ގްރޭޓާ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ގަރާޖުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން ފަށައިފިއެވެ.
މިކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، އުޅަނދު ރަޖިސްޓްރީ ކުރުމުގައި ގަރާޖުގެ ވެރިފަރާތަށް އެނގުމަކާ ނުލާ އެ ގަރާޖުގައި އުޅަނދު ރަޖިސްޓްރީ ކުރާކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބޭ ކަމަށެވެ.
މިނިސްޓްރީން ބުނީ، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރެޖިސްޓާ ކުރުމުގެ ގަވާއިދުގައި ވާގޮތުން އުޅަނދު ރަޖިސްޓްރީ ކޮށްދެވޭނީ އެ އުޅަނދެއް ރަޖިސްޓްރީ ކުރުމަށް ލިޔެކިޔުންތަށް ހުށަހަޅާއިރު، ގަރާޖެއްގައި އުޅަނދެއް ބޭއްވުމަށް ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމާއި، ގަރާޖުގެ ވެރިފަރާތަކީ ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީކާޑުގެ ކޮޕީއާއި އުޅަނދު ބާއްވާ ގަރާޖަކީ ރަޖިސްޓްރީ ކޮށްފައިވާ ގަރާޖެއްކަން އިނގޭ ލިޔެކިޔުންތައް ހުށަހެޅުމުން ކަމަށެވެ.
އެހެންކަމުން މިނިސްޓްރީން ކުރާނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ މަރުހަލާތައް ގާނޫނާއި ގަވާއިދާ އެއްގޮތްތޯ އާއި، ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒު ނުކުރާކަމުގެ ސިޓީއަކީ ސައްހަ ސިޓިއެއްތޯ ޔަގީންކުރުމުގެ މަސައްކަތް ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އުޅަނދު ރަޖިސްޓްރީކުރަން ހުށަހަޅާ ގަރާޖަކީ އުޅަނދު ބޭއްވޭ ގޮތަށް ހުރި ތަނެއްތޯ ޔަގީން ކުރާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ ޕާކު ކުރާނެ ތަނެއް ނުދައްކާ އުޅަނދުތަކުގައި ސްޓިކާ ނުޖަހާނެ ކަމުގެ ވައުދުފުޅާ އެކުއެވެ. އެއާއެކު މުޅި މާލޭގައި ހަމައެއް ލަމައެއް ނެތި އުޅަނދުތައް ޕާކުކޮށް މަގުތައް ފުރާލިއެވެ.
ނަމަވެސް، މާލެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކާމެދު އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ މިދިޔަ އާދިއްތަ ދުވަހު ބުނެފައެވެ. އެގޮތުން އަޅާނެ ފިޔަވަޅުތަކަކީ ޖޫރިމަނާ ކުރުމާއި އުޅަނދު ޓޯކުރުން ކަމަށް ފުލުހުން ބުނެފައިވެއެވެ.