ވައި ގަދަވެ، ހިޔާގެ ވަގުތީ މާރުކޭޓުގެ ޓިނުތައް ނެއްޓި އާންމުންނަށް ބިރަކަށް

ވައި ގަދަވުމުގެ ސަބަބުން ހުޅުމާލެ ފޭސް ދޭއްގެ ވަގުތީ މާރުކޭޓުގެ ޓިނުތައް ނެއްޓި ވަޔާ އެއްކޮށް މުޅި އެ ސަރަޙައްދުގައި އެނބުރެނީ-- ފޮޓޯ/ ސޯޝަލް މީޑިއާ

މޫސުން ގޯސްވެ ވައި ގަދަވުމުގެ ސަބަބުން، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވަގުތީ މާރުކޭޓުގެ ޓިނުތައް ނެއްޓި އެ ސަރަހައްދުގައި އުޅޭ ފަރާތްތަކަށް ތަކުލީފުތަކަކާ ކުރިމަތިވެއްޖެއެވެ.

މިހާރު މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، މާލެ ސަރަހައްދަށް ވެސް ބޯކޮށް ވާރޭ ވެހި ވައިގަދަވުމުގެ ސަބަބުން ތަފާތު އެކި ހާދިސާތައް އަންނަނީ ހިނގަމުންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި ވައި ގަދަވުމުގެ ސަބަބުން ދެވަނަ ފިޔަވަހީގެ ވަގުތީ މާރުކޭޓުގެ ޓިނުތައް ނެއްޓި ވަޔާއެކު މުޅި އެ ސަރަހައްދުގައި އަންނަނީ އެނބުރެމުންނެވެ. އަދި މާރުކޭޓުގެ އެތެރޭގައި ހުރި ގޮނޑި ފަދަ ހިފާ ގެންގުޅޭ ސާމާނު ވެސް ވަޔާއެކު އެކި ދިމަ ދިމާލަށް ވަނީ ގެންގޮސްފައެވެ.

މިކަމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޚާއްސަގޮތެއްގައި އެ ސަރަހައްދުން ދުއްވާފައިދާ އުޅަނދުތަކާއި، ހިނގާ ބިނގާވެ އުޅޭ ފަރާތްތަކަށް ދަތިތަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ.

މިކަމާ ގުޅިގެން 'ސަން' އިން ސުވާލުކުރުމުން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނީ، އެ ކޯޕަރޭޝަންގެ ޓީމަކުން މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އަދި އެއީ އާންމުންނަށް ރައްކާތެރި ސަރަހައްދެއްކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހިޔާ ފްލެޓް ސަރަހައްދުގައި އަޅާފައިވާ ވަގުތީ މާރުކޭޓަކީ މިދިޔަ އަހަރުގެ ރަމަޟާން މަހު ތަރުކާރީއާއި މޭވާގެ ބާވަތްތައް ފަސޭހަކަމާއެކު ގަންނަން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން އެ ސަރަހައްދުގައި ގާއިމުކުރި މާރުކޭޓެކެވެ.

https://sun.mv/192257

މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަ ވުމާ ގުޅިގެން ކުރިއަށް އޮތް ތިން ދުވަހު އުތުރާއި މެދު ރާއްޖެތެރެއަށް ވައި ބާރުވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ. އަދި ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މެޓުން ބުނެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތް ވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް