އުންމީދަކީ 2 އަހަރު ތެރޭ ޕާކިން މައްސަލަ ހައްލުކުރުން: ފަޒުލް

އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު: ވިދާޅުވީ އުންމީދަކީ ކުރިއަށް އޮތް 2 އަހަރެއްގެ ތެރޭ ޕާކިން މައްސަލަ ހައްލުކުރުން ކަމަށް --- ފޮޓޯ/ އެޗްޑީސީ

އުންމީދަކީ ކުރިއަށް އޮތް ދެ އަހަރެއް ތެރޭ މާލޭ ސަރަހައްދުގެ ޕާކިން މައްސަލަ ހައްލުކުރުން ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީ ފަޒުލް މިހެން ވިދާޅުވީ، މާޅެ ސަރަހައްދުގައި ނުގަވާއިދުން ހުރި އުޅަނދުތައް ވަގުތީ ގޮތުން ބަދަލު ކުރުމަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ހަމަޖެއްސި ބިން ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލު ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި ފަޒުލް އިތުރަށް ވިދާޅުވީ، ނުގަވާއިދުން ހުރި އުޅަނދުތައް ބެހެއްޓުމަށް ވަގުތީ ގޮތުން ޕާކު ކުރާނެ ބިމެއް ހަމަޖައްސައިދިން ނަމަވެސް އެޗްޑީސީގެ އުންމީދަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ޕާކިން މައްސަލައަށް ދާއިމީ ހައްލެއް ގެނައުން ކަމަށެވެ.

އުސްފަސްގަނޑު ސަރަހައްދު ވެހިކަލްތަކުން ފުރާލާފައި: އެމްޑީ ފަޒުލް ވިދާޅުވީ އުންމީދަކީ ކުރިއަށް އޮތް 2 އަހަރެއްގެ ތެރޭ ޕާކިން މައްސަލަ ހައްލުކުރުން ކަމަށް --- ސަން ފައިލް ފޮޓޯ: އިބްރާހިމް ޝަމްވީލް

އެގޮތުން، ހުޅުމާލޭގައި އެޅުމަށް ނިންމާފައިވާ 15 ޕާކިން އިމާރާތުގެ މަސައްކަތް ފެށުމަށް އެ ކޯޕަރޭޝަނުން ތަރުތީބު ކުރަންޖެހޭ ކަންކަން ތަރުތީބު ކުރުމަށް ފަހުގައި އެންމެ ލަސްވެގެން މި އަންނަ މަހުގެ ނިޔަލަށް އެކަމާ ގުޅޭ އިއުލާނު ނެރުއްވާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން ފަޒުލް ވިދާޅުވީ، ކޮންމެ އިމާރާތެއްގައި ހުޅުމާލޭގެ އިމާރާތްތަކުގައި އުޅޭ ފަރާތްތަކަށް ޚާއްސަ ކުރެވޭނީ ވަކި އަދަދެއް ކަަމަށެވެ.

މުސްތަގުބަލުގައި ކޮމާޝަލް ޔުނިޓްތަކާއި ސޯލާ ބޭނުންކޮށް އެ އިމާރާތްތައް ބެލެހެއްޓުމުގެ އިތުރުން ޕާކިން ސްލޮޓްތަކަށް ފީއެއް ނެގުމަށް ވިސްނާފައި އޮތް ކަމަށް ފަޒުލް ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ އުންމީދަކަށް ވާނީ ކުރިއަށް އޮތް ގާތްގަނޑަކަށް ދެ އަހަރެއްގެ ތެރޭގައި މިއަށް ދާއިމީ ހައްލެއް އައުން. އެހެންވީމާ އެ އަމާޒުގައި އަޅުގަނޑުމެން މަސައްކަތް ކުރާއިރުގައި ޕާކިން ޕްރީ ސޭލް އެކްޓިވިޓީސްތައް އެޗްޑީސީގެ ބެލުމުގެ ދަށުން އަޅުގަނޑުމެން ގެންގޮސްދޭނަން، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު

ހުޅުމާލޭގައި އަޅާ ޕާކިން އިމާރާތްތަކުން މަދުވެގެން 4،000 ޕާކިން ފުރުސަތު ފަހިވާނެ ކަމަށް މީގެކުރިން ފަޒުލް ވަނީ ވިދާޅުވެފައެވެ.

ސިނަމާލެ ބްރިޖް ސަރަހައްދުގައި ހަވީރު ބާރުބޮޑުވުން: އެމްޑީ ފަޒުލް ވިދާޅުވީ އުންމީދަކީ ކުރިއަށް އޮތް 2 އަހަރެއްގެ ތެރޭ ޕާކިން މައްސަލަ ހައްލުކުރުން ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި މަޝްރޫއުގެ މަގުސަދަކީ މާލެއާއި ހުޅުމާލޭގެ ތޮއްޖެހުމަށް ހައްލެއް ހޯދައިދިނުމަށް ރައްޔިތުންނަށް ފަސޭހަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ކަމަށް ފަޒުލް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، އެންމެ ގިނަވެގެން ދެ އަހަރާއި ތިން އަހަރާ ދޭތެރޭ ޕާކިން އިމާރާތްތައް ނިންމައި ޕާކިން މައްސަލައަށް ހައްލެއް ހޯދޭނެ ކަމަށް އުންމީދު ކުރައްވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

https://sun.mv/195548

މާލެ ސަރަހައްދުގައި ޕާކިން މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަނާއި، މާލެ ސިޓީ ކައުންސިލާއި، ޓްރާންސްޕޯޓް މިނިސްޓްރީއާއި ޕޮލިހުން އަދި ހޯމް މިނިސްޓްރީ ގުޅިގެން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ މާލޭގެ ޕާކިން މައްސަލަ ހައްލުކޮށްދެއްވާނެ ކަމުގެ ވައުދުފުޅާ އެކުގައެވެ.

comment ކޮމެންޓް