ބައިނަލްއަގުވާމީ ކޯޓުން ޔަހޫދީ ވެރިން ހަމަބިމަށް ތިރިކުރަނީ

ދެ މުޖްރިމުން ކަމަށް ތުހުމަތު ކުރެވޭ އިސްރާއީލުގެ ބޮޑޫވަޒީރު ނަތަންޔާހޫ އަދި ދިފާއީ ވަޒީރު ގަލަންޓް

ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ޣައްޒާގައި އިސްރާއީލުން ހިންގާ އިންސާނިއްޔާތާ ޚިލާފު ޖަރީމާތަކާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރާއި ދިފާއީ ވަޒީރު ހައްޔަރުކުރުމުގެ އަމުރަކަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ގެ ޕްރޮސެކިއުޓަރު އެ ކޯޓުގެ ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގަތުމަކީ ބައިނަލްއަގުވާމީ އަދާލަތަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ގާނޫނީ ތަޖުރިބާކާރުން ގެންދަވަނީ ސިފަކުރައްވަމުންނެވެ.

"އައިސީސީ"އިން އެކްރިޓިޑެޓް ކޮށްފައިވާ ފަރަންސޭސި ލޯޔަރު ޕްރޮފެސަރ ޑރ. ގިލް ޑައިވާ ވިދާޅުވީ އިސްރާއީލުގެ ލީޑަރުންނަކީ ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ގަތުލުއާންމުތައް ހިންގުމަށް ފަހު ހުޅަނގުގެ އެހީގައި އުގޫބާތުން ރެކިގަނެ ޒަމާނުއްސުރެ ބައިނަލްއަގުވާމީ ގާނޫނުން މަތީގައި އުޅެމުންދާ ބައެއް ކަމުގައެވެ. އިސްރާއީލުގެ ލީޑަރުން ހަމަ ބިމަށް ތިރިކުރަންޖެހިފައިވާތާ އެތައް އަހަރެއްވެއްޖެ ކަމަށާއި އައިސީސީގެ މިި ނިންމުމަކީ އިސްރާއީލުގެ ވެރިން ހަމަ ބިމަށް ތިރިކުރުމުގެ ފެށުން ކަމަށް ޑައިވާ ސިފަކުރެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ގަތުލުއާންމުތަކުން ވެސް އިސްރާއީލުގެ ލީޑަރުން މިހާތަނަށް ގެންދިޔައީ ރެކިގަންނަމުންނެވެ. ނަމަވެސް، އިސްރާއީލުގެ ބޮޑުވަޒީރާއި ދިފާއީ ވަޒީރު ހައްޔަރުކުރުމުގެ އަމުރެއް ނެރެދިނުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ ޕްރޮސެކިއުޓަރު އެ ކޯޓުގެ ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގަތުމަކީ އިސްރާއީލުގެ ވެރިންނާ ހަމައަށް ވެސް ގާނޫނު ފޯރާނެކަމާ އަދި ގާނޫން ބޭރުގައި ނޫޅެވޭނެކަމުގެ ވަރުގަދަ މެސެޖެއް އިސްރާއީލުގެ ވެރިންނަށް ލިބިގެންދިޔަ ތާރީޚީ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ ޕްރޮސެކިއުޓަރ ކަރީމް އަހްމަދު ޚާން

ދުނިޔޭގައި ގާނޫނާއި ގަވާއިދު ދަމަހައްޓާ ކަމަށާއި އަދި ދުނިޔޭގައި އޮންނަނީ ގާނޫނާއި ގަވާއިދުގެ މައްޗަށް ބިނާކޮށްފައިވާ ނިޒާމެއް ކަމަށް އެންމެ ބޮޑަށް ދައުވާކުރާ އެމެރިކާއާއި އިނގިރޭސިވިލާތުން ވަނީ އިސްރާއީލުގެ ވެރިންނާ ދެކޮޅަށް ބައިނަލްއަގުވާމީ ކޯޓުން އެޅި މި ފިޔަވަޅަށް ގޮންޖަހައި އެ ކޯޓު ކުށްވެރިކޮށް އިސްރާއީލުގެ އަނިޔާތަކާއި ޖަރީމާތަކުގެ ދިފާއުގައި ވާހަކަދައްކާފައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ބައިނަލްއަގުވާމީ ކޯޓުގެ މި ފިޔަވަޅަކީ "ގޮތެއް ނެތް ލަދުހަޔާތުގެ ކަންފުޅެއް ވެސް ނެތް" ފިޔަވަޅެއް ކަމަށް ސިފަކުރައްވާފައެވެ. އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސްނާކް ވަނީ ބައިނަލްއަގުވާމީ ކޯޓުގެ މި ފިޔަވަޅަކީ އެ ކޯޓުން ގާނޫނީ އިންތައް ފަހަނަޅައި ދިޔުން ކަމަށް ސިފަކުރައްވައި ބައިނަލްއަގުވާމީ ކޯޓު ކުށްވެރިކޮށް ފާޅުގައި ވާހަކަދައްކަވާފައެވެ. ސްނާކަކީ ޔަހޫދީ މަހުޖަނުންނާ އެކު ވިޔަފާރީގެ ގޮތުން ގުޅިފައިވާ ބޭފުޅެކެވެ.

ނަމަވެސް، ޔޫރަޕްގެ އެހެން ގައުމުތައް ކަމަށްވާ ފަރަންސޭސިވިލާތާއި ޖަރުމަނުގެ ޚާރިޖީ ވަޒީރުން ވަނީ ބައިނަލްއަގުވާމީ ކޯޓުގެ ނިންމުންތަކަށާއި އެ ކޯޓުގެ މިނިވަންކަމަށް އިހުތިރާމުކުރަން ޖެހޭ ކަމަށް ބުނެ އެމެރިކާއާއި އިނގިރޭސިވިލާތާ ޚިލާފަށް މި މައްސަލާގައި ރައުޔު ފާޅުކޮށްފައެވެ.

އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު އަދި ޣައްޒާގެ ގާތިލު ބެންޖަމިން ނަތަންޔާހޫ ވަނީ އޭނާއާއި އޭނާގެ ދިފާއީ ވަޒީރު ޔުއާވް ގަލަންޓްގެ މައްސަލަ ބަލާނަމަ ބައިނަލްއަގުވާމީ ކޯޓުގެ "ދުވަސް ދުއްވާލާނެ" ކަމަށް ބުނެ އެ ކޯޓަށް އިންޒާރުދީ ބިރުދައްކާފައެވެ.

ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ ޕްރޮސެކިއުޓަރު ކަރީމް އަހްމަދު ޚާން އިއްޔެ ވަނީ ތިން ތުހުމަތެއްގައި އިސްރާއީލުގެ ބޮޑުވަޒީރާއި ދިފާއީ ވަޒީރު ހައްޔަރުކުރުމުގެ އަމުރެއް ނެރެދިނުމަށް އެ ކޯޓުގެ ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގެންފައެވެ. މި ތިން ތުހުމަތަކީ ޣައްޒާގެ އާންމުންނާ ދެކޮޅަށް ގަތުލުއާންމު ހިންގުމާއި ޣައްޒާގެ އާންމުން ގަސްދުގައި މަރައި އެ މީހުންގެ ނަސްލު ނައްތާލުމާއި އަދި ދުރާލައި ރާވައިގެން ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެއްސުމެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ ޕްރޮސެކިއުޓަރު ވަނީ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސް ޖަމާއަތުން ހަތެއް އޮކްޓޯބަރުގައި އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް ދިން ހަމަލާތަކަކީ ވެސް އިސްރާއީލުގެ އާންމުން މެރުމުގެ ހަމަލާތަކެއް ކަމަށް ސިފަކޮށްފައެވެ. މިއާ އެކު ހަމާސްގެ ތިން ލީޑަރުން ކަމަށްވާ އިސްމާއީލް ހަނިއްޔާ، މުހައްމަދު ޟައިފު އަދި ޔަހްޔާ އައްސިންވާރު ހައްޔަރުކުރުމުގެ އަމުރެއް ނެރެދިނުމަށް ވެސް އެ ކޯޓުގެ ޕްރޮސެކިއުޓަރު ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގެންފައިވެއެވެ.

ހަމާސްގެ އިސްވެރިއެއްކަމަށްވާ ސާމީ އަބޫ ޒުހުރީ ވަނީ ބައިނަލްއަގުވާމީ ކޯޓުގެ ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ.

ނަމަވެސް، ފަލަސްތީނުގެ ބިން ގަދަބާރުން ހިފައި ފަލަސްތީނުގެ އާންމުން މަރަމުން ގެންދާ އިސްރާއީލުގެ ލީޑަރުންނާ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ މުޖާހިދުންގެ ލީޑަރުން އެއްވަރު ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

އަބޫ ޒުހުރީ ވަނީ އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދު ކުރުމަކީ ފަލަސްތީނުގެ ޖަމާއަތްތަކަށާއި ފަލަސްތީނުގެ ކޮންމެ ރައްޔިތަކަށް ވެސް ބައިނަލްއަގުވާމީ ގާނޫނުން ލިބިދޭ ހައްގެއްކަން ބައިނަލްއަގުވާމީ ކޯޓުގެ ޕްރޮސެކިއުޓަރަށް ހަނދާން ކޮށްދެއްވާފައެވެ. އަނިޔާކުރާ ފަރާތާއި އަނިޔާ ލިބޭ ފަރާތް އެއްވަރު ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މުރާސިލުން ބުނާގޮތުގައި އިސްރާއީލުގެ ވެރިން ހައްޔަރުކުރުމުގެ އަމުރަކަށް ބައިނަލްއަގުވާމީ ކޯޓުން އެދުމަކީ ޔަހޫދީން ބާރާއި ނުފޫޒު ބައިނަލްއަގުވާމީ ދުނިޔޭގައި ކުޑަވަމުންދާކަމުގެ އަލިގަދަ ހެއްކެކެވެ.

ބައެއް މުހައްލިލުންވަނީ މިއީ ބައިނަލްއަގުވާމީ ކޯޓުން އެމެރިކާގެ ބިރު ދެއްކުންތަކަށް ޖެހިލުންނުވާކަމާއި އިސްރާއީލުގެ ވެރިންނެކޭ އެއްގޮތަށް އެމެރިކާގެ ވެރިންނާ ހަމައަށް ވެސް ބައިނަލްއަގުވާމީ ގާނޫނު ފޯރައި ގާނޫނު އަރައި ހަމަކުރާނެކަމުގެ އިންޒާރު އެމެރިކާއަށް ދިނުންކަން ފާހަގަކުރައްވައި ވާހަކަ ދައްކަވާފައެވެ.

comment ކޮމެންޓް