ކާރު ރަޖިސްޓަރުކުރުން އިންތިހާއަށް ލަސް، ކަންބޮޑުވުންތައް ފުނިޖެހިފައި

އުސްފަސްގަނޑު ސަރަހައްދު ވެހިކަލްތަކުން ފުރާލާފައި --- ސަން ފޮޓޯ: އިބްރާހިމް ޝަމްވީލް

މާލެ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދު ރެޖިސްޓްރީ ކުރުން ހަރުކަށި ކުރުމުގެ ސަބަބުން، ރެޖިސްޓްރީ ނުކުރެވި ގިނަ ދުވަސްވާތީ، އާންމުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

މި ދަތިތައް ކުރިމަތިވީ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ރެޖިސްޓްރީ ކުރުމަށް ހުށަހަޅާ ޖަރާޖުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން ފެށުމާ އެކުގައެވެ. އެ މިނިސްޓްރީން އެ ކަން ހަރުކަށިކުރީ، ގަރާޖުގެ ވެރިފަރާތަށް އެނގުމަކާ ނުލައި، ބައެއް ގަރާޖުތަކުގައި ވަގަށް އުޅަނދު ރެޖިސްޓްރީ ކުރާ މައްސަލަ ބޮޑުވުމުންނެވެ.

މީގެ ކުރިން މާލޭގައި އެންމެ ކާރެއް ބޭއްވޭ ވަރުގެ ކުދިކުދި ގަރާޖުތަކަށް ތިރީހުން ސާޅީހުން ކާރު ރެޖިސްޓްރީކުރިއެވެ. މި މައްސަލައިގައި މާލޭގެ ޕާކިން މައްސަލަ އިންތިހާއަށް ބޮޑުވުމާ އެކު، އެ ކަން ހައްލު ކުރުމަށް ޓަކައި ފިޔަވަޅުތަކެއް އެޅީ މި ސަރުކާރުންނެވެ.

އެ ގޮތުން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ މަރުހަލާތައް ކުރިޔަށްދަނީ ގާނޫނާއި ގަވާއިދާ އެއްގޮތްތޯ އާއި، ގަރާޖުގެ ވެރިފަރާތުގެ "އިއުތިރާޒު ނުކުރާކަމުގެ ސިޓީ"ގެ ސައްޙަކަން ކަށަވަރު ކުރުމުގެ މަސައްކަތްވަނީ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ފަށާފައެވެ. މި މަސައްކަތުގެ ތެރެއިން އެ މިނިސްޓްރީން ދަނީ ގަރާޖުތަކަށް ގޮސް، އެ ތަންތަނުގެ ހާލަތު ވެސް ބަލަމުންނެވެ.

https://sun.mv/189504

ކާރެއް ރެޖިސްޓްރީ ކުރެވެނީ، އެ ކާރެއް ބާއްވާނެ ޖަރާޖެއް ވެސް އޮވެގެންނެވެ. އެ ގޮތުން މި ކަމުގައި ތަކުލީފު ދިމާވަނީ ގަރާޖެއް ހަމަޖެއްސުމަށެވެ. ނަތީޖާއެއްގެ ގޮތުން، މިހާރު މާލެއަށް ގެންނަ ކާރު، ތިން ހަތަރު މަސް ވެގެންދާއިރު ވެސް، ރެޖިސްޓްރީ ނުކުރެވޭތީ އަލަށް ކާރު ގަންނަ މީހުން އެ ކަމުގެ ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

މި ކަމާ ގުޅިގެން އާންމު ރައްޔިތެއްކަމަށްވާ ޔޫސުފް ސޮފްވާން، މިއަދު "ސަން"އާ މި ކަންބޮޑުވުން ހިއްސާ ކުރަމުން ބުނީ، ކާރު ޕާކު ކުރާނެ ޖާގައެއް ނެތްއިރު، ކާރުތައް ޓޯކޮށް، ފިޔަވަޅު ވެސް އަޅަމުން އަންނަ ކަމަށެވެ.

މާލެ ސަރަހައްދަކީ ބިމުގެ ދަތިކަން އިންތިހާއަށް އޮތް ތަނެއް ކަމަށްވާތީ، މި ސަރަހައްދުގެ ގެތަކުގެ ގްރައުންޑް ފްލޯގައި ޖަރާޖު ހެދެން ނޯންނަކަން އޭނާ ފާހަގަކުރިއެވެ.

އަދި މާލެ ސަރަހައްދުގައި ދިރިއުޅޭ އަތޮޅުތެރޭގެ ރަށްތަކުގެ ގިނަ މީހުންނަކީ މި ސަރަހައްދުގައި އަމިއްލަ ގެދޮރު ހުރި ބައެއް ނޫންކަމުން، އެ މީހުންނަށް މި ކަމުގައި މާ ބޮޑެތި ދަތިތަކެއް ހުރިކަން ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ސޮފްވާން ބުނީ މާލެ ސަރަހައްދުން ގަރާޖު ސިޓީ މިހާރު ގަންނަން ލިބެނީ 120،000 އާއި 150،000 ދެމެދުގެ އަގެއްގައި ކަމަށެވެ. އެހެން ކަމުން، އަތޮޅުތެރެއަށް އުފަން މީހަކު މާލޭގައި ކާރެއް ދުއްވާނަމަ ޖެހެނީ ބޮޑު އަގު ދިނުމަށް ފަހު ގަރާޖު ސިޓީ ގަންނަން ކަމަށް ބުންޏެވެ.

ގިނަ މީހުންނަށް ބޭންކު ލޯނުން ކާރު ގަތުމަށް ފަހު، ކާރު ބާއްވާނެ ޖަރާޖު ގަތުން ވެގެންދަނީ ދަތި ކަމަކަށެވެ.

"ރެޖިސްޓާ ކުރުމުގެ ކަންކަން ތާށިކޮށްލާފައި، ކާރުތައް ވެސް ޓޯ ކޮށްލަނީ... ކެޕިޓަލް މާލޭގައި ގިނައިން އުޅެނީ ރާއްޖެތެރޭ މީހުން، ކޮބާ އެ މީހުންގެ ހައްގު؟," ސޮފްވާން ބުންޏެވެ.

މާޗް 2، 2021: ސިނަމާލެ ބްރިޖް ސަރަހައްދުގައި ހަވީރު ބާރުބޮޑުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެހެން ނަމަވެސް އުޅަނދު ރެޖިސްޓްރީ ކުރުމުގެ ކަންކަން ހަރުކަށި ކޮށްފައި އޮތުމުގެ ސަބަބުން، މާލޭގެ ޕާކިން މައްސަލައަށް ހައްލު އަންނާނެކަން ފާހަގަކޮށް ސޮފްވާން ބުނީ އެއްގޮތަކުން އެއީ ރަނގަޅު ކަމެއް ކަމަށެވެ.

އެހެން ނަމަވެސް ވެހިކަލް ރެޖިސްޓްރީ ކުރުމުގައި ހުރި ދަތިތަކާ ގުޅިގެން އޭނާ ބުނީ ޓްރާންސްޕޯޓު މިނިސްޓްރީއާއި ސަރުކާރުން ވެސް އެ ގަވާއިދުތައް ތަންފީޒު ކުރަންވާނީ ޕާކިން ބިލްޑިންތައް އަޅައި، ޕާކު ކުރާނެ ޖާގަ ދެއްކުމަށް ފަހު ކަމަށެވެ.

މި ކަމާއި ގުޅިގެން ޓްރާންސްޕޯޓު މިނިސްޓްރީގެ އޮފިޝަލަކާ "ސަން"އިން ވާހަކަ ދައްކާލުމުން ވިދާޅުވީ މާލެ ސަރަހައްދުގައި ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަަ ހައްލު ކުރުމަށް، އެ މިނިސްޓްރީން ގެންދަނީ ހަތަރު ފޮރުޅުލީ އުޅަނދު ރެޖިސްޓްރީ ކުރުމުގެ ގަވާއިދު ތަންފީޒު ކުރަމުން ކަމަށެވެ.

އަަދި ސައްހަ ޖަރާޖަކާ އެކު ރެޖިސްޓްރީކުުރުމުގެ ކަންކަން ކުރިޔަށް ގެންދެވޭނެ ކަމަށާއި މިހާރު ވެސް އުޅަނދު ރެޖިސްޓްރީ ކުރުމުގެ ކަންކަން ކުރިޔަށްދާ ކަމަށް ވިދާޅުވިއެވެ.

މާލޭގައި ޕާކިން މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު، ރެޖިސްޓްރީކޮށްގެން ދުއްވާ ގާތްގަނޑަކަށް 80،000 ވެހިކަލްގެ ތެރޭގައި 4500އަށްވުރެ ގިނަ ކާރު ހިމެނެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތީ މާލޭގެ ޕާކިން މައްސަލަ ވެސް ހައްލުކޮށްދެއްވާނެ ކަމުގެ ވައުދުފުޅާ އެކުގައެވެ.

comment ކޮމެންޓް