވެފައި" ކަމަށެވެ. އެ ގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތުން އެ މަގާމަށް ކުރީގެ ޕީޖީ، މުހުތާޒު މުހުސިން އައްޔަނު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

ޕީއެންއެފްގެ މިރޭ ޖަލްސާގައިވަނީ ޔާމީންގެ ވެރިކަމުގައި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އޭރު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި ރައީސް މުޢިއްޒުގެ އިތުރުން އޭރު ފޮނަދޫ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި އަބްދުއްރަހީމާ ދެމެދު ފައިސާގެ ބޮޑެތި މުއާމަލާތްތަކެއް ކުރެވިފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.

ޔާމީން ވެރިކަމުގައި ހުންނެވިއިރު، މާމިގިލީ ކޯޓަކުން އަމުރެއް ނެރެގެން އެ މަނިކުފާނު ހައްޔަރު ކުރުމަށް އުޅުނު މައްސަލައާ ގުޅޭ ފުލުހުންގެ ތަހުގީގު ރިޕޯޓެއް ކަމަށް ބުނެ، ޕީއެންއެފް ޖަލްސާގައިވަނީ ލިޔެކިޔުމެއް ދައްކައިފައެވެ.

އޭގައި ވަނީ އަދީބު މެދުވެރިކޮށް އަބްދުއްރަހީމަށް ހަތަރު މިލިއަން ރުފިޔާ ހަވާލުކޮށްފައިވާކަން އެނގޭ މެސެޖެއްގެ ވާހަކައެވެ. އަދި ޔާމީންގެ މައްޗަށް ކޯޓު އަމުރެއް ނެރެފި ނަމަ، ސިއްރުން އެ ކަމަށް އެއްބާރުލުންދީ، އެ ވެރިކަން ބަދަލު ކުރެވިއްޖެ ނަމަ، އިތުރު 16 މިލިއަން ރުފިޔާ ދޭނެ ކަމަށެވެ.

އަދި ރައީސް މުޢިއްޒު އޭރު އަދީބު އަތުން 14 މިލިއަން ރުފިޔާ ނެންގެވި ކަމަށް ވެސް އޭގައިވެއެވެ.

މި ކަމާ ގުޅިގެން ޔާމީން ވިދާޅުވީ، އެ މަނިކުފާނު ވެރިކަމުގައި ހުންނެވިއިރު، ފުލުހުން ކުރި ކަމަށް ބުނާ މި ތަހުގީގުގެ ރިޕޯޓު ލިބިވަޑައި ނުގަންނަވާ ކަމަށެވެ.

މި ކަމާ ގުޅިގެން ޔާމީންވަނީ އަބްދުއްރަހީމްގެ ދަނބިދަރިފުޅު ނުވަތަ މުހުތާޒު ޕީޖީ ކަމަށް ގެނެވޭނީ ކިހިނެއްތޯ ސުވާލު އުފައްދަވައިފައެވެ.

"މި ދެ ކެންޑިޑޭޓުންނަށް ބަލާ ކަމަށް ވަންޏާ، ޕީޖީ ކަމަށް ފައިނަގައި، ނޫނީ ޕީޖީ ކަމަށް ގެންނަން މި މަސައްކަތް ކުރާ ދެ މީހުން ކަމަށް ބަލަންޏާ މިއީ ހަމަ ކަނޑައެޅިގެން މިހާރު ވެސް އޮއްބާލާފައި އޮތް ގޮތަށް އޮއްބާލަން ބޭނުންވާ ކަމެއް،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ތުހުމަތު ކުރައްވާ ގޮތުގައި ރައީސް މުއިއްޒާއި އަބްދުއްރަހީމް ނެންގެވި ކަމަށް ތުހުމަތުކުރާ އެ ފައިސާއަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅުންހުރި ފައިސާއެވެ.

comment ކޮމެންޓް