ޓެރަރިޒަމް ހިންގާކަމަށް ޝައްކުކުރެވޭ ލަންކާ 4 މީހުން އިންޑިއާއިން ހައްޔަރުކޮށްފި

އިންޑިއާ ފުލުހުން. ޓެރަރިޒަމްއާ ގުޅުން ހުރި ކަމަށް ޝައްކު ކުރެވޭ ސްރީލަންކާގެ ހަތަރު މީހުން އިންޑިއާ ފުލުހުން ވަނީ ހައްޔަރުކޮށްފައި. ފޮޓޯ/އެރެބް ނިއުސް

އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން ހުރި ކަމަށް ޝައްކު ކުރެވޭ ސްރީލަންކާގެ ހަތަރު މީހުން އިންޑިއާގެ ހުޅަނގުގެ ސިޓީއެއް ކަމަށްވާ އަހުމަދުއާބާދުން ހައްޔަރުކޮށްފިއެވެ.

ގުޖުރާތު ސްޓޭޓްގެ ފުލުހުންގެ އެންމެ އިސް އޮފިސަރު ވިކާސް ސަހާއީ ވިދާޅުވީ އެ މީހުން ހައްޔަރުކުރީ އާދީއްތަ ދުވަހުގެ ރޭ ދަންވަރު އެ ސިޓީގެ އެއާޕޯޓުން ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. އަހުމަދުއާބާދަކީ ގުޖުރާތު ސްޓޭޓްގެ ސިޓީއެކެވެ.

"މިހާތަނަށް ކުރި ތަހުގީގުތަކުން އެގުނު ގޮތުގައި އެމީހުން ގުޅިފައި ވަނީ މިހާރު ޕާކިސްތާނުގައި ދިރިއުޅެމުން އަންނަ އަބޫ ނަމަކަށް ކިޔާ އައިއެސްގެ މުހިއްމު ލީޑަރަކާ. އިތުރު ތަހުގީގުތައް ކުރިއަށްދާ ވަރަކަށް ހާމަކުރާނަން." ސަހާއީ ވިދާޅުވިއެވެ.

ހައްޔަރުކުރި ހަތަރު މީހުންނަކީ ސްރީ ލަންކާގެ ރައްޔިތުކަން އޮންނަ މުހައްމަދު ނޫސްރަތު (33އ)، މުހައްމަދު ނަފްރާން (35އ)، މުހައްމަދު ފާރިސް (27) އަދި މުހައްމަދު ރަޝްދީން (43އ) އެވެ.

އެކަމާ ގުޅިގެން ލަންކާގެ ހާރިޖީ ވުޒާރާއިން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއްނުވެއެވެ.

ސަހާއީ ވިދާޅުވީ އެ މީހުން ދިރިއުޅޭތަނުން އައިއެސްގެ ދިދައެއް ގުޖުރާތު ޕޮލިސްގެ އެންޓި ޓެރަރިޒަމް ސްކޮޑުން ވަނީ ހޯދާފައެވެ. އޭގެއިތުރުން ދެ މޯބައިލް ފޯނެއް ތަހުލީލުކުރުމުން އެ މީހުންނާއި އައިއެސްއާ ގުޅުން ހުރި ކަމަށް ދޭހަވާ އެކި ފޮޓޯތަކާއި ވީޑިއޯތައް ފެނިފައިވާ ކަމަށް ވެސް ސަހާއީ ވިދާޅުވިއެވެ.

އަދި އަހުމަދުއާބާދު ކައިރީގައި ހުރި ތަނަކުން އިސްލާމިކް ސްޓޭޓްގެ އިތުރު ދިދައަކާ އެކު ތިން ފިސްތޯލަ ވެސް ފެނިފައިވާ ކަމަށް ސަހާއީ އިތުރަށް ވިދާޅުވިއެވެ.

comment ކޮމެންޓް