ރައީސީ އަވަހަށް ފެންނާނެ ކަމަށް އުއްމީދުކުރައްވައި، ރައީސްގެ ހެޔޮ އެދުން އީރާނަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް

އީރާނުގެ ރައީސް އިބްރާހީމް ރައީސީ ވަރަށް އަވަހަށް، ހެޔޮ ހާލުގައި ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސީ ދަތުރުކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު އެކްސިޑެންޓުވެ، އުޅަނދާ މުވާސަލާތީ ގުޅުން ކެނޑިފައިވާތީ، ރައީސްގެ ހާލަތު އަދިވެސް ކަށަވަރުނުވެއެވެ.

އީރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރައީސީގެ އިތުރުން ހެލިކޮޕްޓަރުގައި ފޮރިން މިނިސްޓަރު ހުސައިން އާމިރު އަބްދުލްހައްޔާނާއި އީސްޓް އަޒަރުބައިޖާން ޕްރޮވިންސުގެ ގަވަރުނަރު މާލިކް ރަހުމަތީ އާއި ތަބްރީޒް ޕްރޮވިންސުގެ އިމާމް މުހައްމަދު އަލީ އަލް ހާޝިމް ތިއްބެވިއެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސީއާއި ވަފުދުގެ ބޭފުޅުން ދަތުރުކުރައްވަމުން ގެންދެވި ހެލިކޮޕްޓަރުގެ ހާދިސާއާ ގުޅޭ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.

ރައީސް ވަނީ، އެ ވަފުދު ސަލާމަތްކަމާއެކު ވީހާވެސް އަވަހަށް ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި މީހުން ސަލާމަތް ކުރުމުގެ މަސައްކަތާއި އެ މަނިކުފާނާއި ދިވެހިންގެ ފަރާތުން ހެޔޮ އެދުންތައް ފޮނުއްވާ ކަމަށް ވިދާޅުވެފައެވެ.

އީރާނުގެ މީޑިއާތަކުގައިވާ ގޮތުން، ރައީސީގެ ހެލިކޮޕްޓަރު ގެއްލުނީ މިއަދު އެގައުމުގެ އީސްޓް އަޒަރުބައިޖާނުގައި އޮތް ރަސްމިއްޔާތަކަށް ވަޑައިގަތުމަށް ފަހު ވެރިރަށް ތެހެރާނަށް އެނބުރި ވަޑައިގެންނެވި މަގުމަތީގައެވެ.

އެ ހެލިކޮޕްޓަރާ ކުޑަ ވަގުތުކޮޅަކަށް މުވާސަލާތު ކުރެވުނު ކަމަށާއި އެގޮތުން ކުއްލިއަކަށް އުޅަނދު ޖައްސަން ޖެހުނުކަން މައުލޫމާތު ލިބިފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުގައިވެއެވެ.

އީރާނުގެ ސްޓޭޓް ޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި ހެލިކޮޕްޓަރު ޖައްސަން ޖެހުނީ ތެހެރާނާ ގާތްގަނޑަކަށް 600 ކިލޯމީޓަރު ދުރުގައި އޮންނަ ޖޮލްފާއަށެވެ. ނަމަވެސް ފަހުން އެ ޓީވީން ވަނީ ހެލިކޮޕްޓަރު އޮތް ކަމަށް ބެލެވެނީ އުޒީ ކިޔާ އަވަށެއްގެ ކައިރީގައި ކަމަށް ބުނެފައެވެ.

އީސްޓް އަޒަރުބައިޖާނުގެ މޫސުމާ ބެހޭ އިދާރާގެ ވެރިޔާ ހަބީބް އަބްދުﷲ ވިދާޅުވެފައިވާ ގޮތުގައި، ހެލިކޮޕްޓަރު ގެއްލިފައިވާ ސަރަހައްދުގައި މުޅި ރޭ ވެސް ބޯކޮށް ވާރޭވެހި، ބާރަށް ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން، ވައިގެ މަގުން ހެލިކޮޕްޓަރު ހޯދުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް މީގެ ކުރިން ވަނީ ރިޕޯޓުކޮށްފައެވެ.

comment ކޮމެންޓް