އީޕީއޭގެ އެންގުމާ ޚިލާފުވެ، ބައެއް މަޝްރޫއުތައް ކުރިއަށްގެންދާތީ ނަސޭހަތް ދެނީ

ބ. ފުޅަދޫ މުރަކަ ހުދުވުން: ފަރުތަކުން ގާ ހުދުވަމުންދާތީވެ، ބިން ހިއްކުމުގެ މަޝްރޫއުތައް ވަގުތީ ގޮތުން ހުއްޓާލަން އީޕީއޭއިން ވަނީ އަންގައިފައި -- ފޮޓޯ/ މެރިން ޖާނަލް މޯލްޑިވްސް

ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުން ގާ ހުދުވަމުންދާތީވެ، ބިން ހިއްކުމުގެ މަޝްރޫއުތައް ވަގުތީ ގޮތުން ހުއްޓާލަން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އެންގި އެންގުމާ ޚިލާފަށް ބައެއް ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށް ގެންދާ ކަމަށް އީޕީއޭއިން ބުނެފިއެވެ.

މި ދުވަސްވަރު ހިންގާ ހަރަކާތްތަކުން ފަރުތަކަށް ކުރާ އަސަރުގެ ސަބަބުން ފަރުތައް އަލުން އިއާދަވާ މިންވަރު ލަސްވެ، އިއާދަވުމަށް ހުރަސް އެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެ، ބިންހިއްކުމާއި ފަޅު ކޮނުން ފަދަ މަސައްކަތްތައް އަންނަ މަހު 10ގެ ނިޔަލަށް ހުއްޓާލުމަށް އީޕީއޭއިން އެންގީ މި މަހުގެ ނުވަ ވަނަ ދުވަހުއެވެ.

ނަމަވެސް ބިން ހިއްކުމުގެ ބައެއް މަޝްރޫއުތައް އަދިވެސް ކުރިއަށް ގެންދާ ކަމުގެ ވާހަކަތައް ވަނީ ފެންމަތިވެފައެވެ.

އެކަމާ ގުޅިގެން 'ސަން' އިން ކުރި ސުވާލަށް ޖަވާބުދެއްވައި އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވީ، އީޕީއޭގެ އެންގުމާ ޚިލާފަށް ބައެއް މަޝްރޫއުތައް އަދިވެސް ކުރިއަށް ގެންދާ ކަމަށެވެ. ނަމަވެސް އެއީ ކޮން މަޝްރޫއުތަކެއްކަން މިވަގުތު ހާމަކުރުމުގެ ބަދަލުގައި އެ ފަރާތްތަކަށް ނަސޭހަތްދީގެން އެކަން ހުއްޓުވުމުގެ މަސައްކަތް ކުރާ ކަމަށް ނައީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހުއްޓާލަން އަންގާފައި ވާނީ، ބިން ހިއްކުމުގެ ތެރެއިން ބޮޑަށް ސިމެންތި އަރާ ކަހަލަ މަޝްރޫއުތައް. އެހެންނަމަވެސް ބައެއް މަޝްރޫއުތައް ކުރިއަށް އެބަދޭ،" ނައީމް ވިދާޅުވިއެވެ.

"އެކަމަށް ފިޔަވަޅެއް އަޅާކަށް ނުވިސްނަން އެކަމަކު މި ބަލަނީ އަދި ނަސޭހަތް ދީގެން ވިސްނައިދީގެން އެކަން ހައްލުކުރަން."

އީޕީއޭ މާލީ ގޮތުން ފުދުންތެރިކޮށް، ގާނޫނީ މިނިވަންކަމާއި ބާރު ދިނުމަކީ ދައުލަތުން ކުރަންޖެހޭ ކަމެއް ކަމަށް މީގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ވިދާޅުވެފައެވެ.

https://sun.mv/192027

އީޕީއޭއިން ބިން ހިއްކުން ހުއްޓާލަން އަންގައި ބުނެފައިވަނީ، ރާއްޖޭގެ ސަރަހައްދު އޮތީ "އެލާޓް ލެވަލް 1" ގައި ކަމުގައިވެފައި ގިނަ އަދަދަކަށް ގާހުދުވަމުންދާ ކަމަށް ރިޕޯޓް ލިބެމުންދާތީ އަންނަ މަހު 10ގެ ނިޔަލަށް ބިން ހިއްކުމުގެ މަޝްރޫއުތައް ހުއްޓާލުމަށެވެ.

ބިންހިއްކުމުގެ އިތުރުން ފަޅުކޮނުން، ގޮނޑުދޮށަށް ވެލިއެޅުން، ޕަމްޕު ބޭނުންކޮށްގެން ވެލި ނެގުން، ފަރުމަތީ ހޮޅި އަދި ކޭބަލް އެޅުން، ބަންޑުވޯލް ޖެހުން އަދި މި ނޫން ވެސް މެޝިނަރީ ބޭނުންކޮށްގެން ފަރުމަތީގައި މަސައްކަތްކުރުން، އެ އިއުލާނުގެ ދަށުން އީޕީއޭއިން ވަނީ މަނާކޮށްފައެވެ. އެ މަސައްކަތްތަކަށް އީއައިއޭ ހެދުން ވެސް ހުއްޓާލަން ވަނީ އަންގައިފައެވެ.

comment ކޮމެންޓް