ހުޅުމާލޭގައި 15 ޕާކިން ބިލްޑިން ތަރައްގީކުރަން ހުޅުވާލައިފި

ހުޅުމާލޭގައި 15 ޕާކިން ބިލްޑިން ތަރައްގީކުރަން ހުޅުވާލައިފި--- ފޮޓޯ/ އެޗްޑީސީ

ހުޅުމާލޭގައި ޕާކިން ބިލްޑިންތަކެއް ތަރައްގީކުރުމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުވާލައިފިއެވެ.

އެޗްޑީސީއިން ބުނީ ހުޅުމާލޭގައި 15 ޕާކިން ބިލްޑިން ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކުން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލާފައި ވާކަމަށެވެ.

މި ޕާކިން ބިލްޑިންތަކަކީ ހުޅުމާލޭގެ ޕާކިން މައްސަލައަށް ހައްލު ހޯދުމަށާއި، ވެހިކަލްތައް ރައްކާތެރިކޮށް ޕާކްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރިއަށްގެންދާ މަޝްރޫއެއް ކަމަށާއި އެ ޕާކިން ބިލްޑިންތަކުގައި ކޮމާޝަލް ޔުނިޓުތައްވެސް ހިމެނޭނެ ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.

އެ މަޝްރޫއު ހަވާލު ކުރުމުގައި އިސްކަންދޭނީ އީޕީސީ ޕްލަސް އެފް އިންޖިނޭރިން، ޕްރޮކިއުމަންޓް، ކޮންސްޓްރަކްޝަން އަދި ފައިނޭންސް މޮޑެލްއަށް ކަމަށާއި ނަމަވެސް އެ ކޯޕަރޭޝަނަށް ހުށަހަޅާ އީއޯއައިތައް އެހެން މޮޑެލްތަކަށް ވެސް ހުށަހެޅޭނެ ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.

ހުޅުމާލޭގައި ތަރައްގީ ކުރަން ނިންމާފައިވާ ޕާކިން ބިލްޑިންގެ ކުރެހުމެއް--- ފޮޓޯ/ އެޗްޑީސީ

އެޗްޑީސީއިން ބުނީ އެއް ފަރާތަށްވުރެ ގިނަ ފަރާތުން އެ މަޝްރޫއަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފިނަމަ މަޝްރޫއު ހަވާލު ކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަށް ކަމަށެވެ. އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ޕްރޮޕޯސްކޮށްފައިވާ ބިޒްނަސް މޮޑަލްއާއި، އޮޕަރޭޓަރުގެ އެކްސްޕީރިއެންސް އަދި ސީއެސްއާރު ހިމެނޭނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އެހެންކަމުން، ހުޅުމާލޭގައި ޕާކިން ބިލްޑިން ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް އަންނަ މަހުގެ 16ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން އެ ކޯޕަރޭޝަންނަށް އީއޯއައި ހުށަހަޅަންވާނެ ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. އީއޯއައިތައް ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް، [email protected] އަށް ކަމަށްވެސް އެޗްޑީސީއިން ވަނީ ބުނެފައެވެ.

އެޗްޑީސީއިން ބުނީ މި މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު އެ ކޯޕަރޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ. އަދި އެ ކޯޕަރޭޝަންގެ ނަންބަރު 1516 އަށް ގުޅައިގެންވެސް އިތުރު މައުލޫމާތު ސާފުކުރެވޭނެ ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.

އެޗްޑީސީއިން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދިނުމަށް ކަމަށެވެ.

comment ކޮމެންޓް